ފުލުހަކު މަރާލި ސަމާހުގެ ވަކީލް ޝަރީއަތުން ވަކިކޮށްފި

ޖުލައި 23، 2012 ގެ ރޭ ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ބިރުދެއްކުމަށްފަހު މަރާލާފައިވާކަން އެރަށު ސުވާސާގޭ ސަމާހުގެ މައްޗަށް ސާބިތުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ސްކްރީން ޝޮޓެއް: މެދުގައި ސަމާހު

ކ. ކާށިދޫގައި މީގެ 10 އަހަރު ކުރިން މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް، މުހައްމަދު ސަމާހުގެ ގާނޫނީ ވަކީލް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވަކިކޮށްފި އެވެ.

ޖުލައި 23، 2012 ގެ ރޭ ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ބިރުދެއްކުމަށްފަހު މަރާލާފައިވާކަން އެރަށު ސުވާސާގޭ ސަމާހުގެ މައްޗަށް ސާބިތުވެފައިވެ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ މަރަން އިއްވި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައިވެ އެވެ. 

ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށައިފަ އެވެ. އެކަމަކު ސަމާހުއަށް ދައުލަތުން ހަމަޖައްސާދީފައިވާ ގާނޫނީ ވަކީލް، ޖައުފަރު ރަޝީދާ ގުޅޭ ގޮތުން އޭނާ ޝަރީއަތަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ފަނޑިޔާރުން ވަނީ އެ މަޖިލީހުގައި އޭނާ ވަކިކޮށްފަ އެވެ.

ސަމާހު ވާހަކަދައްކަން ދިން ފުރުސަތުގައި އޭނާ ބުނެފައި ވަނީ ވަކީލަކު ހަމަޖެއްސުމުގެ މާލީ ހާލަތު ނެތުމުން މިހާތަނަށް ކޯޓުގެ ހުރިހާ މަރުހަލާއެއްގައި ވެސް އޭނާގެ ފަރާތުން ވަކާލާތު ކޮށްދީފައި ވަނީ ދައުލަތުން ހަމަޖައްސައިދިން ވަކީލުން ކަމަށެވެ. އެކަމަކު އެތައް ފަހަރަކު އެޓާނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވައިގެންވެސް އެކިފަހަރު ހަމަޖެހުނު ވަކީލުންގެ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ސަމާހު ކުރި އެވެ.

އެންމެ ފަހުން ދައުލަތުން އޭނާއަށް ހަމަޖައްސައިދިން ވަކީލް ޖައުފަރު ވެސް އެއްބާރުލުން ނުދޭ ކަމަށާއި، އޭނާ އާއި ބައްދަލުކުރަން ޖަލަށް އައީ ދެފަހަރަކު ކަމަށް ސަމާހު ބުންޏެވެ. އަދި އެންމެ ފަހުން އައީވެސް މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނެތި ކަމަށް ބުނެފައިވެ އެވެ.

"ގަސްދުގައި މީހަކު މެރުމުގެ މައްސަލައެއް ކަމުން މި މައްސަލައިގައި އެންމެ ބޮޑަށް އުޅެން ޖެހޭނެ ފަރާތަކީ އަޅުގަނޑު. މި މައްސަލައިގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ފަރާތަކީ ވެސް އަޅުގަނޑު،" ސަމާހު ބުންޏެވެ. 

ވަކީލް ޖައުފަރު ވިދާޅުވެފައި ވަނީ ބައްދަލުކުރަން އެދުނު ނަމަވެސް ކަރެކްޝަނަލް ސާވިސްއިން އެކަން ހަމަޖައްސައިނުދިނީ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ޖައުފަރު ވަކިކުރައްވާފަ އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސަމާހުއަށް އާ ވަކީލަކު ހަމަޖެހުމުންނެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.  

ފުލުސް އޮފިސަރު އާދަމް ހަލީމްގެ މަރު

ސާޖަންޓް އާދަމް ހަލީމް މަރާލާފައި ވަނީ ސަމާހު ގޭބަންދުކޮށްފައި ހުއްޓައި ރަށު ތެރޭގައި އުޅެނިކޮށް އޭނާ ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅެނިކޮށެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ސަމާހު ދަށު ކޯޓުގައި ބުނެފައިވެ އެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ ސަމާހު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އިންކާރުކުރުމަށްފަހު ސަމާހު ބުނެފައި ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ވަނީ އޭނާގެ އިއުތިރާފްގެ މައްޗަށް ބިނާކޮށެވެ. އޭނާ މަރަން ހުކުމްކޮށްފައި ވަނީ ހުރިހާ ވާރިސުންވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.

ފުލުސް ސާޖަންޓް އާދަމް ހަލީމް --

ދަށު ކޯޓުން އިއްވި ހުކުމް ކަށަވަރުކުރަން ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ހައިކޯޓުން ވެސް ވަނީ އެހުކުމް ދަމަހައްޓައިފަ އެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ނުކުރާ ކަމަކަށް އިއުތިރާފް ފަދަ މަޖުބޫރީ ހާލަތްތަކެއް ސަމާހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ސުޕްރީމް ކޯޓުން މަރަން ހުމުންކޮށްފައިވާ ތިން މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވެ. އެކަމަކު މިހާތަނަށް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.