ރާއްޖޭގެ ބޮޑެތި އިންޑަސްޓްރީތަކަށް އެލައިޑުން އިންޝުއަރެންްސް މިހާރު ފޯރުކޮށްދެ އެވެ. މިހާރު މި ކުންފުންޏަކީ މި ސަރަހައްދުގެ ފެންވަރުން ބެލިނަމަވެސް މި ވިޔަފާރީގައި ކުޅަދާނަ ކުންފުންޏެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިންޝުއަރެންސް ވިޔަފާރި ފެށި އެއް ކުންފުންޏަކީ ސަރުކާރުގެ އިންޝުއަރެންސް ކުންފުނި އެލައިޑެވެ. މި ކުންފުނި އުފެދިގެން އައިސްފައި ވަނީ 1985 ވަނަ އަހަރު އެލައިޑް އިންޝުއަރެންސް ކުންފުންޏާއި އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ ގުޅިގެން ސަރުކާރު ބޮޑު ފިހާރަ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ ސަބްސިޑަރީއެއްގެ ގޮތުގަ އެވެ. އެ ކުންފުނިން މިވޭތުވެދި 38 އަހަރު ތެރޭގައި ދިވެހިންގެ މުދަލާއި ނަފުސަށް ރައްކާތެރިކަން ދިއުމުގެ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރި ވެފައިވެ އެވެ. އެލައިޑަށް މިހާރު 38 ވަނަ އަހަރުވީ އެވެ.
އެލައިޑު މިވޭތުވެދި 38 އަހަރުތެރޭގައި ބޭރުގެ ޕާޓްނަރެއްގެ ހިއްސާއާއެކު ފެށި ނަމަސް 1987 ވަނަ އަހަރުގެ ކުރީކޮޅުގެ އަހަރުތަކުގައި އެސްޓީއޯ އިން ވަނީ ޔޫކޭގެ ޔޫނިއަން އެޝުއަރެންސްގައި އޮތް ހިއްސާ ގަނެ ދިވެހިންގެ 100 ޕަސެންޓް ހިއްސާވާ ދިވެހި ކުންފުންޏަކަށް ބަދަލު ކޮށްދީފަ އެވެ.
އެލައިޑުގެ އިންޝުއަރެންސް މި ދަތުރުގައި ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް މި ވިޔަފާރީގައި ހަރަކާތްތެރިވާ އެއް ކުންފުންޏަކަށް މި ކުންފުނި ވަނީ ވެފަ އެވެ. ހާއްސަކޮށް މި ވިޔަފާރީގައި ހިމެނޭ ތަކާފުލް ފޯރުކޮށް ދިނުމުގައި ރާއްޖޭގައި އެ ކުންފުނީގެ މަގުބޫލުކަން ވަނީ އިތުރުވެގެން ގޮސްފަ އެވެ. އެލައިޑުގެ އިންޝުއަރެންސް ކުޑައިގެ ދަށުގައި މިހާރު ގިނަ ޕްރޮޑަކްޓްތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި މުދަލުގެ ރައްކާތެރިކަމަށް ބާރު އަޅައިދޭ އެކި ޕްރޮޑަކްޓްތައްވެސް ހިމެނެ އެވެ.
އިންޝުއަރެންސްގެ ވިޔަފާރީގައި އެ ކުންފުނިން މިހާރު ގޮސްފައިވާ ހިސާބަށް ދިއުމުގެ އިތުރުން އާއްމުކޮށް ގިނަ ބަޔަކަށް ނޭނގޭ މި ވިޔަފާރިއަށް ދިވެހިންގެ ލޯ ހުޅުވައި ދޭންވެސް އެ ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި މި ދާއިރާއިން ކިޔަވައިގެން ތިބި ދިވެހިން އުފެއްދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މި ދާއިރާގެ އަމިއްލަ ވިޔަފާރިތަކުގައި މިހާރު ތިބި އަހުމަދު އަމީލް އަދި އަބްދުލް ވާހިދު ފަދަ ބޭފުޅުން އުފެއްދީ އެލައިޑުންނެވެ. މިހާރު އެ ބޭފުޅުންނަކީ ދުނިޔޭގެ ފެންވަރުގައި ވެސް އިންޝުއަރެންސް އެކްސްޕާޓުންގެ ގޮތުގައި ނަގައި ކިޔޭ ފެންބަރުގެ ތަޖުރިބާކާރުންނެވެ.