އެކަމަނާގެ މައިގަނޑު ވާހަކައަކީ ޖިންސުގެ ހަމަހަމަ ކަމަށް މަސައްކަތްކޮށް އެ ފުރުސަތު ހަމަހަމައިގައި ދިނުމެވެ. އަދި އެ ފުރުސަތާއެކު ލިބޭ ޖާގާގައި އަންހެނުންނަށް ކޮޅަށް ތެދުވުމެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރަން ރޭ ޖުމްހޫރީ ޕާޓީ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ރަނގަޅު ބައިވަރު ވާހަކަފުޅު ދެއްކެވި އެވެ. ނަސޭހަތާއި އިބުރަތާއި ހިތްވަރުގެ ވާހަކަތައް ވެސް ވިދާޅުވެ ދެއްވި އެވެ. އެކަމަނާ ފިސާރި އަންހެނަކަށް ވެވަޑައިގެންނެވި ގޮތް ހިސާބަށް ވިދާޅުވެ ދެއްވި އެވެ.
އެކަމަނާގެ ނަސޭހަތުގެ މައިގަނޑަކީ އަންހެނުން ކަންކަމާ ކުރިމަތި ލުމަށެވެ. މީހަކު ކިޔައިފާނެ އެއްޗަކަށް ނުބެލުމަށެވެ. ފަހަތުން ލަވާ ހަޅޭކާއި، ކުރާ ފުރައްސާރައަށް ނުބަލައި ހިނގައިގަތުމަށެވެ:
"އަޅުގަނޑުމެން ހަނދާންކޮށްލަންވީ ﷲ ތައާލާ ވިހެއުމުގެ ނިއުމަތް ދެއްވީ އަޅުގަނޑުމެންނަށޭ... ވަރަށް ބުރައެކޭ! ވަރަށް ތަކުލީފޭ، ވަރަށް ތަދުވާ ހިނދުކޮޅެކޭ! އެ ގަޑިއަށް އަޅުގަނޑުމެންނަށް ކެތްކުރެވެންޏާ ދެން ކޮންކަމަކާހޭ ކުރިމަތި ނުލެވެންވީ،"
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ އަނބިކަނބަލުން އަދި ރާއްޖޭގައި ދުވަހަކު ވެސް ބަޔަކު ނުދެކޭހާ އަދި ދެން ނުވެސް ފެންނާނެހާ ބާރުގަދަ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ އަންހެނަކު ކަމަކާ ކުރިމަތިލައި ނުކުމެއްޖެ ނަމަ ރާއްޖޭގައި އޮތް ހަގީގަތަކީ ވަރަށް ގިނަ އުނދަގޫތަކާއި ދުއްތުރާތަކާއި ކުރިމަތި ކުރުވުން ކަމަށާއި މަގާމެއްގައި / ތަނެއްގައި އަންހެނަކު އިސްކޮށް ހުންނަނަމަ ފިރިހެނުންނަށް އުނދަގޫވާ ކަމަށެވެ. އެ ވިސްނުން ބަދަލު ކުރަން ގޮވާލައްވާ ކަމަށެވެ.
އަޅުގަނޑުމެން ހަނދާންކޮށްލަންވީ ﷲ ތައާލާ ވިހެއުމުގެ ނިއުމަތް ދެއްވީ އަޅުގަނޑުމެންނަށޭ... ވަރަށް ބުރައެކޭ! ވަރަށް ތަކުލީފޭ، ވަރަށް ތަދުވާ ހިނދުކޮޅެކޭ! އެ ގަޑިއަށް އަޅުގަނޑުމެންނަށް ކެތްކުރެވެންޏާ ދެން ކޮންކަމަކާހޭ ކުރިމަތި ނުލެވެންވީ،
އައިޝަތު ނަހުލާ | ޓްރާންސްޕޯޓް މިނިސްޓަރު
ވަރަށް ޒުވާން އުމުރުފުޅުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ އަދި ބޮޑު އެއް ސިޔާސީ ލީޑަރު ގާސިމާ ކައިވެނި ބައްލަވައިގެން ގިނަ ބޭފުޅުންތަކެއް މަންމައަކަށް ވެވަޑައިގެންނެވި އަދި އޭގެ ފަހުން ސިޔާސީ މައިދާނަށް ނުކުންނަވައި ވަޒީރުކަމާއި ޕާޓީގެ ލީޑަޝިޕަށް ވެސް ވަޑައިގެންނެވި ނަހުލާ ވިދާޅުވި ގޮތުގައި އެކަމަނާ ސިޔާސީ މައިދާނާ ނުކުންނެވުމުން ވެސް ކަންތައްތައް ފަސޭހައެއް ނުވި އެވެ. އެތައް ބައިވަރު ގޮންޖެހުންތަކާއި، އުނދަގޫތަކެއް ދިމާވި އެވެ.
"މިނިސްޓަރީއަކަށް ޖޮއިން [ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއް] ކުރި ފަހުން، އެތަނުގައި އަޅުގަނޑަށް ތެދަށް ދަންނަވަންޏާ ކަންތައްތަކެއް ފަސޭހައެއް ނޫން! ބައެއް ބޭފުޅުންގެ ބައެއް ފިރިހެން ބޭފުޅުންގެ ވިސްނުން ހުންނަ ގޮތުން އަންހެން ބޭފުޅެއް ނޫނީ އަންހެނަކު ތަނެއްގައި އިސްކޮށް ހުރީމަ އުނދަގޫވާ ގޮތްވޭ، އެކަމަކު ވެސް އަޅުގަނޑު ދަންނަވާލާނީ ތި ވިސްނުން ބަދަލު ކުރާށޭ!" ނަހުލާ ވިދާޅުވި އެވެ. "ތިޔަ ލޮބުވެތި ކަނބަލުންނަށް ދަންނަވާލަން އޮތީ ގޮތް ދޫ ނުކުރައްވައްޗޭ، ފިސާރި ކެރިގެން، ފޯރިއާއި ޖޯޝިއާއި އެއްކޮށް ނުކުމެ މަސައްކަތް ކުރައްވާށޭ، ﷲ އިރާދަފުޅުން ކާމިޔާބު ވާނެއޭ،"
އެކަމަނާގެ މައިގަނޑު ވާހަކައަކީ ޖިންސުގެ ހަމަހަމަ ކަމަށް މަސައްކަތްކޮށް އެ ފުރުސަތު ހަމަހަމައިގައި ދިނުމެވެ. އަދި އެ ފުރުސަތާއެކު ލިބޭ ޖާގާގައި އަންހެނުންނަށް ކޮޅަށް ތެދުވެ ހިނގައިގަތުމެވެ.
"އަޅުގަނޑުމެންގެ ބަސް ކަންތައްތައް ނިންމުމުގައި ޕޮލިސީ މޭކް ކުރުމުގައި ހިމަނަން އެބަ ޖެހޭ އެއީ މުހިންމު ކަމެއް. އޭގެ ސަބަބުން އަންނަ ޖީލަށް އޭގެ ފައިދާ ކުރާނެ،" ނަހުލާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި އަންހެނުން އަޅުގަނޑުމެންގެ އަންހެނުންގެ ފަހަތުގައި ތިބެން ޖެހެ އެވެ. އެއީ ފަސޭހަ ކަމެކެވެ.
"އަޅުގަނޑުމެންނަކީ ނުލާހިކު ނަަލަ ބައެއް... އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ނަފްސުތައް ވަރަށް އަގު ބޮޑު! އަޅުގަނޑުމެން އަންހެނުން އެކަކު، އަނެކަކަށް ނުކުރި އިހްތިރާމެއް ކުރި ގަދަރެއް، އަޅުގަނޑުމެންނަކަށް އެއްވެސް ތާކުން ނުލިބޭނެ،"