ގާސިމް ވިދާޅުވި ގޮތުގައި ޕީއެޗްޑީއަށް ކިޔަވައިދޭން ތައްޔާރުވަމުން ދާއިރު ކޮލެޖް ހިންގަން ދީފައިވާ ބިމުގެ މުއްދަތު އިތުރުކުރެވޭނެ ގޮތެއް ނެތެވެ. ކޮންދިން ކަމެއް ކޮށް ދެއްވީ ރައީސް މުހައްމަދު ނަޝީދެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް ކޮލެޖް، ވިލާ ކޮލެޖް ހިންގަން ދީފައިވާ ބިމުގެ މުއްދަތު އިތުރުކޮށް ދީފައިނުވާ ކަމަށް ވިދާޅުވެ އެ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ގާސިމްގެ އެ ކަންބޮޑުވުން ބޭރުކޮށްލެއްވީ ރޭ އޮތް ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާގެ ވާހަކަފުޅުގައި ޕީޕީޕީ - ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ލިބުނު ފުރުސަތެއްގައި ވިލާ ކޮލެޖް ފަހިކޮށް ހިންގުމުގެ ފުރުސަތު ލިބިވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ޕީޕީޕީ އުސޫލުން އެ ފުރުސަތު ލިބުނީ 35 އަހަރަށެވެ. ދިވެހި ދަރިވަރުންނަށް އެންމެ ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށް ދިނުމަށް އަދި އެންމެ ރަނގަޅު ވަސީލަތްތައް ތަނަވަސް ކޮށް ދިނުމަށް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށެވެ. ޕީއެޗްޑީއަށް ކިޔަވައިދޭން ތައްޔާރުވަމުންދާއިރު ކޮލެޖް ހިންގަން ބިން ދީފައިވާ މުއްދަތު އިތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.
"މުއްދަތުވެސް އިތުރެއް ނުވި. ކަމެއް ކުރެވޭނެ ގޮތެއްވެސް އަދި އިތުރަށް ހިނގައިގަނެވޭނެ ގޮތެއްވެސް ނެތިފައި މި ތިބީ،"
ކުރީގެ އެމްއީއެސް އިމާރާތާއި އިންވެގެން އޮތް ބިމުގައި އާދައިގެ ގޮތަކަށް ދެތީން އިމާރާތެއް ކޮށްފައި ވަނިކޮށް ވިލާ ކޮލެޖް ހިންގަން އެ ބިން ދިނުމުން ގާސިމްގެ ވިޔަފާރި ކުންފުނިން ވަނީ ބޮޑެތި އިމާރާތް ކޮށް ޒަމާނީ ކޮލެޖެއް ފައްކާ ކޮށްފައެވެ. ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުންނެއް އެ ކޮލެޖުން ގްރެޖްއޭޓްވެގެން ނުކުމެ އެވެ.
ގާސިމް ވިދާޅުވީ ގައުމީ ޔުނިވާސިޓީއަށް ވުރެވެސް ވިލާ ކޮލެޖް ތަރައްގީ ކުރެވި ހުރިހާ ގޮތަކުން ވެސް ކުރީގައި އޮތް ކަމަށް މީހުން ބުނާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެކަމާ އުފާވެސް ކުރައްވާ ކަމަށެވެ. އަދި މިހާރުވެސް މަސައްކަތް ކުރައްވަނީ އިތުރަށް ކޮލެޖް ރަނގަޅު ކުރަން ކަމަށް ވިދާޅުވިއެވެ. އެއީ ލިބިވަޑައިގަންނަވާ މާލީ މަންފާއަކަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން އެއީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުން އެ މަސައްކަތަށް ސަރުކާރުން އެހީތެރި ނުވާނަމަ ދަންނަވާނެ ވާހަކައެއް ނެތް ކަަމަށް ވެސް ވިދާޅުވި އެވެ.
"އެތަނުން [ވިލާ ކޮލެޖުން] އެންމެ ބޮޑު ލާރިއެއް ވެސް އަޅުގަނޑު ނުނަގަމޭ!"
ގާސިމްގެ ވާހަކަފުޅުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިވެފައި ވަނީ ވިލާ ކޮލެޖަށް އެކަނި ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި މަންދު ކޮލެޖްގެ ބާނީ އިބްރާހިމް އިސްމާއީލަށް އިޝާރާތް ކުރައްވާ ވިދާޅުވީ އޭނާއަށް ޖެހިފައި ވަނީ އަދި މާ އުނދަގޫ ދަންތުރައެއް ކަމަށެވެ.
"އެމަނިކުފާނަށް [އިބްރާހިމް އިސްމާއީލަށް] ޖެހިފައިވާ ދަންތުރަ އެއީ މީހަކު ދައްކާ ކޮޅުން ނުލާނެ ވާހަކައެއް. ވަރަށް ދެރަވޭ. ވަރަށް އަސަރުކުރޭ އިނގޭތޯ! މިއީ ތައުލީމަށްޓަކައި މީހަކު ކުރަމުންދާ މަސައްކަތް، މާދަމާގެ މުސްތަގުބަލު ހޯދާ ދިނުމަށްޓަކައި އަޅުގަނޑުމެންވާ ޖިހާދު މިއީ. ވާ ގުރުބާނީ މިއީ،"
ގާސިމް ވަނީ ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ދަތި ކުރުން ހުއްޓާލަން ގޮވާލާފަ އެވެ. އަދި ކުރީން ކޮށްފައިވާ ނުރަނގަޅު ކަމެއް އަލުން ރަނގަޅު ކުރަން ބަދަލު ދޭން ޖެހިއްޖެ ހާލަތެއްގައި ޝަރީއަތުގައި މައްސަލަ "ތަޅުވާ ތެޅުވުން" ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެފަދަ މައްސަލައެއްގައި ސަރުކާރަށް ކަން ހިނގާދިޔަ ގޮތް ރަނގަޅަށް ސާބިތުވާ ނަމަ ކެރިގެން ކަންކަން ނިންމުމުގެ ގާބިލްގެ ހުންނަން ޖެހޭނެ ކަމަށާއި ރައީސް ނަޝީދުގެ ކިބައިން އެކަން ފެނިގެންދިޔަ ކަމަށް ވިދާޅުވެ ނަޝީދަށް ގާސިމް ތައުރީފު ކުރެއްވި އެވެ.
ފައްކާ .... ގާސިމަކީ މިހާރު އަންނި ރަގަޅުވެއްޖެ އެކަމަކު ކުނި މަހަކަށް ނުގޮވާ އެއްޗެތި އަންނިއަށް ގޮވާފަ ހުރީ. އަންނިވެސް ވެރިކަން ބޭނުންވީމަ ގާސިމް ފައިބުޑަށް ދަނީ ދވެތިކަން ލިބޭ އިރަށް ކޮޅުފައިންޖަހާ ގާސިމް ބޭރުކުރާނެ