ރަށްފުށު އަންހެނުން ގައިން ނުބައި ވަސް ދުވާކަމަށް ބުނުމުން ރާޝިދަށް ފާޑުކިޔުން

ފެނާ ނަރުދަމާ ނެތުމުން ރަށްފުށުގެ އަންހެނުންގެ ގައިން ނުބައި ވަސް ދުވާ ކަމަށް ވިދާޅު ވުމުން މެމްބަރު މުހައްމަދު ރާޝިދަށް ފާޑުކިޔުން އަމާޒު ވެފައި ވެއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު: އަންހެނުން ގައިން ނުބައި ވަސް ދުވާހަކަށް ވިދާޅުވުމުން އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައި --

ފެނާ ނަރުދަމާގެ ނިޒާމް ގާއިމްނުކޮށް އޮތް އިރު ރަށްފުށުގެ އަންހެނުންގެ ގައިން ނުބައި ވަސް ދުވާ ކަމަށް ވިދާޅު ވުމުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާޝިދު ވަނީ މި ސަރުކާރުން ރަށްރަށުގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށް، ރަށްރަށަށް ސާފު ފެން ލިބެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން "ރީތި ލޯބި އަންހެން ކުދިން" ގެ މޫނުމަތިން ޗާލުކަން ފެންނަން ފަށައިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ޗަކަ ފެނުން ފެންވަރާތީ ކިތަންމެ އަގު ބޮޑު ސެންޓެއް ޖެހިޔަސް ގައިން މީރުވަސް ނުދުވާ ކަމަށް ރާޝިދު ވިދާޅުވި އެވެ.

"އެބޭފުޅުން [ރަށްފުށުގެ އަންހެނުން] ކިތަންމެ އަގު ބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އަޅުގަނޑުމެންނަށް އެބޭފުޅުން ގަޔަކުން މާ މީރުވަހެއް ނުދުވާ. އެއީ ޗަކަ ފެނުން ފެންވަރަން ޖެހޭތީ. މިއަދު ވަރަށް ސާފު ރީތި ފެނުން ފެންވަރައިގެން އެތިބީ،" ރާޝިދު ވިދާޅުވި އެވެ.

އަންހެނުންނަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ދެއްކެވުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ. އެގޮތުން ދިވެހި އަންހެނުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަހުރުވައެއް ބޭނުން ކުރުން ބަލައި ނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ނެންގެވި ނިޒާމީ ނުކުތާއަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.

"ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވާހަކަފުޅު ދައްކަވާއިރުގަ ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސަކަށް ކުޑައިމިސް ވާގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރާޝިދުގެ ވާހަކަފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް މީހުން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވާ ބޭފުޅަކު ދިވެހި އަންހެނުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުން ކުރެއްވުން ބަލައި ނުގަނެވޭ ކަމަށް ބުނަމުން ދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.