ހަންކެޑެ ދެން ތަރައްގީ ކުރާނީ ޗައިނާ ސްޓޭޓް އޯން ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން ހަންކެޑެގައި 1041 އެނދު ތަރައްގީ ކުރާނެ އެވެ. މަޝްރޫއު އަމަލީ މަސައްކަތް ދެވަނަ ކުއާޓަރުގެ ފަހު ކޮޅު ފަށާނެ އެވެ. ރަށަށް އަރަނީ ފައިސާ ހިފައިގެނެވެ.
އައްޑު އަތޮޅުގެ ހާސަރު ދިގު ޓޫރިޒަމް ވާހަކައިގެ އެންމެ ފޫހި އެއް ވާހަކައަކީ އެ އަތޮޅުގައި އޮންނަ "ހަންކެޑެ" ގައި ރިސޯޓެއް ހެދުމުގެ ވާހަކަ އެވެ. އެ ވާހަކަ އެހައި ފޫހިވުމުގައި ސަބަބުތައް ވަރަށް ގިނަ އެވެ. ވާހަކައިގެ މައިގަނޑު ފޫހި ކުރުވާ ސުރުހީއަކީ ރިސޯޓެއް ނުހެދި ދެމިގެން ގޮސްފައިވާ ދިގު ވާހަކަ އެވެ. އައްޑޫ ހަންކެޑެގައި ރިސޯޓެއް ހަދަން އުޅެއުޅެ "ހަން ކެނޑުނު" އިރު އެއްވެސް ސަރުކާރަކަށް އެތަނުގައި ރިސޯޓް ހަދައި އައްޑޫ ރައްޔިތުންނަށް މަންފާކޮށްދެވޭނެ ގޮތެއް އޮތީ ނުވެފަ އެވެ.
ސ. މަރަދުއާ ގުޅިފައި އޮންނަ އެ ރަށުގައި ރިސޯޓެއް ހެދުމުގެ ކުރެހުންތަކެއް މި ވޭތުވެދިޔަ ޒަމާންތަކާއި މިދިއަ ހަަތަރު އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައިވެސް އެކި ފަރާތްތަކުން ދެއްކި އެވެ. އެކަމަކު ނިމިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ފަހުތަޅާލުމުގެ ހޫނުގަނޑުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގެން ހަންކެޑެ ހަދަން ފައިސާ ލިބިއްޖެކަން އިއުލާނު ކުރެއްވި އެވެ. އެ ހިސާބުން ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑުމެނޭޖުނަންޓް ކޯޕަރޭޝަން - އެމްއެފްއެމްސީ - އިން ދައްކާލި އާ ކުރެހުމަކާއެކު އަނެއްކާ ވެސް މި މަަޝްރޫއާމެދު މިވަނީ އުންމީދު އާވެގެން ގޮސްފަ އެވެ.
މި ހުރީ ހައްތަހާ ވެސް ސުވާލެކެވެ / މި ސުވާލުތަކުގެ ޖަވާބު މި ހޯދައި ދެނީ "މި" ނޫހުންނެވެ.
އެނގިފައިވާ ގޮތުގައި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރަން ހަވާލު ކޮށްފައިވާ ހަންކެޑެ އަށް އަރާ ޗައިނާ ކުންފުނިން ހަންނެޑެގައި 1041 އެނދު ހަދާނެ އެވެ. މި މަޝްރޫއުގައި ގިނަ ބައިތަކެއް ވެސް ހިމެނޭނެ އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެއް ގޮތުގައި ކުރިއަށް ގެންދަން ފައިނަލް ވެފައި އޮތް މި މަަޝްރޫއުގައި މިހާރު ކުރަމުން ދަނީ ކަރުދާހުގެ މަސައްކަތްތަކުގެ އެންމެ ފަހު ބައެވެ. މި މަޝްރޫއުގެ އިތުރުން އައްޑޫން ގެސްޓްހައުސް ހަދަން ދޫކޮށްފައިވާ ބިންތައް ގަނޑުކޮށް ނަގައި އެ ތަންތަނުގައި ގެސްޓްހައުސް މަޝްރޫއެއް ވެސް މި ކުންފުނިން ހިންގާނެ އެވެ. މިހާރު މި މަޝްރޫއު ރަސްމީކޮށް އިއުލާނު ނުކޮށް ލަސްވާ ސަބަބަކީ ގެސްޓްހައުސްތަކުގެ "ނަމްބާސް" ފައިނަލް ނުވެގެނެވެ.
ހަންނެޑެ ތަރައްގީ ކުރާ ޗައިނާ ކުންފުނިން މަޝްރޫއު އިންތިޒާމުކޮށް ރާވާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގަ އެވެ. މީގެ މާނައަކީ އެ ކުންފުނިން އެ އަންނަނީ ފައިސާ ހިފައިގެނެވެ. އެ ފައިސާ އިން ހަދައި އެ ތަންތަން ފަންޑު މެނޭޖުމަންޓާ ހަވާލު ކުރުމުން ހިންގަން ފެށުމާއެކު ފައިސާ ދައްކަން ފަށާނެ އެވެ. މި މަޝްރޫއު ހިންގާތީ ކްރޮސް ސަބްސިޑީ އުސޫލުން އެ ކުންފުންޏަށް ރިސޯޓު ހަދަން ރަށެއް / ފަޅެއް ލިބޭނެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ގެސްޓްހައުސް ބައި ތަރައްގީ ކުރާ ފައިނޭންޝަލް މޮޑެލަކީ ވެސް އެއީ އެވެ. މި މަޝްރޫއު އިންތިޒާމުކޮށްފައި އޮތީ އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެންނެވެ. މި ގެސްޓްހައުސްތައް ތަރައްގީ ކުރުމަށްފަހު ޗައިނާ ކުންފުނިން ފައިސާ ދައްކާނީ އެސްއެމްއީ ބޭންކް އަށެވެ.
ގާތްގަނޑަކަށް ހަތް ހެކްޓަރު ހުންނަ އެ ރަށުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކު ތޫނޑު ކުންފުންޏަށް ދިނީ 2006 ވަނަ އަހަރު އެވެ. އެފަހަރު ހަވާލުކުރީ 18 މަސް ދުވަހުން ނިންމާށެވެ. އެކަމަކު އެ ކުންފުންޏަށް އެކަމެއް ނުވި އެވެ. އެހެންވެ އެ ކުންފުނީގެ އަތުން ނަގައި 2008 ހާފް ޑިގްރީ ކިޔާ ކުންފުންޏަކަށް ދިނެވެ. އެ ފަހަރު ވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ. އޭގެފަހުން ފެނުނީ 2011 ވަނަ އަހަރު ޑޮލަޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ހަންކެޑެ ވިއްކާލި ތަނެވެ. އެ ކުންފުންޏަށްވެސް އެ ރަށުގައި ގާބުރިއެއް ބޭއްވޭ ވަރުވެސް ނުވި އެވެ. އެއަށްފަހު ރަށަށް 2013 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް "އަރަން" ދިމާ ކުރި އެވެ. ރަށް ސިންގަޕޫރު ކުންފުންޏާ ހަވާލު ވެސް ކުރި އެވެ.
އެ ކުންފުނިން ރަށް ތަރައްގީ ކުރާނެ ޕްލޭނެއް ވެސް ދެއްކި އެވެ. އޭރު އެ ކުންފުނިން ބުނެފައި ވަނީ ފަސް ތަރަގީގެ ރިސޯޓެއް އެތަނުގައި ހަދާނެ ވާހަކަ އެވެ. އެކަމަކު އެ ކުންފުންޏަށް ވެސް ވީކަމެއް ނެތެވެ. އޭގެފަހުން މި ރަށް ވާނުވާގައި އޮތުމަށް ފަހު 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދައުރުގައި ރަށުގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ރަށް ނެގި އެވެ. އެ ރަަށް ޓޫރިޒަމަށް ހުޅުވާލާނީ އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް ސަރުކާރުން އޭރު ބުންޏެވެ. އަދި ޑިސެމްބަރު 2، 2022 ގައި ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ރަށް ހަމަޖެއްސި އެވެ. އަދި މިދިޔަ މަހު 27 ގައި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން މި ރަށުގެ އާ ފޮޓޯ ކުރެހުންތަކެއް ދައްކާލި އެވެ.
މި މަޝްރޫއު މިހާރު ހަވާލު ކުރި ފަންޑު މެނޭޖުމަންޓާއެކު ރަށް ހަވާލުކުރި ކުންފުނިތަކުގެ އަދަދު މިވަނީ ފަހަކަށް އަރާފަ އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިހާރު ކުރަމުން ގެންދަނީ ހަންކެޑެ މަޝްރޫއުގެ ޑީޓެއިލް ޑިޒައިނެއް ކުރެހުމުގެ މަސައްކަތެވެ. ފަންޑު މެނޭޖުމަންޓުން ދެއްކި ކުރެހުންތަކަކީ ވެސް ދެ ފަރާތުން އެއްބަސް ވެގެން ހަދާފައިވާ މަޝްރޫއުގެ މޮޑެލް އެވެ.
ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަންކެޑެ މަޝްރޫއު ހަވާލުކޮށް ޗައިނާ ކުންފުނިން މޮބިލައިޒް ނުވަތަ އަމަލީ މަސައްކަތް ފަށަން ބޭނުންވާ ސާމާނު ގެންދަން ފަށާނެ އެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ފަހުކޮޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގަންނާނެ އެވެ. މި މަޝްރޫއާ ބެހޭ ގޮތުން ސަރުކާރު އެއްވެސް ފަރާތަކުން ރަސްމީކޮށް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.