ސީރިއާގެ ދާހިލީ ހަނގުރާމައިގައި ފުޅަލަށް ގެއްލުން ލިބުނު ހަލަބް ސިޓީއަށް މިދިޔަ މަހު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ވެސް ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ.
ސީރިއާގެ ހަލަބް އެއާޕޯޓަށް އިޒްރޭލުން މިސައިލް ހަމަލާ ދީ ގެއްލުންތައް ދީފި އެވެ. ވައިގެ މަގުން އިޒްރޭލް ސިފައިން ހަލަބް އެއާޕޯޓަށް ހަމަލާ ދިނީ މިއަދު ހެނދުނު އެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ. އެކަމަކު އެއާޕޯޓްގެ ރަންވޭއިން ބައެއް ވަނީ ހަލާކު ކޮށްލާފަ އެވެ. އެއާޕޯޓަށް ގެއްލުންތައް ލިބުމާއެކު އޮޕަރޭޝަން ހުއްޓާލައި ވަނީ ބަންދު ވެސް ކޮށްފަ އެވެ.
އިޒްރޭލުގެ ސިފައިން ހަލަބް އެއާޕޯޓަށް ވައިގެ ހަމަލާދޭ މަންޒަރު ދައްކުވައިދޭ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުން ދެ އެވެ. އެ ވީޑިއޯތަކުން ފެންނަނީ އެއާޕޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ވާތީ އެވެ. އިޒްރޭލުން ސީރިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގެ އެތެރޭގެ ތަންތަނަށް އަމާޒުކޮށް މިފަދަ ގިނަ ހަމަލާތައް އަބަދުވެސް ދެ އެވެ.
އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހަލަބް އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ފޮނުވާލި އެވެ. އަދި އަސްކަރީ މަސްދަރަކާ ހަވާލާދީ ރިޕޯޓްތައް ބުނީ އިޒްރޭލުގެ އެ ރޭޑްގެ ސަބަބުން އެއާޕޯޓަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބި ހިދުމަތް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.
މި ހަމަލައާ ގުޅިގެން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައިގައި ފުޅަލަށް ގެއްލުން ލިބުނު ހަލަބް ސިޓީއަށް މިދިޔަ މަހު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ވެސް ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ގައުމުތަކުން އެހީގެ ޝިޕްމަންޓްތައް ހަލަބް އެއާޕޯޓް މެދުވެރިކޮށް ސީރިއާއަށް ވައްދާފައި ވެއެވެ.