ކުޑަގިރިއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ދިވެހިން ދަތުރު ދާން ބޭނުން ކުރި ކުޑަބަންޑޮހުގެ ބަދަލުގައި ސަރުކާރުން ތަރައްގީ ކުރި ރަށެކެވެ.
ކުޑަގިރިއަށް ދަތުރުދާ މީހުންގެ ތަޖުރިބާއަށް ބެލުމަށް ފަހު ރަށުގެ ހިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދި ވަޑައިގެންފި އެވެ.
މިއަދު ކުޑަގިރި ހުޅުވައި ދެއްވުމަށް ފަހު ރައީސް ވަނީ އެ މަނިކުފާނުގެ އެ އެދި ވަޑައިގަތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހިއްސާ ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެއްކަމަކީ ޖަޒީރާ ވަންތަ ދިރިއުޅުން ކަމަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ އުފާވެރިކަން ލިބެމުން އައި ކުޑަބަނޑޮސް މީގެ 10 ވަރަކަށް އަހަރުކުރިން އޭރުގެ ސަރުކާރުން ނަގައި އެރަށަށް ދިވެހިންނަށް ނުދެވޭގޮތް ހަދާފައިވާ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއް ކަމަށާއި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި އާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ދާނެ ކަމަށާއި ދަތުރުދާ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.