ދިވެހިންނަށް ކުޑަބަނޑޮހަށްވުރެ ދެ ގުނަ ބޮޑު ކުޑަގިރި ހުޅުވައިފި

ކުޑަގިރި ތަރައްގީކޮށްފައިވަނީ ދަތުރު ދިއުމަށް ބޭނުންކުރާ ވަސީލަތްތަކާއެކުގަ އެވެ. މި ރަށުގައި އަގު ނަގައިގެން ބޭނުން ކުރެވޭ ގޮތަށް މޫދު ކުޅިވަރުގެ ވަސީލަތްތައްވެސް ހުރެ އެވެ.

ކުޑަގިރި ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައިސް ސޯލިހު އާއި ނައިބް ރައީސް ފައިސަލް އަދި މަސީގެ ރައީސް ޖަނާހު -- ރައީސް އޮފީސް

ދިވެހިން ކުރިން ދަތުރު ދާން ބޭނުން ކުރި ކުޑަބަނޑުހަށްވުރެ ދެ ގުނަ ބޮޑު ކުޑަގިރި ހަދައި ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ. 

ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު ކުޑަގިރި ފަޅުން ބޮޑު ސަރަހައްދެއް އެމްޓީސީސީ އިން ހިއްކައިގެން 41 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ދިވެހިންގެ ޕިކްނިކް އައިލެންޑް ކުޑަގިރި ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. 

ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މާލެ ރައްޔިތުން ދަތުރުދާން އޮތްރަށް އަތުލީ މީގެ 10 އަހަރު ކުރިން އޭރުގެ ސަރުކާރުން ކަމަށާ ނަމަވެސް އެއީ އުފާވެރި ހަނދާންތަކާ ގުޅިފައިވާ ރަށެއް ކަމަށެވެ. 

"ކުޑަ ބަނޑޮހަށް ދަތުރުދާން ނަމަ އެރޭ ޖެހޭނީ ހޭލާ ތިބެން. ހޭލާ ތިބެގެން އެގެއަކުން ރޮށި އަނެއް ގެއަކުން ރިހަ އަނެއް ގެއަކުން މަސްބަތް ނަމަވެސް ހަދާ ތައްޔާރު ވެގެން ހެނދުނު ދޯންޏަކަށް އަރައިގެން ބަނޑޮހަށްދާނީ. މެންދުރާ ހަމައަށް އަންނައިރު އަޅުގަނޑުމެން ތިބޭނީ ހޭޅީފައި އޮންނަ މަގޫގަހެއްގެ ދަށުގައި ނިދާފަ. އެއީ ވަރަށް ހިތްހަމަ ޖެހޭ ތަޖުރިބާއެއް. ރޭގަނޑު ހޭލާތިބެފަ އަނބުރާ ދިއުން އެއީ އުފާވެރިކަމެއް،" ކުޑަބަނޑޮހުގެ ދަތުރު ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ. 

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުޑަބަނޑޮހުގައި އޮންނަ ފަދަ ހޭޅިފަށެއް މި ރަށުގައި ވެސް ހެދުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

"ކުޑަގިރި ހުޅުވައިގެން މިދަނީ ޒަމާނީ މުޅިން އެހެން ފެސިލިޓީތަކަކާއެކު. އެހެން ނަމަވެސް، އަޅުގަނޑު މި ދެންނެވި ތަޖުރިބާކޮށްލަން ބޭނުން ފަރާތްތަކަށް ވެސް، އެ ހިދުމަތް އެގޮތަށް ލިބޭގޮތަށް އިންތިޒާމުވެފައި އޮތުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކަހަލަ ދެން މެދުއުމުރަށް މި އަންނަ މީހުން ތަޖުރިބާކޮށްލަން ބޭނުންވާނެ ކަމެއް. އެހެންވީމާ، ކުޑަގިރީގެ ހިދުމަތްތައް، ވަސީލަތްތައް ފުރިހަމަވެގެންދާއިރުގައި، މިފަދަ ޒަމާންވެފައި ހުރި މިކަހަލަ ކަންތައްތައް އިއާދަ ކުރުމަށްޓަކައި ވެސް ވިސްނުން ގެންގުޅުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިފަހަރު ހުޅުވި ޕިކްނިކް އައިލެންޑް ކުޑަގިރިއަކީ ކުޑަބަނޑޮހަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ހުރި ރަށަކަށް ހަދަން މަސައްކަތް ކުރައްވާނެ އެވެ. މި ރަށަށް ދަތުރު އަންނަ މީހުންގެ ފަރާތުން ލިބޭ ޕީޑްބެކްގެ މައްޗަށް ރަށުގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީ އިން ކުރާނެކަމުގެ ޔަގީންކަން އެބައޮތެވެ. 

ކުޑަގިރި ހަދާފައިވަނީ ރަށް ހިއްކުމުގެ އިތުރުން ރަށުގެ ގިނަ މަސައްކަތް ތަކެއް ސަރުކާރު ހިއްސާ ގިނަ ކުންފުނިތަކުގެ ހަރަދުގަ އެވެ. ސަރުކާރު ކުންފުނިތަކުގެ އިތުރުން ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލް ކުރާ ޖަމިއްޔާ މަސީ އިން ވެސް މި މަޝްރޫގައި ބައިވެރިވެފައިވެ އެވެ. އެ ޖަމިއްޔާއިން ވަނީ މިރަށުގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ހަދާދީފަ އެވެ. 

ކުޑަގިރި ތަރައްގީ ކުރަން އެހީވި ފަރާތްތައް

  •  ޕްލޭނިންގ މިނިސްޓްރީ
  •  އެމްޓީސީސީ
  •  އެޗްޑީސީ
  •  ފެނަލަ ކޯޕަރޭޝަން
  •  މަސީ

ކުޑަގިރި ތަރައްގީކޮށްފައިވަނީ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދޭ ގޮތަކަށެވެ. މާލޭން ފުރައިގެން 10 ކިލޯ މީޓަރު ދުރުގައި ދޯންޏެއްގައި 40 މިނެޓުން އަދި ލޯންޗެއްގައި 20 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ މި ރަށަށް އަރަން ދެ އަހަރުން ދަށުގެ ކުޑަކުދިންނަކަށް އެއްވެސް އަގެއް ޗާޖެއް ނުކުރާނެ އެވެ. ފެރީ ޓިކެޓުގެ އަގަކީ 25ރ. އެވެ. ރަށަށް އެރުމަށް 50ރ. ނަގާނެ އެވެ. ހަފުތާ ބަންދުގައި ދިވެހިންނަށް ހިލޭ ރަށަށް އެރޭނެ އެވެ. ދިވެހިންނާ އެކު ގެންދާ އެއް ބިދޭސީއަކަށް ވެސް މި އަގުގައި ދަތުރު ކުރެވޭނެ އެވެ. 


ރަށް ތަރައްގީކޮށްފައިވަނީ ހަޓުތަކާއި މިސްކިތް އަދި ފާހާނާ ވެސް ހިމެނޭ ގޮތަށެވެ. ދެ ސައިޒުގެ ހަޓް ހުރެ އެވެ. ކުދި ހަޓުތަކާއި ބޮޑެތި ހަޓުތައްވެސް ހުންނާނެ އެވެ. މި ތަންތަނުގައި ކެއްކުމާއި ފޯނު ޗާޖުކުރުން ފަދަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. މި ތަންތަން ބޭނުން ކުރެވޭނީ އަގު ދީގެންނެވެ. ނަމަވެސް ފާހާނާ ބަރިއާއި ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދު ބޭނުން ކުރަން އަގެއް ނުނަގާނެ އެވެ. މި ރަށުގައި ސެކިއުރިޓީން ތިބޭއިރު 44 ސީސީ ޓީވީ ކެމެރާއިން މުޅިރަށް އެއްކޮށް ބަލަހައްޓަމުން ގެންދާނެ އެވެ. 

ޑައިވިން ސެންޓަރެއް ހުރޭ، ހިދުމަތްތަކުން ނަގާ އަގު

  •  ކުދި ހަޓު ދުވާލަކަށް -- 500ރ.
  •  ކުދި ހަޓު ބައި ދުވަހަށް -- 250ރ.
  •  ބޮޑެތި ހަޓު ދުވަހަކަށް -- 1200ރ.
  •  ޑައިވިން ސެންޓަރެއް ހުރޭ

އެޗްޑީސީ އިން ޕްލޭންކޮށްފައިވަނީ މި ރަށަށް ކޯޕަރޭޓް އިވެންޓްތަކާއި ކައިވެނި ހަފުލާފަދަ އިވެންޓްތަކަށްވެސް ދޫކުރާ ގޮތަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.