"ވިކްޓަރީ ޑޭ" ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އަބަދުވެސް އުތުރުގެ ލީޑަރުގެ ވަރުގަ ކަން ހާމަކޮށް ދޭން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަ އެވެ. އެގޮތުން ގަދަފަދަ ބަސްތައް ވަރަށް ބޮޑަށް ބޭނުން ކުރައްވަ އެވެ. އެކަމަކު އެއީ މުޅީން ގޮތް ދެއްކުމެއް ވެސް ނޫނެވެ.
އުތުރު ކޮރެއާއިން ވަނީ މި ހިނގާ 2022 ވަނަ އަހަރު ރެކޯޑް އަދަދަކަށް ހަތިޔާރު ޓެސްޓް ކޮށް ދުނިޔެއަށް މަންޒަރު ދައްކާފަ އެވެ. އެކަން ގިނައިން ދުނިޔެއަށް ކަށަވަރުކޮށް ދެނީ ވެސް ދެކުނު ކޮރެއާ މެދުވެރިކޮށް އެމެރިކާއިންނެވެ. މިދިއަ ޖެނުއަރީ މަހު އުތުރުން ބުނެފައި ވަނީ ހައިޕަސޮނިކް މިސައިލެއް ޓެސްޓް ކޮށްފައިވާ ކަމަށެވެ. މިއީ ދުނިޔެ ސިއްސައިގެން ދިޔަ ކަމެކެވެ. އަދި މަނާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއްގެ އިތުރުން ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ގެންގުޅެވޭނެ ފެންވަރުގެ މިސައިލްތައް ފައްކާކޮށް ފޮނުވާލާފައިވާ ކަމަށް ބުނުމުން އެމެރިކާ ރޫރޫ ލައިގަތެވެ.
އެކަން ކަމަކީ އެމެރިކާއަށް ކަމުދާ ގޮތެއް ނޫނެވެ. ހަތިޔާރުގެ ގޮތުން އެއްވެސް ބާރުވެރި ކަމެއް އުތުރަށް ލިބިގެނެއް ނުވާނެ އެވެ. އުތުރަކީ ދުނިޔޭގައި އެއްވެސް ހައްގެއް އޮތް ގައުމެއް ކަމަކަށް އެމެރިކާގެ މިހާރުގެ ޒައާމަތް ވެސް ގަބޫލެއް ނުކުރެ އެވެ.
އުތުރު ކޮރެއާއިން "ވިކްޓަރީ ޑޭ" ގޮތުގައި މަޝްހޫރު ކުރާ ދުވަހާ ގުޅުވާ އުތުރުގެ ލީޑަރު ކިމް ޖޮން އުން ވަނީ ވަރުގަދަ ބަސްތައް އެއްކުރައްވައި ގަތާލައްވައިގެން ތަގުރީރެއް ދެއްވާފަ އެވެ. ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ އެމެރިކާއިން ކުރިމަތި ކުރުވާ ނުރައްކަލުގެ ސަބަބުން ވެރިރަށް ޕިއޮންގްޔަންގްގެ ދިފާއު ބިނާ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދެކުނު ކޮރިއާ ވާވައްދައިގެން އުތުރަށް ގެއްލުން ދޭން އެމެރިކާ ވިސްނައިގެން އޮންނަ އޮތުން ކުށްވެރި ކުރައްވާ ކަމަށާއި ޖެއްސުން ކުރުމާއި ފިއްތުމުގެ މާނައެއް ނެތްކަން މިހާރު ދުނިޔެއަށް ސާބިތުވެފައިވާ ކަމަށެވެ.
"ދެން އޮތީ ކުރިމަތިލުމެއް ނޫންތަ؟ އަޅުގަނޑަށް ހީވަނީ އެކަން ބޭނުން ވެގެން އެމެރިކާ އުޅޭ ކަހަލަހެން" ކިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަތިޔާރު އެޅި ސިފައިން ތިބީ އެމެރިކާއިން ކުރިމަތި ކުރުވާ ކޮންމެ ހާލަތަކަށް ރައްދު ދޭން ފުރިހަމައަށް ތައްޔާރަށް، އަދި އަޅުގަނޑުމެންގެ ގައުމުގެ ނިއުކްލިއާ އާލާތްތައް ހުރީ ފުރިހަމައަށް މީޒާން ކޮށްފައި، މި ގައުމުގެ ވަރުގަދަ ސިފައިން ބާރު އަމާނާތްތެރިކަމާއެކު، ސައްހަ ކަމާއެކު ގާއިމުވެ އެބަތިބި،"
ލީޑަރު ވިދާޅުވީ އުތުރުގެ ސަލާމަތަށް ރައްކާވާ ބޮޑެތި ޖޮއިންޓް އަސްކަރީ ތަމްރީނުތައް ބާއްވާއިރު އެ ގައުމުގެ ހަތިޔާރު އެޅި ސިފައިންގެ ހުރިހާ ރޫޓިން އަމަލުތަކެއް އޮޅުންފިލުވައިދޭ އެމެރިކާގެ "ޑަޕްލެކްސް އެކްޓަ" ކީ އަކުރުން އަކުރަށް ފޭރުމެއް ކަމަށެވެ.
“އެއީ ފަހަތަށް އެނބުރި ގުޅުންތަކަށް އެނބުރި ދާން އުނދަގޫ ހިސާބަކަށް ކޯޅުންތައް ގެންދިއުން.”
ކިމްގެ ތަގުރީރެއް އައީ ސޯލް އާއި ވޮޝިންޓަންގައި ތިއްބެވި އޮފިޝަލުން، އުތުރުން ނިއުކްލިއާ ޓެސްޓެއް ހަދަން ތައްޔާރީތައްވެ ނިންމާފައިވާ ކަމަށް ވިދާޅުވަމުން ދަނިށެވެ. އަދި އުތުރު ކޮރެއާގެ ޓެސްޓާ ކުރިއަށް ދާނަމަ ސައިބާ އެޓޭކް ދިނުމުގެ ގާބިލްކަން ހުއްޓުވަން އުތުރުން އަމާޒު ހިފާފައިވާ ދެކުނު ކޮރެއާގެ ހާރިޖީ ވަޒީރު ވިދާޅުވެފައި ވަނިކޮށެވެ.
ލީޑަރު ކިމް ވިދާޅުވީ ހަނގުރާމައަށް ފަހު 70 ވަރަކަށް އަހަރު ފަހުން ދެކުނު ކޮރެއާ ގުޅިގެން ވޮޝިންޓަނުން އުތުރާ ދެކޮޅަށް ނުރައްކާތެރި އަދި ގާނޫނާ ހިލާފު އަދާވާތްތެރި އަމަލުތައް ކުރިއަށް ގެންދާ ކަމަށެވެ. އެމެރިކާގެ ބޭނުމަކަށް ހަދާފައި ވަނީ އުތުރުގެ ގޮތް ހުރި ސުލޫކު ޝައިތާނީ ކޮށްލައި ދުނިޔެއަށް އެގޮތް ދައްކުވައިދޭން ކަމަށް ވެސް ލީޑަރު ކިމް ވިދާޅުވި އެވެ.
"ގައުމީ ފަހުރުވެރިކަން ވަރުގަދަ ކުރުމަށް" ލީޑަރު ކިމް ދެއްވި ތަގުރީރާ ގުޅިގެން ސޯލްގެ އެވާ ޔުނިވާސިޓީގެ ޕްރޮފެސަރު ލޭފް އެރިކް އީސްލީ ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ޕްރޮގްރާމްތަކެއް ނަމަވެސް ކިމް މަސައްކަތް ކުރައްވަނީ އޭނާގެ ހަމަޖެހުން ގެއްލިގެންދާ ހަތިޔާރު ބިނާ ކުރުމަކީ އަމިއްލަ ދިފާއުގައި ކުރި ހައްގު މަސައްކަތެއްގެ ގޮތުގައި ސިފަކުރަން ކަމަށެވެ.
ދެކުނު ކޮރެއާގެ ޒައާމަތާއި ވެރިކަން ކިމް ވަރަށް ބޮޑަށް ކުށްވެރި ކުރައްވަ އެވެ. ވިދާޅުވަނީ އޭނާގެ ގައުމު ނާކާމިޔާބު ކޮށްލަން ދެކުނުން ކުރާ މަސައްކަތަށް އޮތީ ހަލާކު ކަމަށެވެ.
"އަޅުގަނޑު އަނެއްކާވެސް ސާފުކޮށް ދަންނަވާލަން އޮތީ، އެމެރިކާއާއެކު ހަމަ އެއްވެސް އަސްކަރީ ކުރިމަތިލުމެއް އޮތް ނަމަ، އުތުރު ކޮރެއާ ފުރިހަމައަށް ތައްޔާރަށް އޮތްކަން،" ކިމް ވިދާޅުވި އެވެ.