ތިން ރަށުގައި ޖަހާފައި އެ ހުރި ވެލިފުނިތަކުގެ ރައްޔިތުންނަށް ފެންނަނީ އުންމީދެވެ. ދައުލަތުގެ ބަޖެޓުން 145 މިލިއަން ހަރަދު ކޮށްގެން އެހެން ރަށްތައް ފަދައިން މި ތިން ރަށުގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދޭން ޖެހެ އެވެ.
މި ރަށަށް އަރާ ހިނގައިގަތް އިރު ޖަހާފައި ހުރި ފަސް ފުނިތައް ފެންނަނާ ހުއްޓެވެ. ރަށުގެ އަތިރިމަތިން ފެށިގެން ލޮލުގެ ކޮޅަށް ގެއްލެންދެން ފެންނަން ހުރީ ބޮޑު މަސައްކަތެއް ފެށިގެންދާން އުޅޭކަމުގެ ހެކިތަކެވެ. ތ. އަތޮޅުގައި އެއް ޒަމާނެއްގައި މިއުޒިކީ ކަންކަމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ހިރިލަންދޫގައި ފެށިގެން ކުރިއަށް އެދަނީ ރަށުގެ ރައްޔިތުންނާ ގުޅުން ބޮޑު އުންމީދުން ތިބި ބޮޑު މަސައްކަތެވެ.
ބޮޑު މިނުގައި 29.4 ހެކްޓަރު ހުންނަ 1,203 މީހުންގެ އާބާދީ އޮންނަ މި ރަށުގެ ބިން ހިއްކުން ކުރިއަށް ދާއިރު މި މަސައްކަތް ވެފައި ވަނީ މި ރަށުގެ ރައްޔިތުންގެ އުންމީދުން ފުރިފައިވާ ކަމަށެވެ. އެއް ސަބަބަކީ ރަށް ފުރިގައި އޮތުމެވެ. އަނެއް ސަބަބަކީ ބިން ބޮޑު ކޮށްގެން ނޫން ގޮތަކަށް ރަށުގެ އިގްތިސޯދީ މައި ދެ މަސައްކަތް ކުރިއަށް ދެވޭނެ އިތުރު ގޮތެއް ނެތުމެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު އެރަށުގައި ހުންނަވާ "މި" ނޫހަށް ވިދާޅުވި ގޮތުގައި ރަށަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ އެއް ކަމަކީ މިއެވެ. ރަށް އިތުރަށް ކުރިއަށްދާން މިހާރު އެންމެ ބޭނުންވާ އެއް މަސައްކަތަކީ މި އެވެ.
"ބިމުގެ މައްސަލަ އިންތިހަށް ބޮޑު. ރަށުގައި ކުރާ މައިގަނޑު ދެ މަސައްކަތް ކަމަށްވާ މަސް ކައްކާ ހިއްކުމާއި ފައިބަރުގެ މަސައްކަތަށް ވެސް މި ބިން ނިމިގެން ނޫނީ ކުރިއަށް ދެވޭކަށް ނެތް. ސިނާއީ މަސައްކަތެއް ވެސް ކުރެވޭކަން ނެތް،" ޖަލާލް ވިދާޅުވި އެވެ.
މި މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލު ކުރީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ މަސައްކަތުގައި "ބުރަކި" ޖެހިފައި އޮތުމަށްފަހު މިހާރު ވަނީ އަލުން މަސައްކަތް ފަށާފަ އެވެ. މި އަހަރުގެ އޯގަސްޓް މަހު މަސައްކަތް ނިންމާލާށެވެ.
މި މަސައްކަތުގައި ހިރިލަންދޫ 787،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 80 މީޓަރުގެ ސަރައްދެއްގެ ބޭރު ތޮށިލައި 1،38.78 މީޓަރުގެ ބަންޑް ވޯލް އަޅާނެ އެވެ. އަދި 1،160 މީޓަރުގެ ސަރަހައްދެއްގައި ރިވެންޓްމަންޓް ޖަހާނެ އެވެ. މަޝްރޫ އަށް ބަޖެޓުން 99.24 މިލިއަން ހަރަދު ކުރާނެ އެވެ.
ހިރިލަންދޫގައި މަސް ކައްކާ ހިއްކަން 15 ކުދި "ފެކްޓްރީ" ހިންގަ އެވެ. އަދި ފައިބަރު މަސައްކަތް ކުރާ 11 ވަރަށް ތަން ހުރެ އެވެ. މި ރަށަށް ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް ކިރުވާއިރު މިއީ ރާއްޖޭގެ ފެންވަރުގައި ބެލި ނަމަވެސް އިގްތިސޯދީ އެންމެ ފުޅާކޮށް މަސައްކަތް ކުރާ ކުޑަ އެއް ރަށެވެ. އެހެންވެ މި ރަށުގެ ރައްޔިތުންނަށް މިވަގުތަށް މިއަށްވުރެ މުހިންމު އެހެން މަސައްކަތެއް ނެތެ. އުސް ވެލި ފުނިތަނެއް ދުރުން ފެންނާން ހުއްޓަސް މިއީ މި ރަށަށް އޮތް އުންމީދެކެވެ.
ބުރުނީގެ އިގްތިސޯދު ކުރިއަށް ނުދިއުމުގެ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ އެވެ. ހާއްސަކޮށް ގެސްޓްހައުސް ޓޫރިޒަމަށް މީގެ އަހަރެއް ކުރިން ހުޅުވިގެން ގޮސްފައިވާ މި ވިޔަފާރި ވެސް ކުރިއަރައިގެން ނުދިއުމުގެ އެއް ސަބަބަކީ ރަށް ގިރުމުގެ ސަބަބުން ގެސްޓް ބީޗް ގިރައިގެން ދިއުމެވެ.
ބޮޑު މިނުގައި 30 ހެކްޓަރު ލިބޭ، އާބާދީގައި 607 މީހުން ތިބި މި ރަށުގައި އެމްޓީިސީސީން ދަނީ، ރަށުގައި އެންމެ ބޮޑަށް ގިރާ ސަރަހައްދުގެ ބޭރުގައި ހިލައިގެ ހާއްސަ ފާރެއް ހަދަމުންނެވެ. މިކަން ކުރަނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށެވެ. އެ މަސައްކަތުގެ ދަށުން ރަށުގެ ހޭޅިފަށް ނުގެއްލޭ ގޮތަށް ގިރާ ސަރަހައްދުގެ ބޭރުގެ 369 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ވަނީ ލާފަ އެވެ. އަދި 220 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމަންޓް ޖަހާފައި ވެއެވެ. މަސައްތުގެ އަގަކީ 27.24 މިލިއަން ރުފިޔާ އެވެ.
މި މަސައްކަތުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ވެސއ ބޮޑު ރަނގަޅެއް ވާނެ އެވެ. އަދި މިހާތަނަށް ރަށް ގިރުމުގެ ސަބަބުން ގެއްލިފައިވާ ގެސްޓް ބީޗް އަލުން ވޮޑި އުފެދޭނެ އެވެ.
ބުރުނި ކައުންސިލްގެ ރައީސް އާދަމް މުހައްމަދު ގޮތުގައި ފަސްގަނޑު އާއްމުކޮށް ހުޅަނގު މޫސުގައި ގިރާއިރު ފަސްގަނޑުގެ ބޮޑުބައި ކަނޑަށް ދެއެވެ. ނަމަވެސް މިހާރު އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތުގެ ސަބަބުން އެ މައްސަލަ ހައްލު ވެގެންދާނެ އެވެ.
"ރަށުން ބައިބައި މިވަނީ ގިރައިގެން ގޮސްފަ. އެކަމަކު މި މަސައްކަތުގެ ސަބަބުން މިހާރު ވެސް ތުނޑިވަނީ ބޮޑުވާން ފަށާފަ،" ރައީސް ވިދާޅުވި އެވެ.
ބުރުނީގެ ފުރަތަމަ ގެސްޓްހައުސް ހުޅުވި ވިލާބުރުނި ގެސްޓްހައުސްގެ ވެރިޔާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ބޮލުގެ ރިހުމަކީ ބީޗް ގިރައިގެން ދިއުމެވެ. އެކަމަކު މިހާރު ކުރާ މަސައްކަތުގެ ސަބަބުން ބީޗް އަލުން އުފެދިގެންދާތަން ފެނުމަކީ އުންމީދެކެވެ.
އެއް ފަޅެއްގެ ތެރޭގައި ގިނަ ރަށްތަކެއް ހުރި ފަޅު ބޮޑު ގާދިއްފުޓަކީ ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެކެވެ. ސިޔާސީ ވާދަވެރިކަން އިންތިހާ އަށް އޮތް މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ ރަށް ގިރައި ރަށުން ބޮޑުބައި ގެއްލިގެން ދިއުމެވެ.
އާބާދީގައި 697 މީހުން ދިރިއުޅޭ ބޮޑު މިނުގައި 13.4 ހެކްޓަރު ހުންނަ މި ރަށުގެ ރަށް ގިރުމުގެ މައްސަލަ ގިނަ ބައެއްގެ ސަމާލު ކަމަށް އައި ފޮޓޯ ނިސްބަތް ވަނީ މި ރަށެވެ. ގޭގެ ބުޑަށް ރާޅު ޖަގަމުންދާ މަންޒަރު އޭރު ފެނުނު ނަމަވެސް އެމްޓީސީސީއަށް ހަވާލު ކޮށްގެން ހިންގާ 19 މިލިއަން ރުފިޔާގެ މަޝްރޫއުގެ ސަބަބުން މިހާރު މި މައްސަލަ ވަނީ ހައްލުވެފަ އެވެ.
އެ ހައްލު އައީ ގިރާ ސަރަހައްދުގައި ބޮޑު ހިލައިގެ ތޮއްޓެއް ލައިގެނެވެ. މިހާރު އެ މައްސަލަ މުޅިން ނިމިއްޖެ އެވެ. މީގެ އިތުރުން އެމްޓީސީސީއަށް ހަވާލު ކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަނީ ނިންމާލާފަ އެވެ. މި މަޝްރޫއުގެ ދަށުން 450 މީޓަރުގެ ސުވަރޭޖް އަދި ފެން ހޮޅި އަޅާފައިވެ އެވެ. އަދި 60 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ބަހައްޓައި 150 ގެ އަށް ވަނީ ފެން ހޮޅި އަޅާފަ އެވެ.
މި ހުރިހާ މަސައްކަތްތަކާއެކު ތިން ރަށުގެ އާބާދީ އަށް ސީދާ ގޮތުން ފައިދާ ކުރާނެ އެވެ. ތިން ރަށުގައި ޖަހާފައި އެ ހުރި ވެލިފުނިތަކުން ތިން ރަށުގެ ރައްޔިތުންނަށް ފެންނަނީ އުންމީދެވެ.