ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަންހެނުންނަށް ތައުލީމު ދިނުމުގެ ހައްގު ނުދިނުމަކީ ތާލިބާނުންގެ ސަރުކާރަށް ބޭނުންވާ އެހީ އާއި ސަރުކާރު ބަލައިގަތުމާ ގުޅޭ މަޝްވަރާތަކުގައި ތާށިވާ ސަބަބަކަށް ހަދާފަ އެވެ.
ވިންޓާ ބްރޭކަކަށް ފަހު އަފްޣާނިސްތާނުގައި އެ ގައުމުގެ ޔުނިވާސިޓީތައް އަލުން ހުޅުވާލައި ފިރިހެން ދަރިވަރުން އަނބުރާ ކްލާސްތަކަށް ވަދެފައިވި ނަމަވެސް ވެރިކަންކުރާ ތާލިބާނުން އަދިވެސް އުނގެނުމުގެ ފުރުސަތު އަންހެނުންނަކަށް ނުދެ އެވެ. އަންހެނުން ޔުނިވާސިޓީއަށް ކިޔަވާން ދިއުން އަދިވެސް ވަނީ މަނާ ކޮށްފަ އެވެ.
ޔުނިވާސިޓީތައް އަންހެނުންނަށް މަނާ ކުރުމަކީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހު ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން އަންހެނުންނަށް އަޅާފައިވާ ބައެއް ހުރަސްތަކުގެ ތެރެއިން އެއް ހުރަހެވެ. އޭގެ ސަބަބުން ދުނިޔެ އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުމާއި ފާޑުކިޔުންތައް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް އަމާޒުވެފައި ވެއެވެ.
"އަހަރެމެން އަންހެނުން ގޭގައި މަޑުކުރަން ޖެހޭއިރު ފިރިހެން ކުދިން ޔުނިވާސިޓީއަށް ދާ މަންޒަރުތައް ފެނުމަކީ ހިތްދަތި ކުރުވާ ކަމެއް،" މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ގޫރުގެ އުމުރުން 22 އަހަރުގެ ރާހެލާ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "މިއީ އަންހެން ކުދިންނާ މެދު އޮތް ޖިންސުގެ ތަފާތު ކުރުމެއް. އިސްލާމްދީނުގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބިގެންދޭ އަހަރެމެން އުނގެނުމާއި ދަސް ކުރުން އެއްވެސް މީހަކު ހުއްޓުވައިގެނެއް ނުވާނެ،"
ތާލިބާން ސަރުކާރުން އަންހެން ދަރިވަރުން ޔުނިވާސިޓީއަކަށް ދިއުން މަނާ ކޮށްފާއިވާއިރު އަންހެން ދަރިވަރުން ހެދުން އެޅުމުގައި ވެސް ހަރުކަށި އުސޫލަކާއި ކެމްޕަހަށް ދިއުމާއި ފިރިހެނަކާ އެކުގައި އުޅުމާއި ދިއުމާއި އައުމުގައި އުސޫލުތަކެއް ހަދާފައި ވެއެވެ. ގިނަ ތަންތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކި ދޮރާއްޓާއި ވަކި ކްލާސްރޫމް ތައާރަފް ކުރުމުގެ އިތުރުން އަންހެނުންނަށް ކިޔަވައި ދިނުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި އަންހެން ޕްރޮފެސަރުން ނުވަތަ މުސްކުޅި ފިރިހެނުންނަށެވެ.
"މިއަދު އެތައް ހާސް އަންހެން ކުދިން ތައުލީމުން މަހުރޫމް ވެފައިވާތަން ފެނުމަކީ ވޭންދެނިވި ކަމެއް،" ހެރަތު ޔުނިވާސިޓީގެ ކޮމްޕިއުޓާ ސައިންސްގެ ދަރިވަރު މުހައްމަދު ހަސީބު ހަބީބްޒާދާ އޭއެފްޕީ ނިއުސް އެޖެންސީއަށް ބުންޏެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި މައްސަލައަށް ހައްލެއް ހޯދަން ލެކްޗަރާއިންނާއި އެހެން ދަރިވަރުންނާ ވާހަކަ ދައްކައިގެން، ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް އެކުގައި ކިޔަވައި ކުރިއަރައި ދެވޭނެ ގޮތެއް އޮންނާނެ ގޮތަކަށް."
އަފްޣާނިސްތާނުގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ ކާބުލް ޔުނިވާސިޓީގެ އިންޖިނިއަރިން ދަރިވަރެއް ކަމަށްވާ އެޖަތުالله ނެޖާތީ ބުނީ އުނގެނުމުގެ ހައްގަކީ އަންހެނުންނަށް ވެސް އޮތް އަސާސީ ހައްގެއް ކަމަށެވެ.
"ވަކި ދުވަހެއްގައި ކްލާސްތަކަށް ހާޒިރު ވިޔަސް އެއީ މައްސަލައެއް ނޫން. އެމީހުންނަށް ތައުލީމުގެ ހައްގު ލިބިގެންވޭ. އެ ހައްގު އެމީހުންނަށް ދޭން ޖެހޭނެ،" ނެޖާޓީ ބުންޏެވެ.
ތާލިބާނުންގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި އަންހެނުންގެ ތައުލީމު މަނާ ކުރުމަކީ ވަގުތީ ކަމެކެވެ. އެހެން ބުނި އިރު އެ ހުއްދަ އޮންނާނެ ކަމަށްވި ވައުދުތަކަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަންހެން ކުދިންނަށް ސާނަވީ ސްކޫލްތައް ހުޅުވުމިގައި ތާލިބާން ސަރުކާރު ވަނީ ނާކާމިޔާބުވެފަ އެވެ. އެމީހުންގެ ބަހަނާއަކީ ފައިސާ ނެތުމާއި އިސްލާމީ އުސޫލުން ސިލަބަސް އެކުލަވައިލަން ބޭނުންވާ ވަގުތާއި ހަމައަށް އޮތް ބަންދެކެވެ. އެހެން ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން އެއީ ތާލިބާނުންގެ އުޒުރެކެވެ.
ތާލިބާނުންގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަގީގަތަކީ އަފްޣާނިސްތާނުގެ / ތާލިބާން އެންމެ މަތީ ލީޑަރު ހައިބަތުالله އަހުންޒާދާއަށް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު އޭނާއަށް ނަސޭހަތްތެރިވާ ދީނީ އިލްމުވެރިން އަންހެނުންނަށް ޒަމާނީ ތައުލީމް ދިނުމާ މެދު ވަރަށް ބޮޑަށް ޝައްކު ކުރަނީ އެވެ.
ތާލިބާނުންގެ ކަމާބެހޭ ފަރާތްތައް ވަނީ ވެރިކަން އާދެވުމާއެކު އަންހެނުންގެ އާންމު ދިރިއުޅުން ފިއްތާލާފަ އެވެ. ސަރުކާރުގެ ގިނަ ވަޒީފާތަކުން އަންހެނުން ވަކި ކޮށް ނުވަތަ ކުރީގެ މުސާރައިގެ ކުޑަ ޕަސެންޓަކާއެކު ގޭގައި ތިބެން ވަނީ ފޮނުވާލާފަ އެވެ. ޕާކްތަކާއި ފެއާތަކާއި ޖިމްތަކާއި އާންމު ފެންވަރާ ތަންތަނަށް ދިއުން މަނަލެވެ. އާންމު ތަންތަނުގައި ނިވާވާން ޖެހެ އެވެ.
މިދިއަ ހޯމަ ދުވަހު އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީން ވަނީ އަންހެނުންނަށް ހަރުކަށި ހުރަސްތަކާއި ވާހަކަ ދެއްކުމުގެ މިނިވަންކަމަށް ހުރަސް އެޅުން ހިމެނޭ ގޮތަށް ތާލިބާނުން ދޭ "އަނިޔާ" އަށް ހައްލެއް ހޯދަން އދ. އަށް ގޮވާލާފަ އެވެ.
"އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ބާރަށް ގޯސްވަމުން ދާއިރު، ތާލިބާނުންގެ އަނިޔާތައް ކޮންމެ ދުވަހަކު ވެސް ކުރިއަށް އެބަދޭ،" އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަންހެނުންނަށް ތައުލީމު ދިނުމުގެ ހައްގު ނުދިނުމަކީ ތާލިބާނުންގެ ސަރުކާރަށް ބޭނުންވާ އެހީ އާއި ސަރުކާރު ބަލައިގަތުމާ ގުޅޭ މަޝްވަރާތަކުގައި ތާށިވާ ސަބަބަކަށް ހަދާފަ އެވެ. އަފްޣާނިސްތާނުގެ ގާނޫނީ ސަރުކާރާއި ވެރިންގެ ގޮތުގައި މިހާތަނަށް އެއްވެސް ގައުމަކުން ރަސްމީކޮށް ތާލިބާނުން ބަލައިގަނެފައެއް ނުވެ އެވެ.