ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ސެޕްޓެމްބަރު 21، 1995 ގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުހަބާ ދަންނަވައިފި އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހާބާ ދެންނެވުމުގެ ގޮތުން މިއަދު ރަސްމިއްޔާތެއް ބާއްވާފައި ވަނީ ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ވެރިރަށް މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހެވެ.
އެ ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ޑަޔަސްއަށް އަރާވަޑައިގަތުމާއެކު ހަތް ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ކުޅެ، ބޮޑުވަޒީރުގެ ޝަރަފުގައި ސިފައިން ގާޑް އޮފް އޮނާއެއް އެރުވި އެވެ.
މި ރަސްމިއްޔާތުގައި، ނައިބު ރައީސާއި ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ކެމްބޯޑިއާގެ ބޮޑުވަޒީރަށް ތައާރުފުކޮށް އެރުވިއެވެ. އަދި، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސް ސޯލިހަށް ތައާރުފުކޮށް އެރުވިއެވެ.
މި ރަސްމިއްޔާތައްފަހު ބޮޑުވަޒީރު، ރައީސް ސޯލިހުގެ އަރިހު، ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސް އޮފީހަށެވެ. އެ އޮފީހަށް ވަޑައިގެންނެވުމަށް ފަހު ބޮޑުވަޒީރު ވަނީ އިއްޒަތްތެރީން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ.
މި ދަތުރުފުޅަކީ، ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ސެޕްޓެމްބަރު 21، 1995 ގަ އެވެ.