ބޮޑު ސާވިސް ޗާޖް: ގިނަ މުވައްޒަފުންނާއެކު އިތާފުއްޓާއި ރީތިރަށް

މުވައްޒަފުންނާއި ކޮޓަރި ގިނަ ވަން އެންޑް އޮންލީ އާއި ވޮލްޑޯފް އެސްޓޯރިއާއިން މި މަހު ބޮޑު ސާވިސް ޗާޖެއް ދީފައިވާއިރު މި މަހު މިއަށް ވުރެ ބޮޑެތި ސާވިސް ޗާޖުގެ ނަމްބަރުތައް ފެނުން އަދި ވަރަށް ގާތެވެ.

ގިނަ މުވައްޒަފުންނާއެކު ބޮޑު ސާވިސް ޗާޖެއް ދިން އިތާފުށި ރިސޯޓް -- އިތާފުށި

މި މަހަކީ ރާއްޖޭގެ ރިސޯޓްތަކުގައި ބޯކޮށް ސާވިސް ޗާޖު ދޭނެ މަހެވެ. ވަރަށް ބޮޑު ސާވިސް ޗާޖެއް ދޭނެ މަހެވެ. ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ބައިލައްކަ އިން މައްޗަށް ސާވިސް ޗާޖުގެ ގޮތުގައި މި މަހު ފައިސާ ލިބޭނެ އެވެ. މިމަހު އެންމެ ގިނަ މުވައްޒަފުންނާއެކު ބޮޑު ސާވިސް ޗާޖެއް ދީފައިވާ ދެ ރިސޯޓަކީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް އެވެ. 

މިމަހު ބޮޑު ސާވިސް ޗާޖު ދިން، ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އާއި މެދުއިރުމަތީގެ މަހުޖަނެއް ގުޅިގެން ތަރައްގީ ކޮށްފައިވާ އިތާފުށި ރިސޯޓުގައި 750 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ރިސޯޓުގައި 119 ވިލާ އާއި މި ސަރަހައްދުގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ޕްރައިވެޓް އައިލެންޑްވެސް ހިންގަ އެވެ. މި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް މިމަހު ސާވިސް ޗާޖުގެ ގޮތުގައި 3،302.50 ޑޮލަރު ދިވެހި ރުފިޔާ އިން ރަސްމީ އެކްސްޗޭންޖު ރޭޓުން ބަލާނަމަ ގާތްގަނށަކަށް 50،000 ރުފިޔާ ލިބޭނެ އެވެ. 

މި ރިސޯޓުގެ މުވައްޒަފަކަށް އެވްރެޖުކޮށް މި މަހުގެ ހަފުތާއަކު ސާވިސް ޗާޖުގެ ގޮތުގައި 690 ޑޮލަރަށްވުރެ މަތިން ޖެހިފައިވާނެ އެވެ. މި މަހު އިތާފުށީގެ މުވައްޒަފުންނަށް ލިބުނު ސާވިސް ޗާޖު ވޭތުވެދިޔަ ތިން އަހަރަށް ބަލާނަމަ ނިސްބަތުން ކުޑަ ދަށްވުމެއްގައި ހުރި ނަމަވެސް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ރިސޯޓަކާ އަޅާބަލާއިރު ނިސްބަތުން ލިބުނު އަދަދު ބޮޑެވެ. މި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭން އެކަނި 2.4 މިލިއަން ޑޮލަރު ވަނީ ބަހާފަ އެވެ. 

ވޮލްޑޯފް އެސްޓޯއިޔާ އިތާފުށި ރިސޯޓް -- އިތާފުށި

ހަތަރު އަހަރު އިތާފުށީގެ ޖެނުއަރީ

  •  2020 -- 2،037 ޑޮލަރު
  •  2021 -- 3339 ޑޮލަރު
  •  2022 -- 3320 ޑޮލަރު
  •  2023 -- 3302 ޑޮލަރު

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ ނިއު އިޔާގައި ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ރިސޯޓަކީ ވެސް ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓެވެ. ދުނިޔޭގެ މަޝްހޫރު ބިލިއަނަރުންނާއި އެތައް ސެލެބްރިޓީނެއް މި ރިސޯޓުގައި މި އަހަރުގެ އާ އަހަރު ފާހަގަ ކޮށްފައިވެ އެވެ. މީގެ ތެރޭގައި އެތައް ބިލިއަން ބަޔަކު އުޅޭ ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާތަކުގެ އޯނަރުންނާއި ބައެއް ވާޗުއަލް ކަރަންސީގެ ބާނީންގެ ގޮތުގައި ތިބި ޒުވާން ބިލިއަނަރުން ވެސް ހިމެނެ އެވެ. އަދި ދުނިޔޭގެ ކުޅިވަރު އީދު ވޯލްޑް ކަޕް، ނިމުމަށް ފަހު ފީފާގެ ރައީސް ޗުއްޓީ ހޭދަ ކުރެއްވީ ވެސް މި ރިސޯޓުގަ އެވެ. 

މި ރިސޯޓަށް މިހާގިނަ ތަރިން އަންނަ ސަބަބަކީ މި ރިސޯޓުގެ ހާއްސަ ކަމެވެ. ރާއްޖޭގައި 2019 ވަނަ އަހަރު ހުޅުވި މި ރިސޯޓަށް ބިލިއަނުންނާއި ސެލެބްރިޓީން ހުޅުލެ އިން ދަތުރު ކުރާނީ ހާއްސަ އަގު ބޮޑު ޔޮޓެއްގަ އެވެ. މި ރިސޯޓުގައި ރެއަކަށް 90،000 ޑޮލަރަށްވުރެ މަތިން ވިލާދޭ ޕްރައިވެޓް އައިލެންޑެއް ވެސް އޮވެ އެވެ. 

ވޮލްޑޯފް އެސްޓޯއިޔާ އިތާފުށި މޫދު ވިލާތައް ކައިރީ ދެ ޓޫރިސްޓުން -- އިތާފުށި

މި ރިސޯޓުގެ އިތުރުން ގިނަ މުވައްޒަފުން މަސައްކަތް ކުރާ އަދި ބޮޑު ސާވިސް ޗާޖެއް މި މަހު ދިން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 3،054 ޑޮލަރު ލިބިފައިވެ އެވެ. ގާތްގަނޑަކަށް 790 މުވައްޒަފުން މަސައްކަތް ކުރާ މި ރިސޯޓުގެ މުވައްޒަފަކަށް ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާ ލިބިފައިވެ އެވެ. އަދި ހަފުތާއެއްގެ މައްޗަށް އެވްރެޖުކޮށް 588 ޑޮލަރު ލިބިފައިވެ އެވެ. މި ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ވެސް 3،089 ޑޮލަރުގެ ސާވިސް ޗާޖެއް ލިބޭނެ އެވެ. މިދިޔަ އަހަރު ރީތިރަށް ރިސޯޓުގައި މިހާރަށްވުރެ މުވައްޒަފުން މަދެވެ. އެހެންވެ ހަފުތާއެއްގެ މައްޗަށް ޖެހުނު އަދަދު އޭރު ހުރީ 562 ޑޮލަރުގަ އެވެ. 

ރީތިރަށުގެ ސާވިސް ޗާޖް

  •  މިދިއަ ޖެނުއަރީ މަހު 3،054 ޑޮލަރު
  •  މި ޖެނުއަރީ ހަފުތާއަކު 588 ޑޮލަރު
  •  މިދިޔަ އަހަރު 3089 ޑޮލަރު
  •  މިދިޔަ އަަހަރު ޖެނުއަރީ ހަފުތާއަކު 562

މުވައްޒަފުންނާއި ކޮޓަރި ގިނަ ވަން އެންޑް އޮންލީ އާއި ވޮލްޑޯފް އެސްޓޯރިއާއިން މި މަހު ބޮޑު ސާވިސް ޗާޖެއް ދީފައިވާއިރު މިމަހު މިއަށްވުރެ ބޮޑެތި ސާވިސް ޗާޖުގެ ނަމްބަރުތައް ފެނުންގާތެވެ. މިހާރު ބެލެވޭ ގޮތުގައި މިމަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދޭނެ ރިސޯޓުތަކުގެ މުވައްޒަފުންނަށް 4،000 ޑޮލަރު ނުވަތަ 61,680ރ. ލިބުން ގާތެވެ. ނަމަވެސް މި ރިސޯޓުތަކަކީ ވަން އެންޑް އޮންލީ އާއި އިތާފުށި ރިސޯޓާ އަޅާ ކިޔާނަމަ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަދު ތަންތަނެވެ. މިއަހަރު އެންމެ ބޮޑު ސާވިސް ޗާޖެއް ދޭނެ ކަމަށް ބެލެވޭ ވެލާ ޕްރައިވެޓް އައިލެންޑުގައި 45 ވިލާ ހުންނައިރު މުވައްޒަފުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް 423 ވަރުގަ އެވެ. މި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދޭނެ އަދަދު އެނގޭނީ މާދަމާ އެވެ. 

ބޮޑު ސާވިސް ޗާޖެއް ދިން ރީތިރަށް ރިސޯޓް -- ރީތިރަށް

ބޮޑު ސާވިސް ޗާޖު ދޭނެ ތިން ރިސޯޓް

  • 1.ވެލާ ޕްރައިވެޓް އައިލެންޑް
  • 2.ރިޒްކާލްޓަން
  • 3.ޝެވެލް ބްލޮންކް ރަންދެލި ރިސޯޓް
ނެގުން ލާޒިން ބެހުން ލާޒިމް - ކުރިން ވެސް ޓޫރިޒަމް ވިޔަފާރިތަކުން ހާއްސަކޮށް ސާވިސް ޗާޖު ނަގަ އެވެ. ހިދުމަތްތަކުން 10 ޕަސެންޓުގެ އަގެއްގެ ގޮތުގައި ނަގާ މި އަދަދު ކުރިން މުވައްޒަފުންނަށް ބެހުމަކީ ލާޒިމް ކަމެއް ނޫނެވެ. ނަމަވެސް ގިނަ ރިސޯޓުތަކުން ބަހަ އެވެ. ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނަށް 2021 ގައި ގެނައި އިސްލާހުގެ ދަށުން، ޓޫރިޒަމް ސިނާއަތުގައި ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން މަދުވެގެން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނެގުމަކީ މި ސިނާއަތުގައި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް މަޖުބޫރު ކަމަށް ހެދި އެވެ. މި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކާމެދުފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.