އެމްޓީސީސީ ނިންމަނީ ޅަވިޔަންޏަށް ބަދަލުއަންނާނެ މަސައްކަތްތަކެއް

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ހިންނަރުގައި ކޮންޓެއިނާ ބަނދަރަކާއި ފެލިވަރު ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ދެ މަސައްކަތްތައް މި އަހަރު ނިންމާ ސަރުކާރާ ހަވާލު ކުރާނެ އެވެ. ކުރެންދޫގައި ވެސް މަސައްކަތް ހިނގަ އެވެ.

އެމްޓީސީސީގެ މަސައްކަތްތައް ދައްކަން އިއްޔެ ޅަވިޔަންޏަށް ކުރި ދަތުރެއްގައި "މި" ނޫހަށް ފުރުސަތެއް ދިނެވެ. ދަތުރުގައި މި އަތޮޅުގައި އެމްޓީސީސީން މަސައްކަތް ކުރާ ދެ ރަށަކާއި ސިނާއީ ރަށް ފެލިވަރުގައި ކުރާ މަސައްކަތުގެ "އަޕްޑޭޓް" ހޯދައި ހަމަލޮލުން މަސައްކަތް ބަލަން ފުރުސަތު ލިބުނެވެ. މިހާތަނަށް މި މަސައްކަތްތަކުގައި ފެންނަމުން ދިޔައީ އެ ކުންފުނީގެ ޕީއާރް ޓީމުން ދެއްކި އެއްޗެކެވެ. ދެއްކި ފޮޓޯ ގަނޑެކެވެ. ޕީއާރުން ކުރި ޓުވީޓެކެވެ. އެކަމަކު މި ދަތުރުގައި ފެނިގެން ދިޔައީ އެމްޓީސީސީން ޅަވަނިޔަނި އަތޮޅުގައި ކުރާ މަސައްކަތްތަކުގެ ސްކޭލާއި އެ މަސައްކަތްތައް ނިމުމުން ކުރާނެ އަސަރެވެ. 

ދަތުރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި ޅ. ހިންނަވަރު ދާއިރާ އާއި ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. 

މި ދަތުރުގައި ފުރަތަމަ ލެފުނީ ކުރެންދޫ އަށެވެ. އާބާދީގައި 2,061 މީހުން ދިރިއުޅޭ، ބިމުގެ ބޮޑު މިނުގައި 21.3 ހެކްޓަރު އޮތް މި ރަށުގައި އެމްޓީސީސީން ހިންގަމުންދާ މަޝްރޫއު ނިސްބަތުން ކުޑަކަމަށް ދުރުގައި ބަލަން ތިބި ބަޔަކަށް ފެނުނު ނަމަވެސް މި މަޝްރޫއުއަކީ ކުރެންދޫ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމެވެ. 

އެމްޓީސީސީގެ އެމްޑީ އާޒިމް އަދި ކުރެންދޫ އަދި ހިންނަވަރު މަޖިލީސް މެންބަރު

މި ރަށް މި އޮންނަނީ ރާއްޖޭގެ އެންމެ ރާޅު ބޮޑު ކާށިދޫ ކަނޑުގެ ދެ ކަނޑުއޮޅީގެ މެދުގަ އެވެ. އެހެންވެ މި ރަަށް އަބަދު ވެސް އޮންނަނީ އުދައެރުމާއި ރަށް ގިރުމުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ. މި ރަށުގައި އެމްޓީސީސީ ކުރާ މަސައްކަތުގެ އަގަކީ 42.3 މިލިއަން ރުފިޔާ އެވެ. މި މަސައްކަތުގެ ބޮޑުބައި އެއްކޮށް ނިމިފައިވާއިރު އަންނަ މަހު މި މަސައްކަތުން އަތް ދޫކޮށްލާނެ އެވެ. މި މަސައްކަތުގައި ރަށް ވަށައި އެއް ކިލޯމީޓަރަށް ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. އަދި ބޮޑު ހިލަ ޖައްސައިގެން ފާރެއް ރަށްވަށައި ލައި ދޭނެ އެވެ. 

ހިންނަވަރަށް ކޮންޓެއިނާ ބަނދަރެއް

އާބާދީގައި 4،800 މީހުން އުޅޭ ހިންނަވަރުގައި އެމްޓީސީސީން މުހިންމު ދެ މަސައްކަތެއް ކުރިއަށް ގެންދެ އެވެ. މި މަސައްކަތަށް 104 މިލިއަން ރުފިޔާ ހަރަދު ވާއިރު މިއީ މަޝްރޫއެއްގެ ގޮތުގައި ބެލިދާނެ އެވެ. މި ރަށުގެ އާއްމު ބަނދަރު ހެދުމުގެ އިތުރުން އިންޓަނޭޝަނަލް ޕޯޓަކަށް ވާވަރުގެ ބަނދަރެއް ދަނީ ހަދަމުންނެވެ. 

އެމްޓީސީސި އިން ފެލިވަރު ޕޯޓުގެ މަސައްކަތް ކުރަނީ -- މި

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވި ގޮތުގައި މި ރަށުގައި ހަދާ ޕޯޓުގެ ފުން މިނުގައި 8.5 މީޓަރު ހުންނާނެ އެވެ. މިއީ މިގޮތަށް ކުރާ އެންމެ ބޮޑު އެއް މަސައްކަތެވެ. 

"އެންމެ ބޮޑެތި ބޯޓު ފަހަރު ކައިރިކޮށްފަ ކޮންޓެއިނާ ހުސް ކުރެވޭނެ. މިހާރު މި ބަލަނީ އަންނަ މެއި މަހު ނިންމާލެވޭނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ. 

އެމްޓީސީސީ އިން ހިންނަވަރުގައި މަސައްކަތް ކުރަނީ -- މި

ފެލިވަރުގައި އޮތް ބޮޑު މަޝްރޫއު

ސައޫދީ ފަންޑުގެ އެހީގައި ފެލިވަރު ތަރައްގީ ކުރަން ހިންގާ މަސައްކަތުގެ ދަށުން ބަނދަރު ހަދައި ބިން ހިއްކައި ކީވޯލް ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ. ގާތްގަނޑަކަށް 129 މިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫއުގެ ދަށުން ފެލިވަރު ފެކްޓްރީ ބޮޑުކޮށް ކޯލްޑް ސްޓޯރޭޖް ބޮޑު ކުރަން ބިން ލިބޭނެ އެވެ. އަދި ބޭރުން ފެލިވަރަށް މަސް ނަގަން އަންނަ ބޮޑެތި ބޯޓު ފަހަރަށް ފަސޭހަ ކަމާއެކު މަގަތުތޮއްޓަށް ކައިރި ކޮށްލެވޭނެ އެވެ. މި ބަދަލާއެކު މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. 

މި މަސައްކަތް ވެސް މި އަހަރު ޖޫންގައި އެއްކޮށް ނިންމާނެ އެވެ. މި މަސައްކަތް އެމްޓީސީސީން ދޫކޮށްލުމުން އިންޑިއަން އެގްޒިމްގެ ލޯނުގެ ދަށުން ފެކްޓްރީ ތަރައްގީ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. 

މި ތިން މަޝްރޫއު ނިންމުމުން ޅ. އަތޮޅުގެ އެންމެނަށް ބޮޑު މަންފާއެއް ކުރާނެ އެވެ. ހާއްސަކޮށް ރާއްޖޭގެ މަސްވެރި އާބާދީއަށް މި މަޝްރޫއުގެ ސަބަބުން ކުރާނެ އަސަރު ބޮޑުވާނެ އެވެ. މަސް ނުކިރުމާއި ފެލިވަރު ބަނދަރުން ޖާގަ ނުލިބުމުގެ މައްސަލައަށް މި މަސައްކަތްތައް އެއްކޮށް ނިމުމުން ލުއި ލިބިގެން ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.