މާލެތެރޭގައި ޖަޕާނުގެ އަންހެނަކު ސަލާން ޖަހަނީ

އަންހެން މޯހާ ބުނި ގޮތުގައި އޭނާ ޖަޕާނު އެންބަސީއަށް ވެސް އޭނާގެ މައްސަލަ ގެންގޮސްފައި ވާނެ އެވެ. އެމްބަސީން އޭނާ ގާތުގައި ފުރައިގެން ގައުމަށް ދިއުމަށް އެދެ އެވެ.

ޖާޕާނު އަންހެން މީހާއަށް "މި" ނޫހުގެ ނޫސްވެރިޔަކު ކާން ދެނީ

މާލޭ މަގުމަތީގައި "ސަލާން ޖަހަމުން ހިނގާ" ޖަޕާނުގެ އަންހެނަކު އެބައުޅެ އެވެ. އޭނާ މަގުމަތީން މީހުން ހުއްޓުވައިގެނާއި މާލޭގެ ފިހާރާތަކަށް ވަދެ އެކި ވާހަކަ ދައްކާ ސަލާން ޖަހައި ކައިބޮއެ އުޅުމުގެ އިތުރުން މާލޭގެ ބައެއް ޕާކްތަކުގައި ވަގުތު ހޭދަ ކުރާތާ ހައެއްކަ އަށެއްކަ މަަސް ދުވަހަށް ވުރެ ގިނަވެފައި ވެއެވެ. 

ބައެއް ފަރާތްތަކުން ވަނީ އެ އަންހެން މީހާގެ ވާހަކަ އާންމުންގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އެ އަންހެން މީހާގެ ވާހަކަ އާންމު ފަރާތަކުން "މި" ނޫހާ ހިއްސާ ކުރުމުން މި ނޫހުގެ ނުސްވެރިއަކު އޭނާ އާ ވާހަކަ ދެައްކައި އިންޓަވިއު ހަދަން މަސައްކަތް ކޮށްފައި ވެއެވެ. -- ފަހުން އޭނާގެ ފިރިމީހާ ކަމަށް ބުނާ މީހަކު "މި" ނޫހުގެ އިދާރާ އަށާއި ބައެއް ނޫސްވެރިންނަށް ގުޅައި އިންޒާރު ދޭން ފެށުމުން އެ އަންހެން މީހާއާބެހޭ ގޮތުން ސަރުކާރު އިދާރާއެއްގެ ބަހެއް ލިބެންދެން އެ މީހާގެ ކަންކަން ބެލުން އޭރު ހުއްޓާލީ އެވެ.

ޖަޕާނު އަންހެން މީހާ "މި" ނޫހަށް ކުރުކުރުކޮށް އިންޓަވިއުއެއް ވެސް ދިނެވެ. އޭނާ އޭރު ބުނި ގޮތުގައި އޭނާއަކީ ޓްރެވެލް ގައިޑެއްގެ ގޮތުގައި ސްރީލަންކާގައި މީގެ 14 އަހަރު ކުރީން މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. އަދި ލަންކާއިން އޭނާ ހަސަން ފާރިސް ކިޔާ ދިވެއްސަކާ ބައްދަލުވެ އެވެ. އައްޑު އަތޮޅުގެ އެ މީހާއާ ލޯބީގެ ގުޅުމެއް އުފެދި ދެ މީހުން ކައިވެނިކޮށް ރާއްޖޭގެ ދިރިއުޅެން ފެށީ އެވެ. ފުރަތަމަ އުޅުނީ އައްޑޫގަ އެވެ. ފަހުން މާލޭގަ އެވެ.

އޭނާ ބުނާ ގޮތުގައި އެ ދެމީހުން ވިޔަފާރި ކުރުމަށް ޖަޕާނުން ކާރު ގެނެސް ވިއްކުމުގެ މަސައްކަތް އިތުރު މީހަކު ބައިވެރި ވެގެން ކުރަމުން ދަނިކޮށް ދެމަފިރިންނާ ބައިވެރިވި ޕާޓްނަރު ފުރަތަމަ ކާރު ކޮންޓައިނަރު ފައިސާތައް ހިފައިގެން ފިލީ އެވެ. ދެން ބާކީ ހުރި ތިން ކޮންޓައިނަރަށް އެ މީހުން ޒިންމާވާން ޖެހި ބަނގުރޫޓުވީ އެވެ. އެކަމުން ސަލާމަތް ނުވެވިގެން މަގުމައްޗަށް ނުކުންނަ ހިސާބަށް ދިޔައީ އެވެ. -- އާންމުކޮށް އެ އަންހެން މީހާ ވާހަކަ ކިޔައި ދެނީ މިހެނެވެ. ނަމަވެސް ތަފާތު އެހެން ގޮތްގޮތަށް ވެސް އޭނާގެ ވާހަކަ އެކި މީހުނަށް ކިޔައި ދެ އެވެ.

މި ނޫހުގެ ނޫސްވެރިއަކަށް ޖަޕާން އަންހެން މީހާ ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނާ ފިރިހެން މީހާ "މި" ނޫހުގެ ނޫސްވެރިއަކަށް ކުރީން ފޮނުވާފައި އޮތް މެސެޖެއް

މަގުމަތީން ބައެއް އާންމު މީހުނަށް އޭނާ ކިޔައިދީފައިވާ ގޮތުގައި އޭނާ މަގުމަތީގައި ސަލާން ޖަހަން އުޅެނީ ފިރިމީހާ މަޖުބޫރު ކުރުވައި އެކަމަށް ނެރުމުން އެނޫން ގޮތެއް ނެތިގެނެވެ.

އެ އަންހެން މީހާ ބުނާ ގޮތުން އޭނާގެ މައްސަލަ ޖެންޑާ މިނިސްޓަރީ އާއި އިމިގްރޭޝަނަށް އެނގޭނެ އެވެ. އަދި އެ މައްސަލަ ގެންދަނީ ޖެންޑާއިން ބަލަމުންނެވެ. ނަމަވެސް ޖެންޑާ މިނިސްޓަރީން "މި" ނޫހަށް ބުނި ގޮތުގައި މާލޭތެރޭގައި ސަލާން ޖަހަން އުޅޭ ޖަޕާނުގެ އަންހެނެއްގެ މައްސަލަ އެ މިނިސްޓަރީއަށް ފާހަގަ ވެފައެއް އަދި ހުށަހެޅިފައެއް ވެސް ނެތެވެ. ބަލަމުންނެއް ވެސް ނުގެންދެ އެވެ. 

ބުރުގާ އަޅައި ކަޅު ހެދުމުގައި ހުންނަ އަންހެން މިހާ ރޭގަނޑު ވަރަށް ދަންކޮށް ވެސް މާލެ ތެރޭގައި އުޅެ އެވެ. އޭނާއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން "މި" ނޫހުން ވަނީ އިމިގްރޭޝަނަށް ލިޔެފަ އެވެ. ޖަވާބެއް ނުދެ އެވެ.

އޭނާ ބުނާ ގޮތުގައި އޭނާ މަގުމައްޗަށް ނުކުމެ އުޅެނީ ސަލާން ޖަހާކަށް ނޫނެވެ. އެކަމަކު އޭނާ އާއި ފިރިމީހާގެ ކާރު ވިޔަފާރީގެ ފައިދާ އެހެން މީހަކު "ކާލުމުން" ހުލިވެ ބަނގުރޫޓުވެ އޭނާ އާއި ފިރިމީހާ ކާނެ އެއްޗެއް ނެތް ހިސާބަށް ދިޔަ އެވެ.

އޭނާއާއެކު ފިރިމީހާ ނުނިކުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން "ފިރިމިހާ އަކީ މިހާރު ބަލި މީހެއް" ކަމަށް އޭނާ ބުނެ އެވެ. އަދި އޭނާ ވަރަށް ގިނައިން ފިރިމީހާއަށް ބޭނުންވާ ވަރަށް ވެސް ކާ އެއްޗެއްހި ހޯދަ އެވެ. އަދި އޭނާ ބުނާ ގޮތުގައި އެ މީހުންގެ ކައިވެންޏަށް 13 އަހަރުވެފައިވާއިރު ދަރިއަކު ނުހުރެ އެވެ. ސަބަބަކީ އޭނާއަށް ދަރިން ނުލިބުމެވެ.

އަންހެން މީހާ ބުނާ ގޮތުގައި ކުދިން ހޯދުމާއި އެކަމަށް ފަރުވާ ހޯދަން އުޅުމަށްވުރެ ބޮޑަށް އޭނާއަށް މުހިންމީ ދަރަނީން ސަލާމަތްވުމެވެ. އެހެން ވެގެން އޭނާ ނުކުމެ އުޅެނީ ދަރަނި އަދާ ކުރަން ފައިސާ ހޯދާށެވެ.

އަންހެން މީހާ ބުނި ގޮތުގައި އޭނާ ޖަޕާނު އެންބަސީއަށް ވެސް މައްސަލަ ގެންގޮސްފައި ވާނެ އެވެ. އެމްބަސީން އޭނާ ގާތުގައި ފުރައިގެން ގައުމަށް ދިއުމަށް އެދެ އެވެ. ނަމަވެސް އަދި ޖާޕާނުގައި އޮތް އޭނާގެ އާއިލާއާ މިހާރު ވަނީ ގުޅުން ކެނޑިފަ އެވެ. އޭގެ އިތުރުން އޭނާގެ ބޮލުގައި އެޅިފައި އޮތް ދަރަނި ނުނިމި އޮތުމާއި ފިރިމީހާ ބަލިވެ އުޅޭތީ ދޫކޮށްލާފައި ދާން ބޭނުމެއް ވެސް ނުވެއެވެ. އެއަށްވުރެ އޭނާއަށް މާލޭ މަގުމަތި ރަނގަޅެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.