ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން މާލެ އަތޮޅުން މި މަޝްރޫއަށް ދިން ފަޅުތަކުގެ ތެރޭން ދެ ފަޅު ވަނީ ވިއްކާފަ އެވެ. ފްލޯޓިން ސިޓީއެއް ނުހެދެ އެވެ. ހަދަން އައި ކުންފުނިން އިންވެސްޓްމަންޓެއް ވެސް ނުކުރެ އެވެ.
މީގެ ބާރަ އަހަރު ކުރީގެ މިއަދާހަމަ އަށް ޖެހިލާއިރު މުޅި ދުނިޔެ ދައްކަމުން ދިޔަ ދިވެހިރާއްޖެ އަޑިއަށް ދާން އުޅޭ ވާހަކަ އެކެވެ. ދުނިޔޭގެ ބޮޑެތި ނޫސް ތަކުން ލިޔަމުން ދިޔައީ ކަނޑުގެ ލޮނުގަނޑު މައްޗަށް އުފުލެމުންދާތީ ދިވެހިންނާއެކު ދިވެހިރާއްޖެ ޣަރަގުވުމާ ގާތައް ދާ ވާހަކަ އެވެ. ބޮޑެތި ނޫސްތަކުގައި އެ ވާހަކަތައް ލިޔެފައި ހުރީ ޕެއިޑް ކޮންޓެންޓްގެ ގޮތުގަ އާއި އޮޕްއެޑްގެ ގޮތުގަ އެވެ. އެހެން ކަމުން އެއީ ކޮންމެވެސް ދިމާއެއްގެ ފަންޑިންއަކުން ކޮށްފައިވާ ކަމެއްކަން އޭރުވެސް އެނގެ އެވެ.
އެވާހަކަތައް ދެކެވެމުން ދަނިކޮށް ކުއްލިއަކަށް ފެނުން މައްޗަށް ތޮޅިލައި ހިއްލައިލީ އަދި މާ ޝައުގުވެރި ވާހަކަ އެކެވެ.
ޖެނުއަރީ 27، 2011 ގައި ދުނިޔޭގެ ބޮޑު އެއް ހަބަރަކަށްވީ ރާއްޖޭގައި ފްލޯޓިން އައިލެންޑެއް ހަދަން ސޮއި އެޅި ސުރުހީ އެވެ. ހޮލެންޑުގެ، ޑަޗް ޑޮކްލޭންޑްސް ކިޔާ ކުންފުންޏަކާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ގުޅިގެން ދިވެހި ރާއްޖޭގައި ފެން މަތީ ސިޓީއެއް ހަދައި ތަރައްގީ ކުރަނީ އެވެ. މަޝްރޫއުގެ އިންވެސްޓްމަންޓުގެ އަގު ވެސް އޭރު ކިޔަމުން ދިޔަ ނަމްބަރު ބިލިއަން ޑޮލަރުން މައްޗަށް އުފުލާފައި ވެއެވެ.
އަލަށް ފަށާ އެ މަޝްރޫއާއެކު މުޅި ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހުއްޓުނުއިރު މި މަޝްރޫއުގައި "ފޮރުވާފައިވާ" މަކަރުވެރި / ހީލަތްތެރި އެކަމަކު ޝައުގުވެރި ވާހަކަ ތަކެއް އޮތްކަން އެނގޭ މީހުން އޭރުވެސް އަދި މިހާރު ވެސް ވަރަށް މަދެވެ.
މި އަދާހަމައަށް ވެސް އެ ވާހަކަ އޮތީ ނޭނގުމެއްގެ ތެރޭގައި ސިއްރުކޮށް ފޮރުވާފަ އެވެ. ފްލޯޓިން ސިޓީގެ މަޝްރޫއުގެ ފެނު އަޑީގައި މަކަރުވެރި އެތައް ކަމެއް ވަނީ ފޮރުވާފަ އެވެ. ފީނައި އެ ގާތަށް ފުރޮޅާނެ މުއައްސާއެއް ވެސް ނޫސްވެރިޔަކު ވެސް ނުވި އެވެ.
މިހާރު ފްލޯޓިން ސިޓީއޭ ކިޔަސް ކުރިން މި މަޝްރޫއުގެ ނަމަކަށް ކިޔަމުން ދިޔައީ ފްލޯޓިން އައިލެންޑެވެ. މި މަޝްރޫއު ހިންގުމުގެ ގޮތުން ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް ރަޖިސްޓްރީ ކުރި އެވެ. އެއީ ނޮވެމްބަރު 2، 2010 ވަނަ އަހަރު އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އެންމެ ދިވެއްސެއް ނޫނިއްޔާ ދެން މުޅީން ތިބީ ބިދޭސީންނެވެ. އެ ހިސާބުން އެ ކުންފުނިން ފޮރުވާފައިވާ އަމާޒަށް ވާސިލްވާން މަސައްކަތް ފެށި އެވެ.
ލޮލަށް ފެންނަ ފެނުމަށް މި މަޝްރޫއު ރާވާފައި އޮތީ ތިމާވެއްޓާ ވަރަށް ރައްޓެހި މޮޑެލްއެއްގެ ގޮތުގަ އެވެ. ފެންމަތީގައި މި ސިޓީ ހަދަން ނިންމާފައި ވަނީ ހޮލެންޑުގެ ކޯރު ތަކުން ފެންނަ ފަދަ ފެންމަތީ ސިޓީއެއް ފަދައިންނެވެ. އޭރު މުޅި މި މަޝްރޫއުގެ ޑިޒައިނަކީ ޓޫރިޒަމް ވިލާ އަޅައި ވިއްކާ މަޝްރޫއެއް ކަމުން ޓޫރިޒަމް މަޝްރޫއު ހިންގަން އައި ފަރާތަށް މާލެ އަތޮޅުގައި އޮތް އެންމެ ބޮޑު ފަސް ފަޅެއް ސަރުކާރުން ނަގައި ހިލޭ ދިނެވެ.
އެއްވެސް އެކުއެޒިޝަން ކޮސްޓެއް އެއްވެސް ފީއެއް ނެތި އެންމެ މަޝްރޫއެއް ހިންގަން ފަސް ފަޅު ހިބައިގެން އެ ކުންފުންޏަށް ދިންއިރު އެ ކުންފުންޏަކީ މިފަދަ ކަމަކަށް ކިހާ ގާބިލު ކެޕޭސިޓީ ހުރި ބައެއްކަން ވެސް ބަލާފައެއް ނެތެވެ. ދިވެހި ރައްޔިތުން ގާތުގައި ހޭވެސް އަހާލާފައި ނުވެ އެވެ. ހަމައެކަނި ފެންނަމުން ދިޔައީ މަޝްރޫގެ ފައިލްތަކެއް ހިފައިގެން މާލެ އައިސް ރައީސް އޮފީހުގެ ތެރެއަށް ވަދެ ވަދެފައި ނުކުމެ ހަދަމުން ދިޔަ ދޮން މީހުން ތަކެވެ.
ޕެއިޑް ކޮންޓެންޓް އުފައްދައި ގަސްތުގައި އަޑުތައް ފެތުރުވި ގޮތާ ގާތަށް ވެސް މި މަޝްރޫއު ކުރިއަށް ނުދިޔަ އެވެ. ނަމަވެސް މާލެ އަތޮޅުން ބޮޑު ފަސް ފަޅެއް އެ ކުންފުންޏަށް ސަރުކާރުން ހިލޭ ސާބަހަށް ވަނީ ދީފަ އެވެ. ދިވެހި ރައްޔިތުންނަށް ތަނެއްދޮރެއް ނޭނގެ އެވެ.
މި ފަޅުތަކުގެ ތެރޭން "ލެގޫން 17" ދޭން އެއްބަސްވުން ހެދީ ޖަނަވަރީ 27، 2011 ގަ އެވެ. ނަމަވެސް މި ފަޅު ވަނީ އޮގަސްޓް 9، 2016 ގައި އެކުއަބްލޫ ކިޔާ ކުންފުންޏަކަށް ވިއްކާލާފަ އެވެ.
މި ފަޅުގެ ހައްގުތައް ބަދަލު ކުރަން ޓޫރިޒަމަށް ހުށަހެޅި ލިޔެކިޔުންތައް ދައްކާ ގޮތުގައި ފަޅު ވިއްކާލީ 300،000 ޑޮލަރަށެވެ. ނަމަވެސް އެއީ އެ ފަޅުގެ އަގު ނޫންކަން ޔަގީންވެ އެވެ.
އެ ފަޅުގަތް ފަރާތުން ފަޅުގައި އޮބްލޫ ސިލެކްޓް ލޯބިގިލީގެ ނަމުގައި ރިސޯޓެއް ތަރައްގީކޮށް މިހާރު ދަނީ ހިންގަމުންނެވެ. އާއްމުކޮށް ރާއްޖޭގެ ފަޅެއްގެ އަގު އުޅެނީ ހަތް މިލިއަން ޑޮލަރާއި 11 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެންވެ މި ފަޅުން ޑަޗްޑޮކްލޭންޑްސްގެ އެކައުންޓަށް ބޮޑު މަންފާއެއް އޮންނާނީ ވައްދާފަ އެވެ. މި ފަޅުން ދިވެހި ދައުލަތަށް ލިބުނުހާ ވެސް އެއްޗަކީ ފަޅުގެ އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 300،000 ޑޮލަރު އެކަންޏެވެ.
ފަސް ފަޅުގެ ތެރޭގައި ހިމެނޭ "ލެގޫން 7" ކުއްޔަށް ދޭން ސޮއި ކޮށްފައި ވަނީ ޖަނަވަރީ 27، 2011 ގަ އެވެ. މި އެއްބަސްވުމުގެ ދަށުން ލީސް އެގްރީމަންޓަށް ގެނެސްފައިވާ އެއްވަނަ އިސްލާހުއާއެކު އޮގަސްޓް 9، 2016 ގައި އެގްރީމެންޓް އިސްލާހުކޮށް ފަޅު ހިއްކަން ހުއްދައެއް ދީފައި ވެއެވެ. އަދި ޑަޗް ޑޮކްލޭންސްއާއެކު މެއި 8، 2019 ގައި އަލުން ސޮއިކޮށް މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް 48 މަސް ދުވަހުގެ ކޮންސްޓްރަކްޝަންގެ މުއްދަތުގެ ގޮތުގަ އާއި ކޮމެންސްމަންޓް ޑޭޓެއް ވަނީ އާ ކޮށްދީފަ އެވެ.
އަދި "ލެގޫން 9" ފަޅުގެ އެއްބަސްވުމުގައި ސޮއި ކުރީ ޖެނުއަރީ 27، 2011 ގަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް 48 މަސް ދުވަހުގެ ކޮންސްޓްރަކްޝަންގެ މުއްދަތު ވަނީ ދީފަ އެވެ.
ފްލޯޓިން ސިޓީ އަޅަން ދިން ފަޅުތަކުގެ ތެރޭން ބައެއް ފަޅުތައް ބޮޑު އަގުގައި މިހާރު ވަނީ ވިއްކާލާފަ އެވެ. އޭގެ އެއް ފަޅަކީ "ލެގޫން" ގެ ނަން ދީފައިވާ ފަޅެވެ.
"ލެގޫން 19" ފަޅު ވެސް ހިއްކަން 48 މަސް ދުވަސް ވަނީ ދީފަ އެވެ. އަދި މެއި 29، 2021 ގައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ކޮންސްޓްރަކްޝަން މުއްދަތު 24 މަހަށް އިތުރު ކޮށް އަލުން ސޮއި އެޅި އެވެ. އޭގެ ފަހުން މި ފަޅާއި ގުޅިގެން ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ވަނީ އޮގަސްޓް 29، 2021
ގައި ސޮއި ކޮށްފައިވާ ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން މާރަށް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފަ އެވެ.
މި ފަޅާ ގުޅޭ ހައްގުތައް ބަދަލު ކުރުމުގެ ހުއްދައަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކުން ދައްކާ ގޮތުގައި އެ ހައްގުތައް ވިއްކާލާފައި ވަނީ 16.5 މިލިއަން ޔޫރޯ އަށެވެ. މީގެ އިތުރުން "ލެގޫން 37" ގެ ނަން ދީފައިވާ ފަޅުގެ އެއްބަސްވުމުގައި މާޗް 11، 2020 ގައި އަލުން ސޮއިކޮށް ކޮންސްޓްރަކްޝަން މުއްދަތު 48 މަހަށް ބަދަލު ކޮށް އިތުރު ފަޅަކަށް މި ފަޅު ވަނީ ބަދަލު ކޮށްފަ އެވެ.
މި މަޝްރޫއަށް ދީފައިވާ ފަސް ފަޅު އަގު ކުރާނަމަ އެންމެ ކުޑަ އަގަކުން ބެލި ނަމަވެސް 35 މިލިއަން ޑޮލަރު ނުވަތަ 539 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިހާރުގެ މާކެޓް ރޭޓުގައި ހިސާބު ހަދާނަމަ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާގެ ލިބޭނެ އެވެ.
ޓޫރިޒަމަށް ހާއްސަ ވިލާ އެޅުމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފެށި ޕްރޮޖެކްޓް. އާއްމު ބޯހިޔާވަހިކަމުގެ މަޝްރޫ އަކަށް ބަދަލުވެފައި ވަނީ މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ބިޒްނަސް ނަމެއް ހަދައި އެޕްރީލް 18، 2022 ގައި ރަޖިސްޓްރީކުރި ހިސާބުންނެވެ. އެ ހިސާބުން ފްލޯޓިން ސިޓީގައި 5،000 ގެ އެޅުމުގެ ވާހަކަ ތިލަކޮށް އަނެއްކާ ވެސް މިޑިއާގައި ވިއްކަން ފެށި އެވެ. މިއީ ޓޫރިޒަމް މަޝްރޫއުގެ ތެރެއަށް ބޯހިޔާވަހިކަން ވަތން / ވެއްދި ހިސާބެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ގޮތުގައި މީހުން ދިރިއުޅުމަށް ފްލޯޓިން ޕްލެޓްފޯމްތަކެއްގައި ގެދޮރު އިމާރާތް ކުރުމާއެކު ފަޅު ހިއްކައިގެން ރިޒޯޓު ތަކެއް ތަރައްގީ ކުރުމަށް ޑަޗް ޑޮކްލޭންޑްސް އިން ދިވެހި ސަރުކާރަށް ހުށަހެޅި އެވެ. ނަމަވެސް ފަޅު ހިއްކުމަކީ ކުރިން މި މަޝްރޫއުގައި އޮތް ކަމެއް ނޫނެވެ. މި މަޝްރޫއު ރާއްޖެ ގެންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި މަޝްރޫއަކީ ރާއްޖޭގައި އާއްމުކޮށް ފަޅު ހިއްކައިގެން ހަދާ ރަށްތަކާ ތަފާތު މަޝްރޫއެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ.
ފްރީ ހޯލްޑް އުސޫލުން ގެދޮރު ވިއްކުމަށްޓަކައި އެ ފަރާތުން ވަނީ ފަޅުގެ ވަކި ބައެއް ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަޙައްދުން އުނިކޮށް ހައުސިން ޕްރޮޖެކްޓެއްގެ ގޮތުގައި އެ ފަރާތައް ހަވާލު ކުރުމަށް އެދިފަ އެވެ. ނަމަވެސް މިކަމަކީ ރާއްޖޭގެ ގާނޫނުތަކުން ކުރެވޭނެ ކަމެއް ނޫނެވެ.
ހައުސިން އަށް ދޫކޮށްފިނަމަ އެކަން ވާނީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމަކަށެވެ. ސަބަބަކީ ބޭރުގެ ފަރާތަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް 99 އަހަރަށް ވުރެ އިތުރަށް ނުދެވޭނެކަން ގާނޫނު އަސާސީގައި ކަނޑައަޅާފައި ވާތީ އެވެ. މިކަން ކޮށްފިނަމަ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ފާފު އަތޮޅު ވިއްކާލަން އުޅުނޭ ކިޔައި ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ފްރީ ހޯލްޑް އުސޫލުން ޑަޗް ޑޮކްލޭންޑްސް އާ ހަވާލު ކުރުމަށް ގާނޫނީ ހުރަސް ތަކެއް ކުރިމަތި ވެއެވެ. ހަމައެއާއެކު، ފްރީ ހޯލްޑް އުސޫލުން އެ ފަރާތަށް ނުލިބޭ ތަނެއް އެ ފަރާތަށް ފްރީ ހޯލްޑް އުސޫލުން ދިވެހި ރައްޔިތުންނަށް ވިއްކުން އެއީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.
އަދި ފްރީ ހޯލްޑް އުސޫލުން އެ ފަޅުން ގެދޮރު ވިއްކިއަސް އެ ފަޅުގައި ހަދާ ރިޒޯޓުތަކާއި ސަޕޯޓް ފެސިލިޓީސްގެ ކުލީގެ މުއްދަތު ގިނަވެގެން 99 އަހަރަށް ވުރެ އިތުރުކޮށް ދިނުމަށް ގާނޫނުތައް ތަނެއް ނުދެ އެވެ. އެހެންވެ ދެން ހަދަން ޖެހޭނެ ގޮތަކީ ގާނޫނު އިސްލާހުކޮށް "އުމުރަށް ދެވިދާނެ" މިހެން ލިޔުމެވެ.
މި މަޝްރޫއު އޮތް ގޮތުން ގެދޮރާއެކު ބޭނުން ވާނެ އަސާސީ ހިދުމަތްތައް ފޯރުކޮށް ދޭނެ އުސޫލެއް ވެސް ފާހަގަ ކޮށްފައެއް ނެތެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 5،000 ގެ އަޅަން ހުށަހަޅާފައިވާއިރު އެ ތަންތަނުގައި ދިރިއުޅޭނެ ފަރާތްތަކަށް ބޭނުންވާނެ ސްކޫލުތަކާއި ހޮސްޕިޓަލާއި މިސްކިތް ފަދަ ތަންތަން އަޅާނެ ގޮތުގެ އެއްވެސް ޕްލޭނެއް މި މަޝްރޫއަކު ނެތެވެ.
ފްލޯޓިން ސިޓީގައި ގެދޮރުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްފިނަމަ މި މައްސަލަ ވެސް ވާނީ މިހާރު ބޮޑު މަސައްކަތް ގަނޑެއްގެ ތެރޭގައި އޮވެ ސަރުކާރުން އަތްލާން ނުކެރި ނިމެނުންދާ ނަސަންދުރަ މައްސަލަ ފަދަ މައްސަލައަކަށެވެ. ނަސަންދުރަ މައްސަލާގައި ވެސް ފުށުއެރުން ތަކެއް ދިމާވާ މައިގަނޑު އެއް ސަބަބަކީ އެއްބައި ހޮޓަލަކަށް އަނެއްބައި މީހުން ދިރިއުޅެވޭ ގޮތަށް ހަދާފައި އޮތުމެވެ.
ގާނޫނު އޮތް ގޮތާއި ގާނޫނު ބުނާ ގޮތް ބާއްވާފަ އެންމެ މަޝްރޫއަކަށް މާލެ އަތޮޅުން ބޮޑު ފަސް ފަޅު "ވިއްކާލު" މަކީ އެންމެ އިންސާފުވެރި ގޮތްތޯ ސުވާލު އުފެދެ އެވެ. މި މަޝްރޫއު އެކި ސްޓޭޖުތަކުގައި އޮންނަތާ ދިހަ، ބާރަ އަހަރު ވެގެންދާއިރު މިހާ ބޮޑު މަޝްރޫއެއް ހިންގުމުގެ ގާބިލް ކުންފުންޏަކަށް ޑަޗްޑޮކް ލޭންޑްސް ވާނަމަ ބޭރުން އިންވެސްޓްމަންޓް ގެނެސްގެން މިކަން ކުރަން ނޫޅެނީ ކީއްވެގެން ތޯ ވެސް އެއީ ސުވާލެކެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓަކީ ދިވެހި ކުންފުންޏަކަށް ދީގެން "ސާމްޕަލްގެ" ތަކެއް އެޅުމެވެ. މިކަން ވެސް ކޮށްފައި ވަނީ ވިއްކާލި ފަޅު ތަކުން ލިބުނު ފައިސާ އިންނެވެ. އެހެންވެ މި ވަރުގެ ތާކުންތާކު ނުޖެހޭ މަޝްރޫއެއް ގެނެސްގެން އުޅުމުގެ މަގުސަދާމެދު ސުވާލެއް ނޫފެއްދޭ ހެއްޔެވެ؟
ކެނެރީގޭ މިހައްމަދު ނަޝިދު މި ގައުމުގެ މުހިންމު އެސެޓްތައް ފޭރި ރައްޓެހިން މެދުވެރިކޮއްގެން ދަނީ ވިއްކަމުން