ބައިބޯ ހުޅުމާލޭގައި މަދިރި ގިނަވެ، ހަފައި ކަނީ ؛ ފޮގެއް ނުކުރެވޭ!

އާންމު ބަލިތައް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލުތަކަށް ވެސް ބާރު ބޮޑުވެފައިވެ އެވެ. ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ވެސް ހުޅުވާފައިވެ އެވެ.

ހުޅުމާލޭގެ ކޮންސްޓްރްޝަން ސައިޓެއް: މަދިރި ގިނަވެފައިވާއިރު ބޭސް ޖެހުން އިތުރެއް ނުކުރެވޭ -- އެޗްޑީސީ

މަދިރި އާލާވުން މަދު ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މޮނިޓަރިން އެންޑް އިންސްޕެކްޝަން ޓީމްތައް ދޭތެރެ ދޭތެރެއިން މަސައްކަތް ކުރެ އެވެ. އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކުގައި ހުންނަ މަދިރި އުފެދޭ ތަންތަން ބަލައި ފާސްކޮށް ބޭސް އެޅުމާއި ފޮގް ސްޕްރޭ ކުރަމުން ވެސް ދެ އެވެ.

އެހެން ނަމަވެސް މި ދުވަސްވަރު ރާއްޖެ ވަނީ ހުޅުނގު މޫސުމުގެ ވިއްސާރައިގެ ތެރެއައް ވަދެފަ އެވެ. އެހެންވެ އަބަދުހެން ވާރޭ ވެހެމުން ދާއިރު، ބައިބޯ އަދި ކޮންސްޓްރަކްޝަން ސައިޓްތައް އިންތިހާއަށް ގިނަ ހުޅުމާލޭގެ އެކި ތަންތަނުގައި މަދިރި އާލާވެފައި ވެއެވެ. އެ ރަށުގެ ދެ އަވަށް ކަމަށްވާ މައި ހުޅުމާލޭ އައި ހުޅުމާލޭގެ ހިޔާ އަވަށުގައި ވަނީ މަދިރި ވަރަށް ގިނަވެފަ އެވެ. އެކަން ބޮޑު އުނދަގުލަކަށް ވެ ވަރަށް ގިނަ ބަޔަކު ގެން ދަނީ އެ މީހުންގެ ޝަކުވާތައް ވެސް ކުރަމުންނެވެ.

އާދައިގެ މަތީން ގިނަ މީހުންގެ އެ ޝަކުވާތައް ބަނޑުންޑުން ކުރަނީ ޓްވިޓާ އަށާއި ފޭސްބުކްގެ ތެރެއަށެވެ.

އެޗްޑީސީގެ ހިސާބުތައް ދައްކާ ގޮތުން ހުޅުމާލޭގައި މިހާރު 92،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެރަށުގެ ޕްލޭންގައި އޮންނަނީ މައި ހުޅުމާލޭގައި 87،000 މީހުން އާބާދު ކުރާށެވެ. ހިޔާ އަވަށް / ދެވަނަ ފިޔަވަހީގައި 143،000 މީހުން އާބާދު ކުރާށެވެ. އެހެން ކަމުން މިހާރު ވެސް މުޅި ހުޅުމާލެއަށް ބޮޑު އާބާދީއެއް ޖަމާވެ ދިރިއުޅެމުން އަންނައިރު މުޅި އެ އާބާދީ ލައްކައަކާ ވަނީ ހަމަވެފަ އެވެ. އިމާރާތް ކުރުން އެހާ ބޮޑު، ކޮންސްޓްރަކްޝަބް ސައިޓްތައް އެހާ ގިނަ، ބިޔަ ބޮޑު ރަށެއްގައި ގަވައިދުން ފޮގު ކުރުން ކުރިޔަށް ނުގެންދާނަމަ މަދިރި އާލާވެ ހުމާއި އާންމު ރޯގާތައް ގިނަވުމަކީ އޮންނާނެ ކަމެކެވެ. އެ ރަށަށް މި ވަގުތު ވަނީ އެގޮތް މެދުވެރިވެފަ އެވެ.
"އެޗްޑީސީއަކީ ބޭސް ޖެހުމާއި ފެގް ކުރުމުގައި ވަރަށް ކުރީގައިވެސް އުޅޭ ބައެއް. އެކަމަކު ނޭނގެ މި ދުވަސްވަރު މުޅި ހުޅުމާލޭގައި އޮތީ މަދިރި އޮލަވެފައި، ސަލާމަތެއް ނެތް،" މީހަކު ބުންޏެވެ.

އެޗްޑީސީއަކީ ބޭސް ޖެހުމާއި ފެގް ކުރުމުގައި ވަރަށް ކުރީގައިވެސް އުޅޭ ބައެއް. އެކަމަކު ނޭނގެ މި ދުވަސްވަރު މުޅި ހުޅުމާލޭގައި އޮތީ މަދިރި އޮލަވެފައި، ސަލާމަތެއް ނެތް،

ހުޅުމާލޭގެ ރައްޔިތެއް

ހުޅުމާލޭގައި ދިރިއުޅޭ މީހަކުޔ ބުނި ގޮތުގައި މި ދުވަސްވަރު ހުޅުމާލޭގައި މަދިރި ބޯކަމުން ވަރަށް ގިނަ ސަރަހައްދުތަކާއި ކެފޭތަކުގައި މަދިރި ދުންދަނޑި ރޯކޮށްފައި ވެސް ވެސް ހުރެއެވެ. އަދި ތަނަވަސް ފުދޭ ބައެއް މީހުން އެމީހުން އަމިއްލައަށް ގޭގައި ބޭނުން ކުރަން ހޯމް ޔޫޒް ފޮގް މެޝިނު ގަނެގެން އަމިއްލައަށް ފޮގް ސްޕްރޭ ކުރަން ވެސް ވަނީ ފަށާފަ އެވެ.

"އަޅުގަނޑުމެން މަދިރިޔާ ހެދި ނުކުޅަދާނެ ވެގެން، އެންމެ ފަހުން ފޮގްރާ މެޝިނެއް ގަތީ، މިހާރު މުޅި ގޭތެރެއަށް ފޮގް ކޮށްގެން މިއުޅެނީ، އެކަން އެންމެނަކަށް ނުކުރެވޭނެ. އަޅުގަނޑުގެ މެޝިނު އަވަށްޓެރި އެހެން ގޭގެއަށް ވެސް އެބަ ދެން،" ހިޔާ އަވަށުގައި އަލަށް ދިރިއުޅުން ފެށި މީހަކު ބުންޏެވެ.

އެހެން މީހަކު ފޭސްބުކް މެދުވެރިކޮށް ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ އެއްވެސް ދިމާއަކުން މި ދުވަސްރު އަތިރިމައްޗަށް ދިއުން ރައްކާތެރިއެއް ނޫނެވެ. ހުރިހާ ދިމާއަކުން ވެސް "މަދިރި މީހާ ހަފައި ކާލާނެ" އެވެ. އޭނާ ބުނި ގޮތުގައި އެހެން ދިމާވެފައި ވަނީ މުޅީން އެޗްޑީސީގެ މައްސަލައަކުން ނޫނެވެ. އިމާރާތް ކުރާ މީހުން އެމީހުންގެ ސައިޓްތައް ރަނގަޅަށް ނުބަލަހައްޓާތީއާ ވެސް އެކު އެވެ.

"ހުރިހާ ސައިޓެއް އެޗްޑީސީއަކަށް މޮނިޓާއެއް ނުކުރެވޭނެ. އެއާ ހިލާފަށް ސައިޓްތަކުގެ ވެރީން ބަރާބަރަށް މިފަދަ މޫސުމުގައި ބޭސް ޖަހާނަމަ މިހެނެއް ނުވާނެ. މިހާރު ހުޅުމާލޭގެ އެއްވެސް ދިމާއަކު ބީޗަށް ވެސް ކައިރިވެވޭކަށް ނެތް، މަދިރިތައް ފައި ކާލާނެ އެމީހަކު، އެހާ މަދިރި ގިނަވެފައި އޮލަ،" އެ މީހާ ލިޔެފައި ވެއެވެ.

ޖޫން މަހުގެ ތަފާސްހިސާބު

  •  އަރިދަފުސް ރޯގާ: 21،802 މީހަކަށް ޖެހުނު
  •  
  •  އިންފުލުއެންޒާ: 6 މީހަކަށް ޖެހުނު
  •  ޑެންގީ ހުން: 294 މީހަކަށް ޖެނުނު
  •  ބޭރަށް ހިންގުމާއި ހޮޑުލުން: 2،376 މީހަކަށް ޖެހުނު

ޑެންގީން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

  •  މަދިރި އުފެދޭ ތަންތަން ނައްތާލުން
  •  ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި ލޯޝަން ފަދަ އެއްޗެހި ބޭނުންކުރުން
  •  ގިނައިން ދިޔާ އެއްޗެހި ބުއިން
  •  ހުން އަންނަ ނަމަ ޕެރެސެޓްމޯލް ކެއުމާއި މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން

ރޯގާއިން ރައްކާތެރި ވުމަށް

  •  ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން
  •  އަތް ދޮވެ ސާފުކޮށްފައި ބެހެއްޓުން
  •  ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން
  •  ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން

ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން މި ދުވަސްވަރު އޮތް އެންމެ ބޮޑު ޝަކުވާއަކީ މަދިރީގެ ޝަކުވާއަށްވި ނަމަވެސް މޫސުން ހުރި ގޮތުން އެ ބިޔަ ބޮޑު ރަށަށް މިވަގުތު ފޮގް ސުޕްރޭ ކުރުމަކީ ދަތިކަމަކަށް އެޗްޑީސީއަށް ވާނެ އެވެ. އެހެން ކަމުން ވިއްސާރަ އަލި ވަންދެން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އުޅެން ޖެހެ އެވެ.

މި ދުވަސްވަރު މާލެ އާއި ހުޅުމާލޭގައި އާންމު ބަލިތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. ރާއްޖޭގެ އާންމު ސިއްހަތުގެ ހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހު ވެސް ވެސް ރާއްޖޭގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އަދި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އިތުރެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަރިފަދުސް ރޯގާ ޖެހިގެން ޖޫން މަހު 21،802 މީހަކު ޑޮކްޓަރަށް ދެއްކި އެވެ. އެއީ މެއި މަހާ އަޅާ ބަލާއިރު، ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

  •  ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން.
  •  ފާހަނާކުރުމަށް ފަހު ރަނގަޅަށް އަތްދޮވުން.
  •  ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން.
  •  ސާފު ބޯފެން ބުއިން.
  •  ގިނަގިނައިން ލޮނުޕެކެޓް ބުއިމާއި ފެނާއި ސޫޕާއި އަދި ކުރުނބާ ފަދަ އެއްޗެހި ބުއިން.
  •  މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން.

މިދިޔަ އެޕްރީލް މަހުން ފެށިގެން ރާއްޖޭގައި ޑެންގީ ހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެހެން ވެގެން މަދިރި ނައްތާލުމަށް "މަދިރި ހޯހޯ"ގެ ނަމުގައި އެޗްޕީއޭ އިން ހާއްސަ ކެމްޕެއިނެއް ވެސް ފެށި އެވެ.

އާންމު ބަލިތައް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލުތަކަށް ވެސް ބާރުބޮޑުވެފައިވެ އެވެ. ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ވެސް ހުޅުވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.