މިހާރު ޓީމް އޮތް ފޯމަށް ބަލާއިރު އެ ކްލަބް މި ސީޒަންގައި ރެލިގޭޝަނުން ސަލާމަތްވެ ޕްރިމިއާ ލީގުގައި ދެމި އޮންނަ ތަނެއް ނުފެނެ އެވެ.
ޕްރިމިއާ ލީގްގެ މި ސީޒަންގައި 22 މެޗް ކުޅުނު އިރު ޓޭބަލްގެ ފުލުގައި އޮތް ސައުތެމްޓަން ގެ ކޯޗް މަގާމުން ދުރު ކޮށްފި އެވެ.
އެ ކްލަބުގެ ކޯޗު ނޭތަން ޖޯންސް މަގާމުން ވަކި ކުރީ އެ މަގާމާ އޭނާ ހަވާލު ވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އަދި މިދިއަ ހޮނިހިރު ދުވަހު 10 ކުޅުންތެރިންނާއެކު ކުޅުބު ވުލްވްސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައި ވަނިކޮށެވެ.
ނޭތަން ޖޯންސް ސައުތަމްޓަންގެ ކޯޗް ކަމާ ހަވާލުވީ މިދިއަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ އެ ކްލަބުގައި އިރުޝާދު ދިން 14 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފަ އެވެ. އަދި ޕްރިމިއާ ލީގުގައި އޭނާއާއެކު ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް ބަލިވި އިރު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައި ވެއެވެ.
އަންނަ ހޮނިހިރު ދުވަހު ސައުތެމްޓަން ވާދަ ކުރާނީ ޕްރިމިއާ ލީގުގައި މި ވަގުތު ފޯމް ގެއްލިފައިވާ ޗެލްސީއާ އެވެ. އެ މެޗުގައި ސައުތެމްޓަން އަށް އިރުޝާދު ދޭނީ ލީޑް ކޯޗް ރޫބެން ސެލެސް އެވެ.
މިހާރު 22 މެޗް ކުޅެފައިވާއިރު ސައުތެމްޓަން އަށް ހަމަ ކުރެވިފައި ވަނީ 15 ޕޮއިންޓެވެ. މި ރޭޓުގައި ދާއިރު މިހާރު ޓީމް އޮތް ފޯމަށް ބަލާއިރު އެ ކްލަބް މި ސީޒަންގައި ރެލިގޭޝަނުން ސަލާމަތްވެ ޕްރިމިއާ ލީގުގައި ދެމި އޮންނަ ތަނެއް ނުފެނެ އެވެ.