ފުލުހުންގެ އެ ނިންމުމާއި ގުޅިގެން އިބްރޭ ވަނީ އެއީ ޓްރެފިކް މައްސަލައެއްތޯ ނޫނީ ސިޔާސީ މައްސަލައެއްތޯ ސުވާލު ކުރައްވާފައެވެ.
ޓްރެފިކް ގަވާއިދަކާ ހިލާފުވި ކަމަށް ނިންމާ އެމްޑީޕީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ޖޫރިމަނާ ކުރި މައްސަލައެއްގައި ދިވެހި ފުލުހުންގެ ހިދުމަތާއި ކޮމިޝަނަރު މުހައްމަދު ހަމީދަށް އިބްރޭ ސުވާލެއް ކުރިމަތި ކޮށްފި އެވެ.
އިބްރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުނީފޯމްގައި ހުރި ސްކޫލް ކުއްޖެއް ގޮވައިގެން ދަނިކޮށް އޭނާ ހުއްޓުވާ ވަރަށް ހަޑިކޮށް ވާހަކަ ދައްކާ -- އޮރެންޖް ލައިޓް ދިއްލިފާ ހުއްޓާ ހުރަސް ކުރި ކަމަށް ބުނެ ލައިސަންސް ކާޑު އަތުލައި ޖޫރިމަނާ ސްލިޕެއް ދީފައިވާ ކަމަށެވެ.
ފުލުހުންގެ އެ ނިންމުމާއި ގުޅިގެން އިބްރޭ ވަނީ އެއީ ޓްރެފިކް މައްސަލައެއްތޯ ނޫނީ ސިޔާސީ މައްސަލައެއްތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލު ކުރެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ ޓްވީޓާ އެކައުންޓާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގް ކުރައްވައެވެ.
އިބްރޭ ވަނީ ގެޒެޓްކޮށްފައިވާ ގަވާއިދުގައި އޮރެންޖް ލައިޓް ދިއްލިފައި ހުންނަ ވަގުތުތަކުގައި ދެވޭނެ ހާލަތްތައް ބަޔާން ކޮށްފައިވާތީ އެކަންވެސް ޓްވީޓްގައި ހިއްސާ ކުރައްވާފައެވެ.
ގެޒެޓްކޮށްފައިވާ ގަވާއިދުގައި ވާ ގޮތުން އޮރެންޓް ލައިޓަކީ ޓްރެފިކް ހުއްޓުވުމަށް ރަތް ލައިޓް ދިއްލެން އުޅޭ ކަމުގެ އިންޒާރެކެވެ. ދުއްވަމުންދާ އުޅަނދެއް ހުއްޓާ ރޮނގާއި ކައިރިވެފައިވަނިކޮށް އޮރެންޖް ލައިޓް ދިއްލިއްޖެނަމަ އެ ރޮނގު ހުރަސްނުކޮށް މަޑުކުރަން ވާނެ ކަމަށެވެ. މިފަދަ އުޅަނދެއް ހުއްޓާ ރޮނގު ހުރަސްކުރުމަށް ފަހު އޮރެންޖް ލައިޓް ދިއްލިއްޖެނަމަ ނުހުއްޓާ ދާންވާނީ ނުހުއްޓާ ދިއުމުގައި ނުރައްކަލެއް ނެތްކަން ޔަގީންވާނަމަ ކަމަށްވެސް ބުނެފައިވެއެވެ.