"އަނިޔާވެރި އަމަލުތައް ހިންގީ ހަތަރު ގޭންގަކުން"

މިހާރު ހިނގަމުންދާ ނުރައްކާތެރި މާރާމާރީތައް ގުޅެނީ ދެ ގޭންގަކާއެވެ. އަދި "ޖޫސް ޓައިމް" އަށް ބަޔަކު ވަދެގަނެ ގެއްލުން ދިނުމުގެ ފަހަތުގައިވެސް އޮތީ ދެ ގޭންގެކެވެ.

ސީޕީ މުހައްމަދު ހަމީދު -- މި

ރޭ މާލޭގެ މާފަންނު އަވަށުގައި މީހަކަށް ވަޅީން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލުމާއި ހުޅުމާލޭގައި ފިތްކަނަޑައި ދާވަރު ބިރުވެެރި އަރައިގަތުމެއް ހިމެނޭ ލޫޓުވާލުމެއް ހިންގުމުގެ އަޑީގައި އޮތީ މާލެ ސަރަހައްދަށް ނިސްބަތްވާ ހަތަރު ގޭންގެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މާފަންނު އަވަށުގައި ރޭ ވަނީ މީހެއްގެ ގަޔަށް ވަޅި ޖަހައިފަ އެވެ. އެ މީހާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ޖަހައި ޒަހަމްކޮށް ވައްޓައިލީ މުރަނގަ މަގުގައި ހުންނަ ކޮސްމެޓިކް ފިހާރާ، "ކްރާސާ" ގެ ތެރެއަށެވެ.

އުމުރުން 30 އަހަރުގެ އެމީހާއަކީ ވެސް ގޭންގް މާރާމާރީއެއްގައި އެހެން ބައެއްގެ ގަޔަށް ވަޅި ޖަހާން އުނގަނޑުގައި ވަޅިއެއް އަޅުވައިގެން ނުކުމެ މާރާމާރީގެ އެޓެމްޕްޓަކަށް ފަހު ފިލާން ވެގެނެ އެ ފިހާރައިގެ ތެރެއަށް ވަދެ ނިވާ ވެގެން ހުރި މީހެކެވެ. އެނާ ހޯދާން ނުކުތް މީހުން އެ ފިހާރައަށް ވަދެގަނެ އޭނާ އޮބާ ބާއްވާ އެތަންމިތަނަށް ވަޅި ހަރާ ޒަހަމްކޮށް، އަޑު ގަދަ ކުރަމުން ނުކުމެގެން ދިޔައީ ހެލްމެޓުން މޫނު ނިވާ ކޮށްގެން ތިބެ އެވެ.

އެ މީހުން ހަމަޖެހިލައިގެން ދިޔައީ ސައިކަލްގަ އެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަދި މަންޒަރު ފެންނު މީހުން ބުނި ގޮތުގައި ޒަހަމްވި މީހާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އޭނާގެ ގަޔަށް ވަޅި ހަރާ ވައްޓާލި އިރު މަންޒަރު ފެންނަ ހިސާބު ކައިރި ހުރި ފިހާރަ ސޭޓް ވެސް ބިރުން ހޭނެތިގެން ވެއްޓުނެވެ.

އަނެއްކޮޅުން ހުޅުމާލޭގައި ފިތްކަނަޑައި ދާވަރު ބިރުވެެރި އަރައިގަތުމެއް ހިމެނޭ ލޫޓުވާލުމެއްވެސް ވަނީ ހިންގާފައެވެ. ބުރާސްފަތި ދުވަހު ހުޅުމާލެ "ޖޫސް ޓައިމް" އަށް ބަޔަކު ވަދެގަނެ ފިސާރި ބޮޑެތި ގެއްލުން ދީފައިވާކަން ފުލުހަށް ރޭކާލީ ވެސް ވީޑިއޯއެއް އާންމު ވުމުންނެވެ. އެ މައްސަލަ ބަލައި މީހުން ދެނެގަތުމުގެ މަސައްކަތް ކުރާ ކަމަށް ވެއެވެ. މިހާތަނަށް ފެނުނީ އެ މީހުން ދުއްވި މޮޓަރު ސައިކަލެވެ.

ބިރުވެރި އެ ލޫޓުވުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ވީޑިއޯއިން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާ ކޮށްގެން ތިބި ދެ ފިރިހެނަކު ބާރަށް ހިނގާފައި ކެފޭއާ ވަދެގަންނަން ދާން ފެށުމުން އެ ތަނުގެ ކައުންޓަރުގައި ހުންނަ މީހާ ތަން ދޫކޮށް ބިރުން ފިލާތަނެވެ. އެ މަންޒަރުން ބަލަން މީހުން ވެސް ތިބެ އެވެ. ގަންނާ ކުރައްވާ ބިރަށް ކައިރިވާން ވެސް ގުޑިލާން ވެސް ނުކެރިފަ އެވެ. 

އެ ދެ މީހުން އެތާނގެ ތެރެއަށް ވަންނަނީ ވެސް އެއެއް މިއެއް ނުބަލައި މަރުތޭލުން ތަޅައި މުޅި ތަން ސުންނާފަތި ކުރަމުންނެވެ. މޭޒުތައް މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލަމުންނެވެ. އެތާނގެ ތެރެއިން މީހަކު ހަޅޭލަވާ އަޑު ވެސް އިވެ އެވެ. އަދި އެ ދެ މީހުން "ޖޫސް ޓައިމް ނިންމާލާފައި" ހަމަޖެހިލައިގެން ދަނީ އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ހިފައިގެނެވެ. 

އެ ދެ ހާދިސާއަށް އިޝާރާތް ކުރައްވާ މީޑިއާތަކަށް ސީޕީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ ނުރައްކާތެރި މާރާމާރީތައް ގުޅެނީ ދެ ގޭންގަކާއި ކަމަށެވެ. އެއީ "ކުޑަހެންވޭރު" އާއި "އެންސީ" ނަމަކަށް ކިޔާ ގޭންގެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން "ޖޫސް ޓައިމް" އަށް ބަޔަކު ވަދެގަނެ ގެއްލުން ދިނުމުގެ ފަހަތުގައި "މަސްއޮޑި" އާއި "ވައިކަންމަތި" ނަމަކަށް ކިޔާ ދެ ގޭންގެއްގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވިއެވެ.

ހަމަނުޖެހުންތައް ހުއްޓުވާ އަމާން ވެއްޓެއް ގާއިމު ކުރުމަަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާ ކަމަށާ މިހާތަނަށް 16 މީހަކު އެކި ތުުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޖަނަވަރީ ފެބުރުއަރީން ފާހަގަވާ މާރާމާރީތައް

ޖަނަވަރީގައި - ފުލުހުގެ ހިސާބުތައް ބުނާ ގޮތުން ޖަނަވަރީ މަހު 39 މާރާމާރީ ހިނގާފައި ވެއެވެ. އޭގެ ތެރެއިން ބައެއް މާރާމާރީތައް ފާހަވެފައި ވެއެވެ. ޖަނަވަރީ 11 ވަނަ ދުވަހުގެ ރޭ ދަންވަރު މީހެއްގެ ގަޔަށް ހުޅުމާލޭ ހިޔާ އަވަށުގައި ވަޅި ޖަހައި ޒަހަމް ކޮށްލި އެވެ. ޖެނުއަރީ 19 ވަނަ ދުވަހު މާލޭގައި މީހެއްގެ ގަޔަށް ވަޅި ޖެހި އެވެ. ޖަނަވަރީ 24 ވަނަ ދުވަހުގެ ދުވާލު މާލޭގައި މީހަކަށް ވަޅި ޖެހި އެވެ. އެއީ އަމީނީ މަގުން ޣިޔާސުއްދީން ސްކޫލް ކައިރީގަ އެވެ.
ފެބުރުއަރީގައި - އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކަލާފާނު ސްކޫލުން 2-1 އިން ކ. ގުރައިދޫ ސްކޫލް ބަލިކުރި މެޗަށް ފަހު، ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގީ ފެބުރުއަރީ ހަވަނަ ދުވަހު އެވެ.

ފެބުރުއަރީ އަށްވަނަ ދުވަހު މާލޭގެ "މާލޭ ގްރޭންޑް" ޕްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިންގި އެވެ. އަދި 13 ވަނަ ދުވަހުގެ ރޭ ދަންވަރު ވަޅި ހަރައި މީހަކު ޒަހަމްކޮށްލި އެވެ. އެއީ ހެންވޭރު އަސަރީ މަގުގައި މެންދަމުގެ ވަގުތުގަ އެވެ. ފެބުރުއަރީ 14 ވަނަ ދުވަހު މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަހަމް ކޮށްލި އެވެ. އޭނާ ޒަހަމް ކޮށްލާފައި ވަނީ ހަމަލާދޭން އުޅެން ފެށުމުން މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލްގެ ތެރެއަށް ވަންނަން އުޅެނިކޮށެވެ.

ފެބުރުއަރީ 16 ވަނަ ދުވަހު އައްޑޫ އަތޮޅު ހިތަދޫގައި މާރާމާރިއެެއް ހިނގައި ދެމީހަކު ޒަހަމްކޮށްލި އެވެ. އެވެސް ވަޅީގެ ހަމަލާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.