ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ދީފައިވާ ބައެއް ރަށްތަކަށް ލިބެމުންދާ "ހިމާޔަތާ" މެދު އަތޮޅު ކައުންސިލްތަކުގެ އިތުރުން، ގާނޫނުން އެކަން ބެލެހެއްޓުމަށް މަތިކޮށްފައިވާ އިދާރާ، އީޕީއޭއިން ވެސް ކަންބޮޑު ވެއެވެ.
މި ދުވަސްވަރަކީ ފަޅުރަށްތަކުގެ މިލްކުވެރިކަމާބެހޭ ވާހަކަތައް ވައިގައި ހިފާފައިވާ ދުވަސްވަރެކެވެ. ނ. އަތޮޅުގެ ރަށްތަކެއް ރިސޯޓް ހަދަން ހުޅުވާލުމާއެކު އެކަން ހުއްޓުވަން އެ އަތޮޅު ކައުންސިލުން ކޯޓަށް ދިއުމާއި، ވ. ފުލިދޫގެ މައްސަލައިގައި ހިނގި އިހުތިޖާޖު ފަދަ ކަންކަމުން އެނގެނީ ރައްޔިތުން އިންތިހުބު ކޮށްފައިވާ ކައުންސިލުތަކާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކާ ދެމެދު މި ފަދަ މައްސަލަތަކުގައި ނުތަނަވަސްކަން އޮތް ކަމެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ދީފައިވާ ރަށްތަކެއްގެ ވާހަކަ ދައްކަން ޖެހެ އެވެ. ގުދުރަތީ ވެށީގައި ފާހަގަކޮށްލެވޭ މުހިއްމު ސިފަތަކުގެ ރަށްތައް ހިމާޔަތްކޮށް ބެލެހެއްޓުން މުހިންމުވާތީ އެވެ. އެހެން ނަމަވެސް، މިފަދަ ރަށްތަކަށް އޮތް ހިމާޔަތަށް އަތޮޅު ކައުންސިލްތަކުގެ އިތުރުން އީޕީއޭގެ އޮތީ ކަންބޮޑުވުމެވެ.
ހިމާޔަތް ކޮށްފަައިވާ ސަރަހައްދުތަކުގެ އަދަދު މިހާރު 80 އަށް އަރަ އެވެ. އެއީ ރަށްރަށުގެ އިތުރުން ފަޅާއި ފަރާއި ތިލަ ފަދަ ސަރަހައްދުތައް ހިމަނައިގެނެވެ.
އުތުރުން ހދ. ކޭލަކުނަކީ ގުދުރަތީ ގޮތުން ތަފާތު އެތައް ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެ ސަރަހައްދުގެ އެހެން ރަށްރަށެކޭ އެއްފަދައިން، ބޮޑު ކަނޑޫފަލެެއް އޮންނައިރު، އާންމުކޮށް ރާއްޖެއިން ނުފެންނަ ބައެއް ބާވަތްތަކުގެ ގަސްގަސް އެ ރަށުގައި ހުރެ އެވެ. އެ ރަށުގެ ތާރީހީ ހާއްސަ ކަމަށްޓަކައި، ހެރިޓޭޖް މިނިސްޓްރީގެ ލިސްޓެއްގައި ވެސް ރަށް ހިމަނައިގެން އުޅެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ކޭލަކުނު ހިމާޔަތްކުރި ފަހުން، އެރަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން އެ އަތޮޅު ކައުންސިލުން އިއުލާނު ކޮށްފައި ވެއެވެ. އެހެން ނަމަބވެސް އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖު ވިދާޅުވި ގޮތުގައި ކޭލަކުނު ބެލެހެއްޓުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމުގެ ހުއްދައެއް އެ ކައުންސިލަކަށް ނެތެވެ.
"މީހުން އެރަށަށް އަދިވެސް ރަށަށް ދޭ. ގޮސް ގަސްކަނޑާ، ފަންކަނޑާ އަދި ވެލި ވެސް ނަގާ މިކަހަލަ ކަންކަން ކުރާކަމަށް އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ދިމާވާތީ، އެ ރަށް ބެލެހެއްޓުމަށް ކައުންސިލާ ހަވާލު ކޮށްދިނުމަށް އެކި ފަހަރު އެދިފައިވާނެ އެވެ. ނަމަވެސް މިހާތަނަށް އެކަމުގައި ސަރުކާރުގެ ހަބަރެއް ނެތެވެ.
"އެ ރަށަށް ހަލާކުވާތީ އެކަމާ ކަންބޮޑުވެގެން ވެސް އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް. އަނެއްކާ އެ ރަށާ މެދު ވަކި ގޮތަކަށް ކަންކުރުމަށް އިރުޝާދެއް ވެސް ދީފައެއް ނެތް" އޭނާ ވިދާޅުވި އެވެ.
ށ. އަތޮޅުގައި ވެސް ހިމާޔާތް ކޮށްފައިވާ ރަށްތަކެއް ވެއެވެ. އެ އަތޮޅު ކައުންސިލުގެ ރައީސް، މުހައްމަދު ޝިޔާމް އެންމެ ބޮޑަށް ފާހަގަ ކުރައްވަނީ ވެރިރަށް ފުނަދޫއާ އެއް ފަޅެއްގައި އޮންނަ ފަރުކޮޅެވެ.
ފަރުކޮޅަކީ ވެސް ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެރަށުގެ ފަޅާއި، އަދި ރަށުގެ ތެރޭގައި އުފެދިފައިވާ ކުޅި ތަކަކީ ކަނޑުގެ އެކި ދިރުންތަކުގެ ސިންދަފާތު ބޮޑު ސަރަހައްދެކެވެ. ހާއްސަކޮށް، މިޔަރާއި، މަޑި ފަދަ ދިރުންތައް އާލާވާ ތަންތަން ހުންނަކަން ފާހަގަވެފައި ވެއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެފަދަ ރަށްރަށުން ވެލި ނެގުމާއި، ރުއްގަސް ކެނޑުން ފަދަ ބޮޑެތި ގެއްލުންތައް ދެމުންދާއިރު ވެސް ކައުންސިލަށް ކުރެވެން އޮންނަ ހަމައެކަނި ކަމަކީ އެވާހަކަ ސަރުކާރުގައި ދެންނެވުމެވެ. އެހެން ބާރެއް ނޯވެ އެވެ.
"އަޅުގަނޑުމެން މިހާރު ލިޔެކިޔުންތަކެއް ވެސް ފޮނުވާފައި ވާނީ އެ ރަށްރަށް ހަވާލު ކޮށްދޭށޭ ކިޔާފައި. ވިދާޅުވަނީ ގާނޫނު އޮންނަ ގޮތުން އެތަން ހަވާލު ކުރެވޭކަށް ނެތޭ އެކަމު ބަލަހައްޓަން ދެވިދާނެއޭ" އޭނާ ވިދާޅުވި އެވެ. އެގޮތަށް ބަލަހައްޓަން ރަށް ހަވާލު ކުރުން ޝިޔާމް ސިފަ ކުރައްވަނީ "މޮހޮނަށް އޮޑި ދިނުން" ފަދަ ކަމެއްގެ ގޮތު އެވެ.
"އަޅުގަނޑުމެންނަކަށް ނެތް އެތަނަށް އެއްވެސް ކަމެއް ކުރެވޭކަށް. އެއްވެސް އިންވެސްޓެއް ކުރެވޭކަށް ވެސް. ދެން ހަމަ އެހެން ބާއްވާފައި އޮންނަނީ"
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި ގޮތުގައި އެފަދަ ރަށްތައް ހިމާޔަތް ކުރި މަގުސަދު ހާސިލު ކުރުމަށް އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ނުކުރެވެ އެވެ. އެކަމަށް ބޭނުންވާ ވަރުގެ ސަމާލުކަމެއް ވެސް ނުލިބެ އެވެ.
"އެންމެ ބޮޑު ދަތި ކަމަކީ ބަޖެޓު ނެތުން. ކޮންމެ ބަޔަކު ހިންގިޔަސް އެ ދަތި އަންނާނެ" އޭނާ ވިދާޅުވި އެވެ.
ނައީމް ވިދާޅުވި ގޮތުގައި އެފަދައިން ހިމާޔާތް ކޮށްފައިވާ ތަންތަނަކީ ވަރަށް މުހިއްމު ތަންތަނެވެ. އަދި، އެތަނަށް ގެއްލުން ލިބޭ ގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ މައްސަލައެކެވެ.
އެފަދަ ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްގެން މިހާރު ވެސް ބައެއް ސަރަހައްދުތައް އަންނަނީ ބަލަހައްޓަމުންނެވެ. އޭގެތެރޭގައި އައްޑޫ އާއި ފުވައްމުލަކުގެ ނޭޗާ ޕާކާއި، ބ އަތޮޅުގެ ބަޔޯސްފިއާ ރިޒާވް ސަރަހައްދު ހިމެނެއެވެ. ނައީމް ވިދާޅުވި ގޮތުގައި އެ ތަންތަން ވެސް މިހާރު ބަލަހައްޓަމުންދާ ގޮތަށް ވުރެ ރަނގަޅަށް މެނޭޖް ކުރެވިދާނެ އެވެ.
އޭނާގެ ނަޒަރުގައި އެފަދަ ސަރަހައްދުތައް ކައުންސިލުތަކާ ހަވާލުކުރުމަކީ މުޅިއަކުން އަދި ހައްލެއް ވެސް ނޫނެވެ. މީގެ ކުރިން ހަވާލުކުރުމުން ރަނގަޅު ނަތީޖާއެއް ފެނިފައެއް ނެތެވެ.
"އެ ތަން ބަޔަކަށް ދިނަސް ހަދާ ގޮތަކީ އެހެން ބަޔަކަށް ދެނީ... ހަދަނީ ހަދާނެ ގޮތެއް. ބޭނުން ވެދާނެ ރިސޯޓެއް ނޫނީ ހޮޓަލެއް އަޅަން. އެހެންވީމަ ހިމާޔަތް ކުރުމުގެ މަގުސަދު ހާސިލު ނުވާ ގޮތަށް ބަޔަކަށް ދިނުން ރަނގަޅެއް ނޫން" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ޕްލޭނެއްގެ ދަށުން، އެ ތަންތަނަށް އެކި ބޭނުންތަކަށް ޒިޔާރާތްކުރާ މީހުންގެ އަތުން ނަގާ ފައިސާއިންނާއި، ތިމާވެއްޓަށް ގެއްލުމެއް ނުވާނެ ގޮތަށް ގާއިމު ކުރާ ފެސިލިޓީތަކުން ލިބޭ ފައިސާއިން އެފަދަ ރަށްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ އެވެ.
ނައީމްގެ ޚިޔާލާއި، އަތޮޅުތަކުގެ ރައީސުންގެ ޚިޔާލު މުޅިން ތަފާތެއް ނޫނެވެ. ސިރާޖާއި ޝިޔާމް ވެސް އެރަށްތައް ބަލަހައްޓާނެ ގޮތުގެ ތަސައްވަރެއްގެ ގޮތުގައި ސިފަ ކުރެއްވީ ނައީމް ވިދާޅުވި ކަހަލަ ޕްލޭންތަކެކެވެ.
"އަޅުގަނޑުމެންނާ އެތަން ހަވާލުކޮށްފައި އޮންނަނަމަ، އެ ރަށަށް ދަތުރުދާ މީހުންގެ އަތުން ކޮންމެވެސް އެއްޗެއް ނަގައިގެން، އެތަނަށް މީހަކު ލައިގެން ނަމަވެސް ބެލެހެއްޓިދާނެތާ" ސިރާޖު ވިދާޅުވިއެވެ.
ޝިޔާމް ދެއްވަނީ ކައުންސިލަށް ރަށް ހަވާލުކޮށްފި ނަމަ، އެރަށުން ލިބޭ ފައިދާއިން ރަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަމެވެ.
"ބިންބޮޑު ރަށްރަށް މިހުންނަނީ. އަތޮޅުގެ ރައްޔިތުންނަށް ހަމަ އެތައް ގޮތަކުން ފައިދާ ނެރެވިދާނެ. އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ ސަރުކާރުން ނުޖެހޭނެ އެތަން ބަލަހައްޓާކަށް ހަމަ އެއްވެސް ހަރަދެއް ކުރާކަށް" އޭނާ ވިދާޅުވިއެވެ.
ހަގީގަތަކީ، މި ހުރިހާ ޕްލޭންތަކަކީ ވެސް މި ވަގުތަށް ހަމައެކަނި ހިޔާލުތަކެއްގެ ގޮތުގައި އޮތް ކަމެވެ. އެކަންކަމަށް އަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ނަމަ، ދަނީ ފިނިހަކަ ދުވެލީގަ އެވެ. އެކަން ތަންފީޒު ވާން ނަގާ މުއްދަތުގައި ލިބޭނެ ގެއްލުމެއް ލިބޭން، އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލާފަ އެވެ.