ސްޓެލްކޯގެ ޓެކްނިކަލް ވަޒީފާތައް އަދާކުރާ އަންހެން މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ހުށަހަޅުއްވަން ވިސްނަވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި ކުންފުނީގެ މުވައްޒަފުންގެ މާހެފުމެއްގެ ގޮތުގައި ރޭ ކުޑަގިރީގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެ ކުންފުނީގައި މިހާރު މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ފިރިހެނުން ކަމަށެވެ.
"ފަނަރަ ސަތޭކަ އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރުގައި 20 ޕަސެންޓު ނުވަތަ 19.5 ޕަސެންޓް -- ގާތްގަނޑަކަށް 250 އެއްހާ މުވައްޒަފުން، އަންހެނުން މި މަސައްކަތް ކުރަނީ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ވަޒީފާތަކުގައި އަންހެނުން މަސައްކަތް ކުރާ މިންވަރު އަތޮޅުތެރޭގައި ވަކިން ދަށް ކަމަށެވެ. ހާއްސަކޮށް ޓެކްނިކަލް މަގާމުތަކަށް އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހުރި ނަމަވެސް، މުޖުތަމައުގެ ބައެއް ގަބޫލުކުރުންތަކާ ހެދި އެފަދަ މަގާމުތަކަށް އަންހެނުން އަންނަ އަދަދު މަދުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެން ކަމުން އަންހެނުން އެފަދަ ވަޒީފާތަކުގައި ގިނަ ކުރުމަށް އިތުރު ހިތްވަރެއް ދޭން ޖެހޭ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާމުން މާ ދުރު ނޫން މުސްތަގުބަލެއްގައި، ކުރިމަގުގައި އަޅުގަނޑު ޚިޔާލުކުރަން އެފަދަ ފުރުސަތު ތަކަށް [ޓެކްނިކަލް ވަޒީފާތަކަށް] ކުރިމަތިލައްވާ [އަންހެން] ބޭފުޅުންނަށް އިތުރު އެލަވަންސެއް ދޭން ބޯޑަށް ހުށަހަޅަން،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ސްޓެލްކޯގައި މަސައްކަތް ކުރާ އަންހެނުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.