ތިން ދުވަސްތެރޭގައި ޓާފް އަޅަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް، ތިން ދުވަސްތެރޭގައި މަސައްކަތް ފެށޭ ވަރަށް އެ ރަށުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
ހދ. ނޮޅުވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފްތަކުގައި ރޭ ދަންވަރު ރޯކޮށްލައިފި އެވެ.
އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެފައި ވަނީ ނޮޅިވަރަމް ދަނޑުގައި އަޅަން ގެނެސްފައިވާ ޓާފްތަކުގައި ރޯކޮށްލާފައި ވަނީ ޓާފް އެޅުމަށް ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.
އޭގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށާއި މިއީ ގަސްދުގައި ރަށުގެ ތަރައްގީއަށް ހުރަސް އަޅަން ބަޔަކު ދިން ބޮޑު ގެއްލުމެއް ކަމަށެވެ.
ނޮޅިވަރަމް ކައުންސިލުން ވެސް ވަނީ މިކަން ކުށްވެރި ކޮށްފަ އެވެ. ކައުންސިލްގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު "މި" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ދަނޑުގެ މަސައްކަތްތައް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެކަމަކު ހުޅު ޖަހައި އަންދާލުމުން ކަންބޮޑުވާ ކަމަށާއި ރޯކޮށްލުން ބަލައިނުގަނެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ދަނޑުގެ މަސައްކަތް ނުނިމި ލަސްވުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ހުރި ހިތްހަމަ ނުޖެހުމުގެ ސަބަބުން ހިނގި ކަމެއް ކަމަށް ވެދާނެޔޭ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަށު ފެންވަރުގައި މީގެ ކުރިން ބާއްވާ މުބާރާތްތަކުގައި ވަރަށް ގިނައިން ހަމަނުޖެހުންތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ދަނޑަށް ފުޅިތޮށި އެޅުމާއި، ނެޓު ކެފުމާއި ދިދަތައް ނެގުން ފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްވެސް އިރަކު ރޯކޮށްލާފައި ނުވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ތިން ދުވަސްތެރޭގައި ޓާފް އަޅަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް، ތިން ދުވަސްތެރޭގައި މަސައްކަތް ފެށޭ ވަރަށް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.