ދިވެހި ސަރުކާރުން އިސްވެ ޓެކްސް މައާފު ދިން މަޝްރޫއުތަކުގެ ޖުމްލަ އަގު 13 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. އެގޮތަށް ޕްރޮޖެކްޓްތަކުން މައާފުދިން ޓެކުހުގެ އަދަދު ބިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް މިހާރު އަންދާޒާ ކުރެވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން އިންޑިއާގެ ލޯނުން ހިންގާ 10 މަޝްރޫއަކަށް ޓެކްސް ނުނަގާން ނިމުމާ ގުޅިގެން ފިނޭންސުން މިހާރު ވަނީ ޓެކްސް ނުނަގާ މަޝްރޫއުތަކުގެ ލިސްޓެއް ނެރެފަ އާންމުކޮށްފަ އެވެ. މި ނިންމުމާއެކު އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ލޯނު ތަކުގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކުހުގެ ބޮޑު ބައެއް މައާފު ވެގެން ދާނެ އެވެ.
މި ލުޔާއެކު އިންޑިއާ ކުންފުނި ތަކަށް ސަލާމަތް ކުރެވޭނެ ފައިސާގެ ބޮޑު އަދަދެއް ވެސް އޮންނާނެ އެވެ. ދެން އެ ފައިސާއަށް ވާނެ ގޮތެއް ވެސް އޮންނާނެ އެވެ. އެގެން މި ޖެހެނީ އަދަދެވެ. އަދި އެ ފައިސާ ދެން ބޭނުން ކުރާނީ ކޮން ކަމަކުތޯ އެއީ ވެސް އެނގެން ބޭނުންވާނެ ކަމެކެވެ.
މުހިންމު އެއް ސުވާލަކ މަޝްރޫއުތައް ފެށުމުގެ ކުރީގައި މި ފައިސާ މައާފު ކޮށްދެވޭ ގޮތެއް ރާއްޖޭގައި އޮތް ހެއްޔެވެ؟ އަދި ޓެކުސް މައާފުކޮށް ދިން 10 މަޝްރޫއުގެ ޖުމްލަ އަގަކީ ކޮބައި ހެއްޔެވެ؟
އެ އަދަދު ސަރުކާރަކުން ނުބުނެ އެވެ. ނުވެސް ބުނާނެ އެވެ. ބުނެ ނުދިން ނަމަވެސް "މި" ނޫހުން މި އޮތީ އެ އަދަދު ހޯދާފަ އެވެ.
ޓެކްސް ދާއިރާގެ ތަޖުރިބާކާރުންނާއި ސަރުކާރުގެ ތެރޭގައި ތިއްބެވި މާލީ ދާއިރާގައި މަސައްކަތް ކުރައްވާ ސީނިއާ ބޭފުޅުންގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިންޑިއާގެ 10 މަޝްރޫއަށް ދިން ޓެކުހުގެ ބޮޑު ލުޔަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭރު ބަޔަކަށް ދިން ޓެކުހުގެ އެންމެ ބޮޑު ލުޔެވެ.
މިހާތަނަށް ރާއްޖޭގައި މަޝްރޫއު ހިންގަން އަންނަ އެއްވެސް ކުންފުންޏަކަށް ޑައިރެކްޓް ޓެކުހުގެ ލުޔެއް ދެވޭނެ ގޮތަކަށް ގާނޫނެއް ނޯވެ އެވެ. އެހެން ޓެކްސް ތަކަކީ ބޭރުގެ ލޯނުން އަންނަ މަޝްރޫއުތަކަށް ފޯލްވާ އެއްޗެއް ނޫނެވެ. މިހާތަނަށް ބޭރުން އަންނަ މިފަދަ މަޝްރޫއުތަކަށް ދެމުން ގޮސްފައި ވަނީ ޑިއުޓީގެ އިނާޔަތެވެ. ބޭރު މީހުން ރާއްޖޭގައި މަޝްރޫއު ހިންގަން އަންނައިރު ނަގާ ޑިއުޓީގެ އިނާޔަތް ދެވެ އެވެ. ނަމަވެސް މިވަރުގެ ބޮޑު އަދަދެއް މައާފު ކޮށްދީފައި މިވަނީ ރާއްޖޭގައި އަލަށެވެ.
އެ ގަވާއިދުގައިވާ ގޮތުން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކު ކުރަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީން މި ލިސްޓު ނެރެފައި ވަނީ އެ ގަވާއިދާ އެއްގޮތަށެވެ.
މި ކުންފުނިތަކުގެ ތެރޭން ވިޝްވަރާޖް އެންވަޔަރަމެންޓު ޕްރައިވެޓް ލިމިޓެޑުން ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގަނީ ހއ. އަތޮޅުގެ ކެލާ، ބާރަށް އަދި ހދ. ވައިކަރަދޫ އާއި ށ. ފުނަދޫ އާއި ޅައިމަގު އަދި ނ. މަނަދޫގަ އެވެ.
ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ކުންފުނިން މަޝްރޫއު ހިންގަނީ ޅ. ކުރެންދޫ އާއި ކ. ގާފަރާއި ކާށިދޫ އާއި އއ. މާޅޮހުގެ އިތުރުން އއ. ތޮއްޑޫގަ އެވެ. ޖޭއެމްސީ ޕްރޮޖެކްޓްސް އިން މަޝްރޫއު ހިންގާ އެހެން ރަށްތަކަކީ އދ. ދަނގެތި އާއި ދިގުރަށާއި ވ. ފެލިދޫ އާއި އެ އަތޮޅު ފުލިދޫ އާއި ތިނަދޫ އެވެ.
މީގެ އިތުރުން އެސްއެމްސީ އިންފްރާސްޓްރަކްޗާސް އިން މަސައްކަތް ކުރާ ރަށްތަކަކީ މީމު އަތޮޅު މަޑުއްވަރީ އާއި ކޮޅުފުއްޓާއި އެ އަތޮޅު މުއްޔެވެ. އަދި ފ. ދަރަނބޫދޫ އާއި ބިލެތްދޫ އާއި ދ. ބަނޑިދޫ އާއި މީދޫ އެވެ.
އެސްއެމްސީ އިންފްރާސްޓްރަކްޗާސް އިން މަޝްރޫއު ހިންގާ ރަށްރަށުގެ ތެރޭގައި ތ. ހިރިލަންދޫ އާއި ލ. އަތޮޅު ގަމާއި އިސްދޫ އާއި މާމެންދޫ އާއި މާބައިދޫ ހިމެނެ އެވެ.
ޝާހު ޓެކްނިކަލް ކޮންސަލްޓްސް ޕްރައިވެޓް ކުންފުންޏަކީ 34 ރަށެއްގެ ނަރުދަމާ އަދި ފެނުގެ ނިޒާމު ޑިޒައިން ކުރަން ދިން ކުންފުންޏެވެ.
ޓެކްސް މައާފު ކޮށްދިން މަޝްރޫއުތަކުގެ ޖުމުލަ އަގު ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ނުވަތަ 800 މިލިއަން ޑޮލަރަށްވުރެ މަތިވާނެ އެވެ.
މި މަޝްރޫއުގެ އަގުން ބަލާނަމަ ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއުތަކުން އެވްރެޖުކޮށް އެންމެ ކުޑަކޮށް ބަލާއިރު 20 ޕަސެންޓް ވަރު ފައިދާގެ ގޮތުގައި އިންނާނެ އެވެ. މި އަދަދުން ބެލި ނަމަވެސް ޖުމުލަ މައާފުކޮށް ދިން ޓެކުހުގެ ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 50 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގަ އެވެ.
މިއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އެވެ. މި ލުޔާއެކު ކޮންމެ މަޝްރޫއަކުން އެވްރެޖުކޮށް ހައެއްކަ މިލިއަން ޑޮލަރުގެ ސޭވިންސްއެއް އެ ކުންފުނިތަކަށް ލިބިގެން ދާނެ އެވެ.
ދިވެހި ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރުންގެ ނަޒަރުގައި ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ފަދަ ބޮޑެތި މަޝްރޫއު ތަކުން ޓެކްސް މައާފު ކޮށްދިނުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ކުދި ކުދި، 60 މިލިއަން ރުފިޔާވަރުގެ ކުދި މަޝްރޫއު ތަކުން މި ވަރުގެ ބޮޑު މާފު ލުޔެއް ޓެކްހުން ދިނުމަކީ ގައުމަކަށް ރަނގަޅު ގޮތެއް ނޫނެވެ. މި އުސޫލުން ބަލައި ކުރިޔަށް ދާނަމަ ދިވެހި ކުންފުނި ތަކަށް ސަރުކާރުން ދޭ މަޝްރޫއު ތަކަށް ވެސް ޓެކުހުގެ ލުއިތައް ދޭން ވާނެ އެވެ.