ރައީސް ނަޝީދުގެ މައިގަނޑު ވާހަކަފުޅަކީ ރައީސް ސޯލިހާ އެކުގައި އިންތިހާބުގައި ނުހުންނެވޭނެ ވާހަކަފުޅެވެ. އަދި އެ މަނިކުފާނު ހުހަޅުއްވާ ގޮތްތަކެއް ރައީސް ސޯލިހު ގަބޫލުފުޅު ކުރެއްވުމުގެ މެސެޖެކެވެ.
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ރައީސް މުހައްމަދު ނަޝީދަށް ވާނީ އަރުވާފައި ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އާންމު މެންބަރުން ބަސް ބުނެފައިވާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހުގެ ފަރާތްޕުޅުން ރައީސް ނަޝީދަށް ޖަވާބެއް ދެއްވައިފި އެވެ.
ވާދަވެރި ރިޔާސީ ޕްރައިމަރީ ނިމ، ނަތީޖާ އައުމުން އެއް ދުވަސް ވަންދެން ހަނު ހުންނެވުމަށް ފަހު މިއަދު ހެނދުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށް ބަލި ގަބޫލު ކުރެއްވި ނަމަވެސް، ރައީސް ސޯލިހާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނުގެ މައިގަނޑު ވާހަކަފުޅަކީ ރައީސް ސޯލިހާ އެކުގައި ރިޔާސީ އިންތިހާބުގައި ނުހުންނެވޭނެ ވާހަކަފުޅެކެވެ. އަދި އޮތީ އެ މަނިކުފާނު ހުށަޅުއްވާ ގޮތްތަކެއް ރައީސް ސޯލިހު ގަބޫލުފުޅު ކުރެއްވުމެވެ.
އެ މެސެޖްގައި އެ މަނިކުފާނުގެ ކެމްޕޭން ސްލޯގަން "ފިކުރެއްގެ ދިރުން" އެއީ ފެކްޝަނެއްގެ ގޮތުގައި ނުރަސްމީކޮށް އިއުލާން ކުރައްވާފައި ވެއެވެ.
ރައީސް ނަޝީދުގެ މެސެޖްގައި ހިމެނޭ ވާހަކަފުޅުތަކާއި ހުށަހެޅުއްވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "މި" ނޫހަށް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު، ރައީސް ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމުގެ ދައުވަތު ރައީސް ނަޝީދަށް ދެއްވާފައިވާނެ ކަމަށެވެ.
"އެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައި،" ރައީސްގެ ފަރާތްޕުޅުން ދެއްވާ ޖަވާބެއްގެ ގޮތުގައި މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ނިމުނު ޕްރައިމަރީގައި އެމްޑީޕީގެ އާންމު މެންބަރުންގެ ބަސް އިއްވާ ނިމިފައިވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 61 ޕަސެންޓުގެ ބޮޑު ތަފާތަކުންނެވެ. ރައީސް ނަޝީދަށް އެ އިންތިހާބުގައި ލިބި ވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.