ރާއްޖެއަށް ރަޝިއާއިން މިހާރު ހަތަރު އެއާލައިނެއް ދަތުރުކުރެ އެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން މީހުން ގެންނަ އެއް ކުންފުންޏަކީ ވިޔަފާރިވެރިޔާ މުހައްމަދު ޝާޒް ވަލީދުގެ ރިސޯޓްލައިފް ޓްރެވަލް އެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައި އެ ގައުމުގެ ސަރަހައްދުތަކެއް ހިފުމާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫރަޕުގެ ގިނަ ގައުމުތަކުން ރަޝިއާ މީހުންގެ ވިސާ ކެންސަލް ކޮށްލައި އޭގެ ގިނަ މީހުން ބްލެކްލިސްޓަށް ލިއެވެ. މި ލިސްޓުގެ ބޮޑު ބަޔަކީ އެ ގައުމުގެ ބިލިއަނަރުންނާއި މިލިއަނަރުންނާއި އެކި ފަންތީގެ އަތްމަތި ތަނަވަސް މުއްސަނދިންނާއި މަހުޖަނުންނާއި ސޭޓުންނެވެ. ފްލައިޓުގެ ބުކިން ދިރާސާކޮށް އެނަލިސިސް ހަދާ މަޝްހޫރު ފޯވަޑްކީސްގެ ދިރާސާ އިން ދެއްކި ގޮތުގައި ރަޝިއާގެ މަހުޖަނުން މިނިވަން ކަމާއެކު ދުނިޔޭގެ އެކި ގައުމު ތަކަށް ދަނީ ދަތުރު ކުރަނުންނެވެ.
މިގޮތުން އެންމެ ގިނައިން މަހުޖަނުން އަންނަ އެއް ގައުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ދިވެހި ރާއްޖެ އެވެ. މި ދިރާސާ އިން ދެއްކި ގޮތުގައި ފްލައިޓުތަކުގެ ޕްރިމިއަމް ކްލާސް / ބިޒްނަސް ކްލާހުގައި ދަތުރުކޮށް ރާއްޖެ އަންނަ މީހުންގެ އަދަދު ވަނީ 2019 އާ އަޅާ ކިޔާނަމަ ބޮޑު ޕަސެންޓަކުން އިތުރުވެފަ އެވެ.
ފޯވަޑްކީސްގެ ދިރާސާ އިން ދައްކާ ގޮތުގައި 2018 އަދި 2019 އާ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ކިޔާނަމަ އެންމެ ގިނައިން ރަޝިއާ މަހުޖަނުން ދަތުރު ކޮށްފައިވާ އެއް ގައުމަކީ މިސްރެވެ. އެ ގައުމަށް ދިޔަ ރަޝިއާ މީހުންގެ އަދަދު ވަނީ 181 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި ދެވަނާގައި އޮތީ ދިވެހި ރާއްޖެ އެވެ. ރަޝިއާއިން ރާއްޖެ އައި މަހުޖަނުންގެ އަދަދަށް ވަނީ 137 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. ދެން 108 ޕަސެންޓާއެކު އޮތީ ޔޫއޭއި އެވެ. އަދި ތައިލެންޑް 81 ޕަސެންޓާއެކު ތިން ވަނާގައި އޮތްއިރު ހަތަރު ވަނާގައި އޮތީ 41 ޕަސެންޓުގެ ކުރިއެރުމަކާއެކު ތުރުކީ އެވެ.
އެ ދިރާސާ އިން ދައްކާ ގޮތުގައި ރަޝިއާ މީހުން ރާއްޖެ ފަދަ ގައުމުތަކަށް ދިޔަ ނަމަވެސް މިހާރު އެމީހުން އަންނަން ކުރަން ޖެހޭ ހަރަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ކޮވިޑުގެ ކުރިން 2019 އިގެ ކުރިއާ އަޅާބަލާނަމަ ޓިކެޓުގެ އަގާއި އެހެނިހެން ހަރަދުތަކަށް އައި ބަދަލާއެކު އަގުތައް ވަނީ 26 ޕަސެންޓް އިތުރުވެފަ އެވެ.
މި ޑޭޓާއަށް ބާރު ދެނީ ރާއްޖޭގެ ޓޫރިޒަމްގެ ތަފާސް ހިސާބުތަކުންނެވެ. ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާއިން އައި ޓޫރިސްޓުންގެ ނަމްބަރު ބައި ލައްކައާ ގާތައް ޖެހިލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އިއްޔެގެ ނިޔަލަށް ރަޝިއާ އިން ޖުމުލަ 47,983 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
މިހާތަނަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިއާ އާއި އިންޑިއާއާ ދެމެދު 6،900 އެއްހާ ޓޫރިސްޓުންގެ ފަރަގެއް އެބަހުއްޓެވެ. ތިން ވަނާގައި އޮތީ ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން އައި އެއް ގައުމުތަކަށްވާ އިނގިރޭސިވިލާތެވެ. އެ ގައުމުން ޖުމުލަ 35،000 މީހުން އައިސްފައި ވެއެވެ.