މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ގަތަރުގެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވައިފަ އެވެ. އެގޮތުން، ރާއްޖޭގައި ހަރަކާތްތެރިވާ އދ. ގެ އެކިއެކި އެހީދޭ ޖަމިއްޔާތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮ ތްތަކަށް ކަންކަން ކުރުމަށްޓަކައި، އދ. ގެ ކަމާބެހޭ ޖަމިއްޔާތަކާއި، ޕަބްލިކް ސެކްޓާ ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އުމްރާނީ ވަސީލަތްތައްގާއިމްވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.
އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކުރެވެން ހުރި އިންވެސްޓްމަންޓްތަކާ ގުޅިގެން ވެސް މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަތެވެ. ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ ވާހަކަތައް ވެސް ބައްދަލުވުމުގައި ދެކެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 57 އަހަރު ފުރުން ފާހަގަކުރީ ސެޕްޓެމްބަރު 21، 2022 ގައެވެ.
ރައީސް ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.