ބޮޑުވަޒީރު ކަމުން ޖަސިންޑާ ވަކިވެ ވަޑައިގަންނަވަނީ

ބޮޑު ވަޒީރު ޖަސިންޑާ އާޑަން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހަކީ އޭނާ ވެރިކަމުގެ އެންމެ ފަހު ދުވަސް ކަމަށެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން: މާގާމުން އިސްތިއުފާ ދެއްވާނީ އަންނަ މަހު 7 ވަނަ ދުވަހު

އަންނަ މަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި މި އަހަރު ބާއްވާ އާންމު އިންތިހާބުގައި ވާދަ ނުކުރައް ވާނެ ކަމަށް ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވެއްޖެ އެވެ.

އާޑަން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހަކީ އޭނާ ވެރިކަމުގެ އެންމެ ފަހު ދުވަސް ކަމަށެވެ.

ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޮޑު ވަޒީރު ޖަސިންޑާ ވިދާޅުވީ އެކަމަނާ މަގާމު ދޫކޮށްލައްވަނީ އެ މަގާމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރެއްވުމުގެ ގާބިލު ކަމާއި ކުޅަދާނަކަން އެކަމަނާގެ ކިބައިގައި މިހާރު ނެތް ކަމުގައި ގަބޫލު ކުރެއްވިގެން ކަމަށެވެ.  

"މަގާމު ދޫކޮށްލަނީ އުނދަގޫ ވެގެންނެއް ނޫން! އެހެން ނަމަ ފުރަތަމަ ދެމަސް ތެރޭ ދޫކޮށްލީމުސް" އެކަމަނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ގައުމެއްގެ އެންމެ މުހިންމު މަގާމާއެކު މުހިންމު ޒިންމާތަކެއް ވެސް ބޮލުގައި އެޅޭ ކަމަށާއި އެފަދަ ހާލަތެއްގައި ގައުމެއް ލީޑް ކުރަން އެންމެ އެކަށީގެންވާ މީހާއަށް ވާއިރު އެކަން ނަފުސަށް އެނގުމާއި، އަދި އެކަށީގެން ނުވާއިރު އެކަންވެސް އެނގުން  މުހިންމު ކަމަށެވެ.

"އަހަންނަށް އެނގޭ މި ވަޒީފާއަށް އިންސާފު ކުރެވޭނެ ކުޅަދާނަކަން މިހާރު އަހަރެންގެ ނެތްކަން." މިއަދު އެކަމަނާ ވިދާޅުވި އެވެ.

އެކަމަނާގެ ފަރާތްޕުޅުން މި އެނައުންސްމެންޓް އާއިރު އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ލޭބަ ޕާޓީއަށް މިއަހަރު އާންމު އިންތިހާބުގެ ވަރުގަދަ ކެމްޕޭނަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ޕާޓީން ވެސް ވަނީ އެހެން ބުނެފަ އެވެ. -- ނިއުޒީލޭންޑް މި އަހަރު އާންމު އިންތިހާބަށް ގޮވާލާނީ އަންނަ އޮކްޓޯބަރަށެވެ. އެ މަހުގެ 14 ގައި އިންތިހާބު ބާއްވާނެ އެވެ. އޭގެ ކުރިޔަށް ލޭބާ ޕާޓީގެ ލީޑަރަކު ހޮވަން އަންނަ އާދީއްތަ ދުވަހު ވޯޓު ލާނެ އެވެ. 

އުމުރުފުޅުން އަދި 42 އަހަރުގެ ޖަސިންޑާ އާޑެން މަގާމުން ދޫކޮށްލަވަން ނިންމެވި އިރު ގައުމުގެ އިންފްލޭޝަން ބޮޑުތަނުން މައްޗަށް ގޮސްފައި ވެއެވެ. އެ ނިސްބަތަކީ މިދިއަ 30 އަހަރު ދުވަހު ވެސް އަގުތައް އުފުލިގެން ގޮސްފައި ނުވާ މިންވަރެކެވެ. މިނޫނަސް ބައިވަރު ސަބަބުތައް އެކުވެ ބޮޑު ވަޒީރު ޖަސިންޑާގެ މަގުބޫލުކަން ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ.

ޖަސިންޑާއަށް ކުރީން ވަނީ ވަރަށް ބޮޑަށް ގައުމާއި ދުނިޔޭގެ ތައުރީފު ލިބު ވަޑައިގެންފަ އެވެ. ހާއްސަކޮށް ކްރައިސްޓްޗާޗުގެ މިސްކިތް ހަމަލާ އާއި ކޮވިޑްގެ މައްސަލާގައި އެކަމަނާ އަމަލު ކުރެއްވި ގޮތުން ދުނިޔެ ދުށީ އެއީ ތަފާތު ބޮޑު ލީޑަރެއްގެ ގޮތުގަ އެވެ. އެކަމަނާ ނިއުޒީލޭންޑްގެ ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގަތީ 2017 ވަނަ އަހަރު އެވެ. 

ޖެސިންޑާއި އާއި އެކަމަނާގެ ފިރިކަލުން

ޖަސިންޑާ އާޑެން ކޮން ބޭފުޅެއް؟

އުމުރުފުޅުން 37 އަހަރުގައި ނިއުޒީލެންޑްގެ ބޮޑުވަޒީރު ކަމަށް 2017 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި ޖަސިންޑާ އާޑަން އަކީ 150 އަހަރުގެ ތާރީހުގައި އެގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރެވެ. އަދި ދުނިޔޭގެ އެންމެ ޒުވާން އަންހެން އެއް ވެރިޔާ އެވެ.  

އާޑާން އުފަންވެ ވަޑައިގަތީ ހެމިލްޓަން ސިޓީއަށެވެ. ޔުނިވާސިޓީ އޮފް ވައިކަޓޯ އިން ޕޮލިޓިކްސް އެންޑް ޕަބްލިކް ރިލޭޝަންސް އިން ބެޗްލަ އޮފް ކޮމިއުނިކޭޝަން ސްޓަޑީޒް ޑިގްރީ ހާސިލް ކުރެއްވުމުގެ ކުރިން ހައި ސްކޫލުގައި ކިޔަވައި ވިދާޅުވި އެވެ. ނިއުޒީލެންޑްގެ ލޭބަ ޕާޓީއާ ގުޅިވަޑައިގަތީ އުމުރުފުޅުން 18 އަހަރުގަ އެވެ.

ޔުނިވާސިޓީއަށް ފަހު، އޭރުގެ ބޮޑުވަޒީރު ހެލެން ކްލާކްގެ އޮފީހުގައި އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އަދި 2005 ވަނަ އަހަރު ލަންޑަނަށް ވަޑައިގެން އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލޭއާގެ ސަރުކާރުގެ ކެބިނެޓް އޮފީހުގައި ޑިޕާޓްމަންޓް ފޯ ބިޒްނަސް އެންޑް އެންޓަޕްރައިސްގެ އެސިސްޓެންޓް ޑިރެކްޓަރު ފޯ ބެޓަ ރެގިއުލޭޝަން އެގްޒެކެޓިވްގެ މަގާމާއި، އިނގިރޭސިވިލާތާއި ވޭލްސްގައި ޕޮލިސިން ރިވިއުއެއްގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން 2007 ވަނަ އަހަރު އިންޓަނޭޝަނަލް ޔޫނިއަން އޮފް ސޯޝަލިސްޓް ޔޫތުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އެވެ. ޖެހިގެން އައި އަހަރު ނިއުޒީލެންޑްގެ ޕާލަމެންޓަށް ވަދެވަޑައިގަތީ ލިސްޓް ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އުމުރުފުޅުން 28 އަހަރުގައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތީ އެ މަޖިލީހުގެ އެންމެ ހަގު މެންބަރުގެ ގޮތުގަ އެވެ. ބޮޑުވަޒީރު އާޑެން ފުރަތަމަ ދަރިފުޅު ވިހެއި، 2018 ވަނަ އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.