މި މޭރުމުން ފައްޔާޒު އިބްރާއަށް ރައްދު ދެއްވި އިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒަކީ ރައީސް ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރެވެ.
ދުވަސްވެފައި ހުންނެވި ނަމަވެސް ވިސްނުންފުޅު ކޮށީ ކަމަށާއި، ނޫނީ ހިތްޕުޅުގައއި އޮތް ނަފުރަތު މާ ބޮޑީ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އޭނާގެ ބޭބެ، އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އަށް ރައްދު ދެއްވައިފި އެވެ.
ފައްޔާޒު ރައްދުދެއްވީ އެމްޑީޕީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ކޯލިޝަން ހަދަމުން އަންނާތީ، އެކަމަށް ފާޑު ވިދާޅުވެ އިބްރާ ކުރެއްވި ޓްވީޓަކާ ގުޅިގެނެވެ. ދެ ބޭފުޅުންގެ ސިޔާސީ ފާޑު ވިދާޅުވުމެއް އޮތް ނަމަވެސް އާއިލީ ގުޅުމުގައި ފައްޔާޒާއި އިބްރާ އަކީ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަވާ ދެބޭފުޅުންނެވެ.
އެމްޑީޕީ، ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަކަށްވެ އޮވެ، ފުރަތަމަ ބުރަށް އެކަނި ނުކުންނަން ނުކެރި ކޯލިޝަން ހަދަން ޖެހޭނީ ވަރަށް ނިކަމެތި ޕާޓީއަކަށް ވާތީ ކަމަށް ވިދާޅުވެ، ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނު ކުރެއްވި ޓްވީޓަކާ ގުޅުވާލައި އިބްރާ ވިދާޅުވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވަނީ އެމްޑީޕީ އެކަނި އޮވެ، ދެވަނަ ބުރުން ވެސް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ފުރަތަމަ ބުރެއް ނޫން. ދެވަނަ ބުރުން ވެސް ނުވާނެކަމަށް ޕާޓީގެ އިސް ލީޑަރު އެ ވިދާޅުވަނީ. އެހެންކަމަށް ވާނަމަ، ދެވަނަބުރުން ކާމިޔާބު ކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ؟" އިބްރާ އައްސަވާފައި ވެއެވެ.
އެ ޓްވީޓް ކޯޓް ކުރައްވައި، ފައްޔާޒް ލިޔުއްވީ "ދުވަސްވެފައި [ތިއްބަސް] އަދި ވިސްނުން ކޮށީ. ނޫނީ ހިތުގަ އޮތް ނަފްރަތު މާ ބޮޑީ" ކަމަށެވެ.
މި މޭރުމުން ފައްޔާޒު، ބޭބޭފުޅު އިބްރާއަށް ރައްދު ދެއްވި އިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒަކީ ރައީސް ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރެވެ. އެމްޑީޕީން ޕާޓީތަކާއެކު ބާއްވާ ކޯލިޝަންގެ މަޝްވަރާތަކަށް ރައީސްގެ މަންދޫބެއްގެ ގޮތުގައި ވެސް ފައްޔާޒް ވަޑައިގެންފައި ވެއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު، އަދި އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހިމް އިސްމާއިލް މީގެ ކުރިން ވެސް ވަނީ ކޯލިޝަން ހެދުމާ ދެކޮޅަށް ހިޔާލު ފާޅު ކޮށްފަ އެވެ. ވަކިން ހާއްސަކޮށް އަދާލަތު ޕާޓީއާއެކު އެމްޑީޕީން ކޯލިޝަން ހެދުމުން އެކަމަށް ފާޑުކިޔާފައިވެއެވެ.
މީގެ އިތުރުން ވެސް މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި، އިބްރާ ވާހަކަދައްކަވާފައިވެއެވެ. ނަމަވެސް މީގެ ކުރިން މި ދެ ބޭފުޅުން މިފަދައިން ރައްދު ދެއްވާ ހައްދަވާފައެއް ނުވެއެވެ.