މިއުވާން ވިދާޅުވި ގޮތުގައި އާސަންދައިގެ ހަރަދާ އެމްޑީޕީގެ ޕްރައިމަރީއާ ގުޅުވާލެވޭނެ ގޮތެއް ނުވިސްނެ އެވެ.
އާސަންދަ ސްކީމުގެ ދަށުން މިދިޔަ މަހު ކުރި ހަރަދު އާދަޔާ ހިލާފަށް ބޮޑުވެފައި ނުވާކަ މަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ރައްދު ދެއްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި، މި އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، އާސަންދައިގެ ހަރަދު އިތުރުވާން ޖެހުނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެންތޯ މަޖިލީހުން ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މިދިޔަ އަހަރުގެ ޖަނަވަރީ މަހާ މިއަހަރުގެ ޖަނަވަރީމަހާ ހުރި ތަފާތުގައި، އާސަންދައަށް މިދިޔަ ޖަނަވަރީ މަހު 67.9 މިލިއަން ރުފިޔާ ހަރަދު ކުރެވުނީ، މި އަހަރުގެ ޖަނަވަރީ މަހު 283.4 މިލިއަން ރުފިޔާ އާސަންދައަށް ހަރަދު ކުރެވިއްޖެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އާސަންދައިގެ ހަރަދާ އެމްޑީޕީގެ ޕްރައިމަރީއާ ގުޅުވާލެވޭނެ ގޮތެއް ނުވިސްނެވޭ ކަމަށެވެ.
"މި ފައިސާއަކީ މީ މީހުންގެ އަތަށް ދޭ ފައިސާއެއް ނޫން، ތަންތަނުގެ ބިލްތަކަށް މި ފައިސާ މި ދައްކަނީ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވި ގޮތުގައި އެ ބިލްތަކަށް ފައިސާ ދައްކަނީ އެ މަހެއްގެ ތެރޭ ހޯދި ހިދުމަތްތަކަށް އެކަންޏެއް ނޫނެވެ. އެކަން މެނޭޖް ކުރަމުން އަންނަނީ އާސަންދަ ކުންފުނީގެ ކޭޝްފްލޯއަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް މަސްމަހުގައި ހުންނާނެ ސީދާ އެ މަހުގެ ޕޭމަންޓު ނުދައްކާ. ދެން އޮންނަ މަހުގެ ޕޭމަންޓު ހަދާފަވެސް،" އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ހިންގާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން އެޕާޓީގެ އެތެރޭގެ ކޯޅުން މި ދުވަސްވަރު ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އެ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ގަބޫލުކުރާ ގޮތުގައި އެ އިންތިހާބަށް ވަނީ ސަރުކާރުގެ ނުފޫޒު ފޯރުވައި ވޯޓް އޮޅުވާލާފަ އެވެ. އަދި އެ ފެކްޝަނުން ދަނީ ފާޅުގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.