ވަޅި ޖަހާ ޒަހަމުކޮށްލި ޒުވާނާ މަރުވެއްޖެ

މާލޭގެ މާފަންނު އަވަށުގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލި ޒުވާނާއަށް ފަރުވާ ދެނިކޮށް ދެންމެ މަރުވެއްޖެ އެވެ.

ވަޅި ހަރާ ޒަހަމްކޮށްލި ޒުވާނާ

މާލޭގެ މާފަންނު އަވަށުގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލި ޒުވާނާއަށް ފަރުވާ ދެނިކޮށް ދެންމެ މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ އެވެ. އެއީ އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ.

އޭނާއަށް ވަޅީން ހަމަލާދިނީ މުރަނގަ މަގުގައި ހުންނަ ކޮސްމެޓިކް ފިހާރާ، "ކްރާސާ" ގެ ތެރޭގައެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަދި މަންޒަރު ފެނުނު މީހުން ބުނި ގޮތުގައި ޒަހަމްވި މީހާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އޭނާގެ ގަޔަށް ވަޅި ހަރާ ވައްޓާލި އިރު މަންޒަރު ފެންނަ ހިސާބު ކައިރީގައި ހުރި ފިހާރަ ސޭޓް ވެސް ބިރުން ހޭނެތިގެން ވެއްޓުނެވެ.

އެ ހަމަލާއަށް ފަހު ހާލު ދެރަކޮށް އޮތް ޒުވާނާއަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެންނެވެ. ހޮސްޕިޓަލުން މިއަދު ވަނީ ޒުވާނާ ރަނގަޅު ވާނެ ކަމުގެ އުންމީދު ކަނޑާލާ އެކަން އަންގާފައެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި 20 އަހަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ "ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު" ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އޭގެ ކުރީން އޭނާ ވިދާޅުވެފައިވާ ގޮތުގައި ނުރައްކާތެރި މާރާމާރީތައް ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގަކާ އެވެ. އެއީ "ކުޑަހެންވޭރު" އާއި "އެންސީ" ނަމަކަށް ކިޔާ ގޭންގެކެވެ. އެހެން ކަމުން ރޭ ހައްޔަރު ކުރީ އެ ދެ ގޭންގުގެ ތެރެއިން ގޭންގެއްގެ މީހެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.