ތުލުސްދޫ މަރުގެ ކަނޑުއޮޅި - މަރުވި މީހާ ދިޔައީ ނުދާން ގޮވަނިކޮށް

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "މި" ނޫހަށް ވިދާޅުވި ގޮތުގައި އެ ޗެނަލްއަކީ ނުރައްކަލުން ފުރިގެންވާ ކަނޑުގެ ބިރުވެރި މަގެކެވެ.

ތުލުސްދޫ - ކުޑަވިލިނގިލި ކަނޑު އޮޅީގައި ޓޫރިސްޓެއްގެ ގައިމައްޗަށް ލޯންޗެއް އަރައި މަރުވި ހާދިސާ ހިނގި ސަރަހައްދު

ތުލުސްދޫ އިރު އުތުރުގައި އޮންނަ ކުޑަ ވިލިނގިއްޔާއި ދެމެދު އޮންނަ ކުޑަ ކަނޑު އޮޅިއަކީ ވަރަށް ނުރައްކާތެރި، އަދި ނުރައްކާ އޮއިވަރެއް ބާރަށް ދެމޭ ހަނި ޗެނަލެކެވެ. އެތަން ނުރައްކާތެރިވަނީ ޗެނަލްގައި އޮންނަ "ހެވީ ޓްރެފިކް" ފްލޯގެ ސަބަބުންނެވެ. މި މަގަކީ ކަނޑުއުޅަނދު ފަހަރުގެ ކާރުބާރު ބޮޑު "މަރުގެ" ކަނޑު އޮޅިއެއްގެ ގޮތުގައި ސިފަ ކުރެވެނީ އެހެން ވެއެވެ. އެ ސަބަބާހުރެ އެ ދިމާއަށް ޓޫރިސްޓުން ނުދާން ތުލުސްދޫއަށް ޓޫރިސްޓުން ގެންދާ ފަރާތްތަކުން ތަކުރާރުކޮށް އިންޒާރު ދެމުން ދެއެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި އެ ސަރަހައްދަށް ފޭބި މީހެއްގެ ފުރާނަ ގެއްލިގެން ދިޔައީ އެތަނަށް ނުދާން ދެ ފަހަރު އިންޒާރު ދީފައި އޮއްވަ އެވެ. 

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "މި" ނޫހަށް ވިދާޅުވި ގޮތުގައި އެ ޗެނަލްއަކީ ނުރައްކަލުން ފުރިގެންވާ ކަނޑުގެ ބިރުވެރި މަގެކެވެ. އެހެންވެ އެ ތަނަށް ޓޫރިސްޓުން ނުދާން އަބަދުވެސް އިރުޝާދުތައް ދެއެވެ. އޭނާއަށް މައުލޫމާތު ލިބި ވަޑައިގެންފައިވާ ގޮތުގައި މިއަދުގެ ހާދިސާ ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރީން ވެސް އެ ސަރަހައްދުގައި ތިބި ބަޔަކު ވަނީ އެތަނަށް ދިޔަ ސްޕޭންގެ ޓޫރިސްޓުންނަށް އެ އެ ސަރަހައްދަށް ނުދާން ދެ ފަހަރަށް އަންގާފަ އެވެ. 

"އަޑު ހަރުކޮށް ގޮވައި އެމީހުންނަށް އެނގި އެތަނަށް ނުދާން.. އެތަނަށް ނުދާން. އެކަމަކުވެސް ހަމަ ދިޔައީ،" އަސްލަމް ވިދާޅުވި އެވެ. 

އަޑު ހަރުކޮށް ގޮވައި އެމީހުންނަށް އެނގި އެތަނަށް ނުދާން.. އެތަނަށް ނުދާން. އެކަމަކުވެސް ހަމަ ދިޔައީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މޫސާ | ކައުންސިލްގެ ރައީސް

ހާދިސާ ހިނގީ ކިހިނެއް؟ - މި ހާދިސާ ހިނގީ ތުލުސްދޫގައި ތިބި ސްޕޭނުގެ ތިން ޓޫރިސްޓަކު ތުލުސްދޫ އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑު އޮޅީގެ މެދެއްހާ ހިސާބު މޫދުގައި ތިބައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ސްޕީޑް ލޯންޗެއް އޭގެ ތެރެއިން އެކެއްގެ ގައިމައްޗަށް އަރައިގެނެވެ. މި ހާދިސާގައި އެ މީހާގެ ބައެއް ގުނަވަންތައް ވަކިވެ ވަނީ އެ މީހާ ވަނޫ މަރުވެފަ އެވެ. އެއީ ސްޕޭނުގެ ފިރިހެނެކެވެ.

މި ހާދިސާ ހިނގި ކަނޑުއޮޅި އޮންނަ ކުޑަވިލިނގިލި ރިސޯޓާއި ތުލުސްދޫއާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 500 އެއްހާ ފޫޓެވެ. އަދި އެ ސަރަހައްދަކީ ވަރަށް އޮޅު ކޯމަސް އުޅޭ ސަރަހައްދެކެވެ. ތުލުސްދޫ ފަރުމައްޗަށް ފައިބާ ޓޫރިސްޓުންނަށް އުރަފަށާ ކައިރިން ވަރަށް ރީތިކޮށް އެ ކޯމަސްތައް ފެނެ އެވެ. އެހެންވެ އެތަނަށް ދާން ބޭނުން ވެއެވެ. 

ސްޕޭން މީހާ މަރުވި ހަބަރު "މި" ނޫހުގައި ރިޕޯޓްކޮށްފައި

އަސްލަމް ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ކަމަށް ބެލެވެނީ މޫދަށް އެރުނު ޓޫރިސްޓުން ކޯމަސް ފަހަތުން ކަނޑުއޮޅި އަށް ނުކުމެވިގެނެވެ. 

"އާއްމުކޮށް މި ސަރަހައްދުގައި މީހުން މޫދަށް އެރި އުޅޭނެ. އެހެންވެ އެ ކަނޑުއޮޅިއާ ކައިރިއަށް ބަޔަކު ދާނަމަ ގޮވަމުން ގެންދާނެ. މި މީހުންނަށް ވެސް އެތަނަށް ނުދާން ދެ ފަހަރު އެނގި. އެކަމަކު ދިޔައީ،" އަސްލަމް ވިދާޅުވި އެވެ. 

މަރާއެކު އިތުރު މައްސަލައެއް ފެންމަތިވުން

ތުލުސްދޫގައި މި ނުރައްކާތެރި ހާދިސާ ހިނގުމާއެކު އިތުރުކަމެއް ވަނީ ތިލަވެފަ އެވެ. އެއީ ތުލުސްދޫގައި އުޅޭ ޓޫރިސްޓުން ގޮވައިގެން ހުއްދަނެތް އެކްސްކާޝަންތަކަށްދާ މައްސަލަ އެވެ. 

ކައުންސިލްގެ ރައީސް ވިދާޅުވީ ހުއްދަ ނެތް މީހުން އެކްސްކާޝަންއަށް ގެންދާ މައްސަލަ ހުއްޓުވަން ކައުންސިލުން ގެސްޓްހައުސްތަކާ ތަރުކާރުކޮށް ވާހަކަ ދެއްކި ނަމަވެސް އެކަން އަދިވެސް ހައްލުނުވާ ކަމަށެވެ. 

"ގެސްޓްހައުސް ތަކުން މި ކަމަށް އެއްވެސް ވަރަށް އެއްބާރުލުމެއް ނުދޭ. ވަރަށް ގިނަ ފަހަރު އަންގައިދިން އެކަން ނުކުރަން،" އަސްލަމް ވިދާޅުވި އެވެ. 

ތުލުސްދޫ ކުރުކޮށް - ބިމުގެ ބޮޑު މިނުގައި 36 ހެކްޓަރު ހުންނަ އާބާދީގައި 1,204 މީހުން ދިރިއުޅޭ ތުލުސްދޫއަކީ 1982 އިން ފެށިގެން މާލެ އަތޮޅުގެ ވެރިކަން ކުރަމުން އައިސްފައިވާ ރަށެވެ. ރާއްޖޭގައި އުފައްދާ "ކޮކާކޯލާ" ޑްރިންކްސްގެ ބާވަތްތައް އުފައްދާ ފެކްޓްރީ ހުންނަނީ އެ ރަށުގަ އެވެ. މިރަށަކީ މިހާރު ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.