ޑެނާރޯ ހައްޔަރު ކުރުމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވި ގޮތުގައި ދައުލަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ފިލައިގެން އުޅޭތާ އެތައް އަހަރެއް ފަހުން އިޓަލީގެ މާފިއާ ލީޑަރެއް ކަމަށްވާ، މަޓިއޯ މެސީނާ ޑެނާރޯ ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ މާފިއާ ހަރަކާތް ކުރިލާފައިވާ އެ ގައުމުގެ ސިސިލީއިންނެވެ. ހައްޔަރު ކުރީ ސިސިލީގެ ކްލިނިކެއްގައި ކެންސަރަށް ފަރުވާ ހޯދަން އެޑްމިޓް ވެގެން އޮއްވަ އެވެ.
ޑެނާރޯ ނިސްބަތް ވަނީ ސިސިލީގެ ކޯސާ ނޯސްޓްރާ ގޭންގަށެވެ. އޭނާ އަކީ އެ މާފިއާގެ ލީޑަރެއްގެ ގޮތުގައި ލޭބަލްކޮށް އިޓަލީގެ ފުލުހުން އޭނާ ހޯދަން އަތްފުނާއަޅާތާ 30 އަހަރުވެފައި ވެއެވެ. އޭނާ ލޭބަލްކޮށްފައި ވަނީ ޔޫރަޕްގައި ވެސް އެންމެ ނުރައްކާތެރި އެއް މާފިއާ ލީޑަރުގެ ގޮތުގަ އެވެ.
ޑެނާރޯ ހައްޔަރު ކުރަން ކުއްލި ހަރަކާތުގެ ބޮޑު އޮޕަރޭޝަނެއް ހިންގި އިރު އެއް ފަހަރާ ސަލާމަތީ ފައުޖުތަކުގެ 100 އަށް ވުރެ ގިނަ މީހުން ކްލިނިކް ވަށާލައި ދިމާކުރި އެވެ.
ޕްރޮސެކިއުޓަރުންނާއި ލޯޔަރުންނާއި އާންމު މީހުން ހިމެނޭ ގޮތުން އެތަކެއް ބަޔަކު މަރައި އެތައް ބަޔަކު ލޫޓުވާފައިވާ ކަމަށް ތުހުމަތުވެފައިވާ ޑެނާރޯގެ މައްޗަށް މީގެ ކުރީން ވަނީ މީހުން މެރުމުގެ ކަމުގެ ދައުވާތައް އުފުލައި ޣައިރު ހާޒިރުގައި އުމުރަށް ޖަލަށް ލާން ނިޔާއިއްވާފަ އެވެ.
އަދި 1993 ވަނަ އަހަރު މިލާން އާއި ފްލޮރެންސް އާއި ރޯމްގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ އިތުރުން މީހަކު ރަހީނު ކުރުމަށް ފަހު މެރުމުގެ ދައުވާ ވެސް ޑެނާރޯގެ މައްޗަށް ޣައިރު ހާޒިރުގައި ސާބިތުކޮށްފައި ވެއެވެ.
ޔޫރޮޕޯލްއިން ޑެނާރޯ އަކީ ޔޫރަޕްގައި ފިލައިގެން އުޅޭ އެންމެ ނުރައްކާތެރި މީހުންގެ ތެރެއިން އެކަކު ކަމަށް ކަނޑައަޅާފައި ވާއިރު އޭނާ ހައްޔަރަށް ނެގުމުން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ އެއީ ދައުލަތުގެ ބޮޑު ކާމިޔާބެއް ކަމަށެވެ.