ނިޒާމްގެ މަސައްކަތުގައި ކުރިއަށް އޮތީ، ރާއްޖޭގެ ސުޕަ މާކެޓުތަކާއި، ރިސޯޓުތަކުގެ ސުވެނިއާ ފިހާރަތަކުން އޭނާގެ އުފެއްދުންތަކަށް ޖާގަ ހޯދުމުގެ ހުވަފެން ހަގީގަތަކަށް ހެދުމެވެ. މުޅި ރާއްޖެއަށް އެ އުފެއްދުންތައް ފުޅާ ކާނެ ވިސްނުމެއް އެބައޮތެވެ.
ކުދިގުޅަ، ކުޅިކާޖާ، އަތުޖެހި ފަދަ ލުއިކާނާގެ ބާވަތްތައް އުފައްދައި، ވިއްކުމަކީ ށ. ފީވަކު، ހަސަން ނިޒާމް ކުރިންސުރެ ކުރަމުން އައި ކަމެކެވެ. އޭނާގެ މަސައްކަތަކީ އެއީ އެވެ. އެކަމަކު ދިވެހި ބާޒާރަށް އެ ބާވަތްތައް ނެރޭ އެހެން މީހުނެކޭ އެއްފަދައިން، އޭނާވެސް އެ ބާވަތްތައް ބަންދު ކުރަމުން ދިޔައީ ޖޫސްޕެޓީ ކޮތަޅެއްގައި އާދައިގެ ގޮތަކަށެވެ. ނިޒާމުގެ ހިޔާލަށް އަންނަނީ އެ ވިޔަފާރި އިތުރަށް ފުޅާ ކުރާށެވެ. އެހެން ވެގެން އޭނާ ވިސްނާން ފެށި އެވެ. އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވީ ޕްރޮޑަކްޓް ބަންދު ކުރާ ޖޫސްޕެޓީ ކޮތަޅުގެ މައްސަލަ އެވެ. އެއިން ނެއްޓޭނެ ގޮތެއް ހޯދުމެވެ.
"ވާގޮތަކީ ރިސޯޓަކަށް ފޮނުވަން ވިޔަސް އެގޮތަށް ޖޫސްޕެޓީ ކޮތަޅުގައި ބަންދު ކޮށްގެން ނުފޮނުވޭ. އަދި އަޅުގަނޑަކަށް ހިޔެއް ނުވޭ ރާއްޖޭގެ ބޮޑެތި ސުޕަ މާކެޓުތަކުން ވެސް ވަކި ފެންވަރެއްގައި ހުންނަ އެއްޗެހި ނޫނީ ބަލައިގަންނާނެ ހެންނެއް،" އޭނާ ބުންޏެވެ.
އެކަމާ ފިކުރު ކުރުމަށް ފަހު އާ ވިސްނުމާއެކު، އޭނާ އުފަންކުރި "ފީވަކު ފުޑް ފެކްޓަރީ" ގެ އުފެއްދުންތައް މިހާރު ބާޒާރަށް ނުކުމެއްޖެ އެވެ. މި މަހުގެ ކުރީކޮޅުން ފެށިގެން ށ. އަތޮޅުގެ އެކި ރަށްރަށުން އެ އުފެއްދުންތައް ލިބެން އެބަހުއްޓެވެ. ގިނަ ދުވަހެއް ނުވެ މާލޭގެ ބާޒާރަށް ވެސް އެ ތަކެތި ނެރޭނެ އެވެ. ޖޫސްޕެޓީ ކޮތަޅު ބޭނުމެއް ނުކުރެ އެވެ. ހުރިހާ ޕްރޮޑަކްޓެއް ވަނީ މިޒަމާންކޮށްފަ އެވެ.
ފަހުގެ ޒަމާނީ މެޝިނަރީއާއެކު، ސާފުތާހިރު ކަމާއި ކޮލިޓީއަށް އިސްކަން ދީގެން ތަރައްގީ ކުރި ފެކްޓަރީ މިހާރު ވަނީ ފައްކާވެފަ އެވެ. މި ވަގުތު ވެސް ހަތަރު މުވައްޒަފަކު މަސައްކަތް ކުރެ އެވެ. އެ އެންމެންނަކީ ވެސް ފީވަކު މީހުނެވެ.
އެ ފެކްޓަރީގައި ކާނާ ތައްޔާރު ކުރަން ބޭނުންވާ ފުށްގަނޑު މޮޑުމާ ހަމައިން ގޮސް، ރޮށި ދެމުމާއި، ތެލުލުން އަދި ބަންދު ކުރުމަށް ވެސް ހާއްސަ މެޝިންތައް ހުރެ އެވެ. އެކަމަކު ފުރަތަމަ މަރުހަލާގައި މި ވަގުތު އެ ފެކްޓަރީގައި ތައްޔާރު ކުރަނީ ކުދިގުޅަ އާއި ކުޅިކާޖާ އަދި އަތުޖެހި އެވެ.
ނިޒާމް އަމާޒު ހިފަނީ މި އަހަރުގެ ތެރޭގައި ތެލުލި ބަނބުކޭލާއި، ދޮންކޭލާއި އަދި އަލައިގެ އިތުރުން މުރުމުރު ވެސް ފެކްޓަރީ ލެވެލްގައި ބަންދުކޮށް ބާޒާރަށް ނެރޭނެ އެވެ.
"ކްރަންޗީސް" ބްރޭންޑުގެ ދަށުން ނިޒާމް ތައާރަފުކުރި މި އުފެއްދުންތައް ތައްޔާރު ކޮށްފައި ވަނީ ރާއްޖޭން ބޭރު މީހުނަށް ވެސް ވިއްކޭނެ ފެންވަރުގަ އެވެ. ރާއްޖެއަށް މިހާރު ބޭރުން އެތެރެކުރާ ގިނަ ލުއިކާނާ ވެސް ބަންދު ކޮށްފައި ހުންނަ މެޓީރިއަލްގައި އެ އުފެއްދުންތައް ބަންދުކޮށްފައި ވެއެވެ. އަދި އެކަން ކޮށްފައި ފެކްޓަރީ ލެވެލްގައި ކޮށްފައި ވަނީ ހަލާކުނުވެ ގިނަ ދުވަހު ހުންނާނެހެން ނައިޓްރޮޖެން ގޭސް ބޭނުން ކޮށްގެނެވެ.
ނިޒާމް ބުނި ގޮތުގައި ކުރިން ވެސް އޭނާގެ އުފެއްދުންތަކަށް ތަރުހީބު އޮތެވެ. އެކަމަކު އޭރު އެއީ އެހެން ލެވެލެކެވެ. އަދި މިހާރު އޭނާ ޕްރޮޑަކްޓްތައް މިޒަމާންކޮށްފައި ވުމުން މާ ރަނގަޅު ތަރުހީބެއް ލިބެމުން ދެއެވެ.
"ތަޖުރިބާ ކުރި ކޮންމެ މީހަކު ވެސް ބުނެފައި ވަނީ ވަރަށް ރަނގަޅު ކަމަށް" އޭނާ ބުންޏެވެ.
ނިޒާމްގެ މަސައްކަތުގައި ކުރިއަށް އޮތީ، ރާއްޖޭގެ ސުޕަ މާކެޓުތަކާއި، ރިސޯޓުތަކުގެ ސުވެނިއާ ފިހާރަތަކުން އޭނާގެ އުފެއްދުންތަކަށް ޖާގަ ހޯދުމުގެ ހުވަފެން ހަގީގަތަކަށް ހެދުމެވެ. މުޅި ރާއްޖެއަށް އެ އުފެއްދުންތައް ސަޕްލައި ކުރަން އޭނާގެ އޮތް އަޒުމު ވަރުގަދަ އެވެ.