ރައީސް ސޯލިހާއެކު ކުރިޔަށް ނުދާނެ ؛ ނަޝީދުގެ އާ ހުށަހެޅުމެއް

ކުރީގެ ރައީސް ވަނީ މިހާރު އޮތް ހިސާބުން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތްތަކެއް ހުށަހަޅުއްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންތަކަކާއެކު: ރައީސް ސޯލިހާއެކު ކުރިޔަށް ވަޑައި ނުގަންނަވާނެ ކަމަށް އިޝާރާތް ކުރެއްވި

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ގޮސް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ރިޔާސީ ޕްރައިމަރީގައި ބަލިވެ ވަޑައިގެންނެވި ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ދިގު މެސެޖެއް ފޮނުއްވެވީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ފަހު ހިމޭންކޮށް އެއް ދުވަސް ހޭދަ ކުރެއްވުމަށް ފަހު އެވެ. 

އެ މަނިކުފާނު ދިގު ކޮށް ލިޔުއްވާފައިވާ އެ މެސެޖުގައި ވިދާޅުވި މައިގަނޑު ވާހަކަފުޅަކީ ރައީސް ސޯލިހާއެކު ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ވާހަކަފުޅާއި ޕްރައިމަރީގައި ބަލިވެއްޖެ ކަމަށް ގަބޫފުޅު ކުރެއްވި ވާހަކަފުޅެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގައި ހިނގާފައިވާ އޮޅުވައިލުންތައް އެއްކިބާ ކޮށްފިނަމަ ރައީސް ސޯލިހަށް ލިބި ވަޑައިގެންނެވި ކަމަށް ބުނާ ވަރަށް ގިނަ ވޯޓުތައް އުނިވެގެން ދާނެ ކަމަށެވެ. ނަމަވެސް ކުޑަ ތަފާތަކުން ރައީސް ސޯލިހު މޮޅު ވެދާނެ ކަމަށެވެ. އެމްޑީޕީން ބޭނުން ކުރި ވޯޓާސް ލިސްޓަށް ބަލައިފިނަމަ ރައީސް ސޯލިހު މޮޅުވާނީ ކުޑަ ފަރަގަކުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑު ލަފާ ކުރަނީ ވޯޓުލީ ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވެދާނެ ކަމަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފާހަގަތައް

  • 1.ރައީސް މުހައްމަދު ނަޝީދު: 15،641 ވޯޓް
  • 2.ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް: 24،566 ވޯޓް
  • 3.ޖުމްލަ ވޯޓްގެ އަދަދު: 40،887
  • 4.ބާތިލް ވޯޓް: 680
  • 5.ސައްހަ ވޯޓް: 40،207
  • 6.ވޯޓްލުމުގެ ހައްގު ލިބުނު މީހުންގެ އަދަދު: 57،255
  • 7.ވޯޓްލީ މީހުންގެ ނިސްބަތް: 71.41

އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއަށް ވައްދާ، އެމީހުންނާއެކު ގޮތް ނިންމުމަށް،

ރައީސް މުހައްމަދު ނަޝީދު

ނަޝީދު ހުށަހެޅުއްވީ ކޮން ގޮތެއް؟ - ކުރީގެ ރައީސް ނަޝީދު ވަނީ މިހާރު އޮތް ހިސާބުން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތްތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން އެ މަނިކުފާނު ކޭމްޕޭން ސްލޯގަން އަކަށް ބޭނުން ކުރެއްވި "ފިކުރެއްގެ ދިރުން" ނަމުގައި ހުރިހާ ރަށެއްގައި އެމްޑީޕީގެ ގޮފިތައއް އަލުން ހަދަން އެދި ވަޑައިގަތުމާއެކު ޕާޓީން ކަނޑާލި 39،000 މީހުން އެމްޑީޕީއަށް ވައްދައި އެ މީހުނާއެކު ގޮތެއް ނިމުމަށް އެދި ވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓަކު ފަހުން ކަނޑައަޅަން ހުށަހަޅާފައިވާއިރު ރޔާސީ އިންތިހާބުގެ ކުރިޔަށް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވޭނެ ކެންޑޭޓެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. 

ރައީސް ނަޝީދު މި ގޮތަށް ހުށަހެޅުއްވެވި އިރު ރިޔާސީ ޕްރައިމަރީގެ ވޯޓް ރައީސް ސޯލިހު ކާމިޔާބުކުރެއްވީ 61 ޕަސެންޓްގެ ބޮޑު ތަފާތަކުންނެވެ. އެ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގަތީ ވޯޓްގެ 39 ޕަސެންޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.