"ސިޔާސީ ގޮތުން ތިން ފަށްވެ ފަށްކަނޑާނެ ޕާޓީއެއްވެސް ނެތުނީމަ ދެން ޖެހޭނީ އެއް ގޮތެއްގައި ހުންނަން. ނޯ ޗޮއިސް،"
ސިޔާސީ ގޮތުން ތިން ފަށްވެ، ފަށްކަނޑާނެ ޕާޓީއެއްވެސް ނެތުމުން ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން ކަމަށް ވިދާޅުވެ ޖަމިއްޔަތުއްސަލަފުގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އިމްރާނަށް، ނުސީދާކޮށް ބަހުގެ ހަމަލާއެއް ދެއްވާ އޭނާ ލަދުގަންނަވާލެއްވީ އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިފަދަ ޓްވީޓެއް އަލީ، ކުރައްވާފައި ވަނީ ސިޔާސީ މަސައްކަތުގައި އެއްގޮތެއްގައި ގިނަ ދުވަހު ހުރެގެން ނޫނީ ނަތީޖާ ނުނެރޭވެނެ ކަމަށާއި އެކަން ދަނީ ފެންނަމުން ކަމަށް ވިދާޅުވެ އިމްރާން ޓްވީޓެއް ކުރެއްވުމުންނެވެ.
އިމްރާން ވިދާޅުވީ ނާކާމިޔާބު ވުމަކިީ އިރުއިރުކޮޅާ ގޮތް ބަދަލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ސިޔާސީ މަސައްކަތުގައި އިހުލާސްތެރި ހިތަކާއެކު އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމި ހުރެގެން ނޫނީ ހެޔޮ ނަތީޖާ ނުލިބޭކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ތިން ފަށްވެ، ފަށްކަނޑާނެ ޕާޓީއެއްވެސް ނެތުމުން ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން ކަމަށެވެ. އަދި އަދާލަތަށް އިޝާރާތް ވާނެހެން ވިދާޅުވީ އިތުރު ގޮތެއް ނެތް ކަމަށެވެ.
"ސިޔާސީ ގޮތުން ތިން ފަށްވެ ފަށްކަނޑާނެ ޕާޓީއެއްވެސް ނެތުނީމަ ދެން ޖެހޭނީ އެއް ގޮތެއްގައި ހުންނަން. ނޯ ޗޮއިސް،" އަލީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަލީ މިހެން ވިދާޅުވިއިރު އަދާލަތަކީ އެކި ފަހަރު އެކި ޕާޓީތަކާއެކު މަސައްކަތް ކޮށްފައިވާ ވަކި އަމާޒެއް ނެތް ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޕާޓީއެކެވެ.
އަދާލަތުން 2013 ވަނަ އަހަރު ފުރަތަމަ ނިންމީ ރަައީސް ޑރ. މުހައްމަދު ވަހީދާއެކު ކޯލިޝަން ހަދާށެވެ. ޅ. ނައިފަރުގައި ރައީސް ވަހީދުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ފަހު މާލެ އައިސް ކުއްލި ގޮތަކަށް އަދާލަތުން ނިންމީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދުކޮށް އެ ޕާޓީއާއެކު ކޯލިޝަން ހަދާށެވެ. އަދި ދެވަނަ ބުރަށް ޖޭޕީ ނުދިޔަ ނަމަވެސް ކޯޓުން ފުރަތަމަ ބުރު ބާތިލް ކުރުމުގެ ކުރީން އަދާލަތުން ވަނީ ސިއްރުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ނިންމާފަ އެވެ. ކޯޓުން ފުރަތަމަ ބުރު ބާތިލު ކުުރުމުން އަނެއްކާ ގާސިމަށް ތާއީދު ކުރަން ނިންމި އެވެ.
2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް އަދާލަތުގެ ތާއީދު ފުރަތަމަ ދިނީ ގާސިމަށެވެ. 2018 ގައި އަދާލަތާއި ޖޭޕީ އޮތީ އެއް ކޯލިޝަނެއްގައެވެ. ޖޭޕީއާއެކު އަދާލަތުން ކޯލިޝަން ހަދަނީ ފައިސާގެ ބޮޑު އަދަދެއް ލިބޭ ކަމަށް އަބަދުވެސް ވާހަކަ ދެކެވެއެވެ. ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން މީގެ ކުރީން އެ ވާހަކަތައް ދައްކާފައިވެސް ވެއެވެ.
އަދާލަތުން ކޯލިޝަންގައި ބައިވެރިވާން ހުށައަޅާ ޝަރުތުތަކާއި ގުޅޭގޮތުން އަބަދުވެސް ތަފާތު ވާހަކަތައް ދެކެވެއެވެ. ހާއްސަކޮށް ޕާޓީގެ ހިންގުމާއި އިމްރާން ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. ފައިސާގެ ބޮޑެތި އަދަދުތަކަށް ޑިމާންޑް ކުރެއްވުމާއި ސަރުކާރުގެ މުހިންމު ބައެއް މަގާމުތަކާއި ގިނަ ސިޔާސީ މަގާމުތަކެއް އެ ޕާޓީއަށް ދިނުމަށް ހުށައަޅާ ކަމުގެ އަޑުތައް އޮވެއެވެ. ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އެކަންކަން ތަޖުރިބާ ކޮށްފައިވާ ކަމަށް ވިދާޅުވެ އެފަދަ ވާހަކަތައް ދައްކަވާފައިވެއެވެ.
އަދާލަތަކީ ވަރަށް ގިނަ ދީނީ އިލްމުވެރީން ކުރީން ނިސްބަތްވި އަދި މިހާރުވެސް ދީނީ އިލްމުވެރީންގެ ބައިވެރިވުން އޮތް ޕާޓީއެއް ކަމުން ދީނުގެ ވާހަކަތައް އެކި ގޮތްގޮތަށް ދައްކަވައިގެން އެ ޕާޓީން ތާއީދުކުރާ ސިޔާސީ ލީޑަރަކަށް ތާއީދު ހޯއްދައިދޭން މަަސައްކަތް ކުރާތީވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޮވެއެވެ. އަދާލަތުގެ ބަައެއް އިލްމުވެރީންނަކީ އެ ބޭފުޅުން އެވަގުތަކު ތާއީދު ކުރައްވާ ލީޑަރަކަށް ތައުރީފުކޮށް ސަނާ ކިޔުމުގައި ވަރަށް މަތީ ދަރަޖައަކަށް ވަޑައިގެންފައިވާ ބޭފުޅުންނެވެ.