ރައީސް ވިދާޅުވި ގޮތުގައި އަންހެނުންނަށް ހާއްސަ މިފަދަ ދުވަހެއްގައި ހަނދާން އައުކޮށް ދެނީ ދިވެހި މި މުޖްތަމައުގެ ކުރިއެރުމަށް އަންހެނުން އަދާ ކުރާ މުހިންމު ދައުރެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވަން އިތުރު ސަމާލު ކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސްގެ ޓްވީޓްގައި މުޖްތަމައުގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަމާއި މަތިވެރިކަން ފާހަގަ ކުރައްވާ ތައުރީފު ކުރެއްވި އެވެ. ވިދާޅުވީ އަންހެނުންނަށް ހާއްސަ މިފަދަ ދުވަހެއްގައި ހަނދާން އައުކޮށް ދެނީ ދިވެހި މި މުޖްތަމައުގެ ކުރިއެރުމަށް އަންހެނުން އަދާ ކުރާ މުހިންމު ދައުރު ކަމަށެވެ. އެއީ ބަދަލު ނުކުރެވޭނެ އަދި އެ ދައުރާމެދު އިންކާރު ނުކުރެވޭނެ ދައުރެއް ކަމަށްވެސް ވިދާޅުވިއެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ އިން ކަނޑައަޅާފައިވާ ހާއްސަ ޝިއާރާއި ގުޅޭގޮތުންވެސް ރައީސްގެ ޓްވީޓްގައި އަލިއަޅުވާލައްވާފައިވެއެވެ. މިއަހަރުގެ ޝިއާރަކީ "ޑިޖިޓްއޯލް - އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" އެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލް މުސްތަގުބަލެއް ބައްޓަން ކުރުމަށް އަދި އެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ތަފާތުތައް ނައްތާލަން އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.