މިދިޔަ ހަ އަހަރުގެ ތެރޭގައި އެފްއެންބީ ޝޯ ބައްޓަން ކުރަމުން ދިޔައީ މި ދާއިރާގެ ބްރޭންޑު ފެއާއެެއްގެ ގޮތުގައި ބޭއްވުމަށެވެ.
ރާއްޖޭގައި ބާއްވާ، ކެއިން ބުއިމުގެ އެންމެ ބޮޑު ފެއާ -- ފުޑް އެންޑް ބެވަރޭޖަސް ފެއާ (އެފްއެންބީ 2023) ގެ މީޑިއާ ޕާޓްނަރަކީ "މި" ނޫހެވެ. މިފެއާ މިއަދު މިވަނީ ރާއްޖޭގެ ވިޔަފާރީގެ ގިނަ ބްރޭންޑްތަކާއެކު 26 ސްޓޯލް ހިމެނޭ ގޮތަށް ހުޅުވާލާފަ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި 23 އިން 25 އަށް ކުރިއަށްދާ ހައިރައިޒްގެ މި އިވެންޓް ހުޅުވައި ދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
ފެއާ ހުޅުވައި ދެއްވަމުން ޑރ. ހުސެއިން ވިދާޅުވީ ހައިރައިޒް އިން އިންތިޒާމު ކުރާ މި ފެއާއަކީ މުހިންމު ފެއާ އެއް ކަމަށާ 2013 އިން ފެށިގެން ބާއްވާ މި ފެއާގެ ފެންވަރު އަހަރުން އަހަރަށް ރަނގަޅު ވަމުންދާތަން ފެންނަމުން އަންނަ ކަމަށެވެ.
"ރާއްޖެ އަށް ތަފާތު ކާބޯތަކެތި މިދަނީ ތައާރަފު ވަމުން. އެހެންވެ މި ފަދަ މައުރަޒެއް ބޭއްވުން މުހިންމު،" ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނައިރު ކާބޯތަކެތީގެ ގޮތުން ލިބެމުންދާ ހިދުމަތްތައް އިތުރު ވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ކާބޯ ތަކެއްޗަކީ ދުނިޔޭގެ ފެންވަރުގެ ކާބޯތަކެތިކަމުގެ ޔަގީންކަން އޮންނާނެ. އެހެންވީމަ މިފަދަ ޝޯއެއް މުހިންމު ވަނީ،" ހުސެއިން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފެއާ އިންތިޒާމު ކުރާ ހައިރައިޒްގެ ޑިރެކްޓަރު އޮޕަރޭޝަން މުހައްމަދު ޝާމިން ވިދާޅުވީ ރޯދަ އަށް މަހަކަށް ވެފައިވަނިކޮށް މިފަދަ ފެއާއެއް ބޭއްވުމަކީ ތަކެތި ހޯދަން ބޭނުންވާ ފަރާތްތަކަށްވެސް މުހިންމު ކަމެއް ކަމަށެވެ. މިދިޔަ ހަ އަހަރުތެރޭގައި އެފްއެންބީ ޝޯ ބައްޓަން ކުރަމުން ދިޔައީ މި ދާއިރާގެ ބްރޭންޑު ފެއާއެެއްގެ ގޮތުގައި ބޭއްވުމަށް ކަމަށާ އެކަން ފުރިހަމަ ވެފައިވާ ކަމަށެވެ.
ފެއާގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ބްރޭންޑުތައް ބައިވެރިވެ އެވެ. އެމްއެޗްއޭ އާއި ބީއެޗްއެމް އަދި ނެސްލޭ ޕްރޮފެޝަނަލް އަދި މިފްކޯ އާއި އެންސިސް އަދި ޕިރަމިޑް ފަދަ ގިނަ ބްރޭންޑުތައް ވެސް ހިމެނެ އެވެ. މި ސްޓޯލްތަކަށް ދިއުމުން ވަގުތު ލިބޭ އިނާމުތަކެއްވެސް އެބަހުއްޓެވެ.
މި އިވެންޓް އޮންނާނީ މިމަހުގެ 23 އިން 25 ގެ ނިޔަލަށެވެ. ފެއާ ކުރިއަށްދާނީ ހަވީރު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.