ފައިސާ ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން ރައީސް އެދިވަޑައިގެންފި

"ވިޔަފާރިވެރިންނާއި އަދި އާންމު ރައްޔިތުން ވެސް އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާ ކުރަން ބޭންކާ ހަވާލު ކުރަނީ ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގައި އެންމެ އިސް ޒިންމާ،"

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި މިރޭ ބޭއްވި ޖަލްސާގައި އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ

ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގައި އެންމެ އިސް ޒިންމާ ކަމަާާ އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު އެކަމަށް އެދިވަޑައިގެންނެވީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ބެންކެއް ކަމަށާ ބޭންކުގެ އެންމެ އިސް ޒިންމާ އަކަށް ވާން ޖެހޭނީ ރައްޔިތުންގެ ހިތުގައި ބޭންކާ މެދު އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުން ކަމަށެވެ.

"ވިޔަފާރިވެރިންނާއި އަދި އާންމު ރައްޔިތުން ވެސް އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާ ކުރަން ބޭންކާ ހަވާލު ކުރަނީ ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގައި އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.

ތަރައްގީގައި ބެންކުގެ ދައުރު ބޮޑު

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އުމުރުން ހޭދަވި 40 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތް ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ބޭންކުން ވަރަށް ބޮޑު ދިރުމެއް ގެނެސްދީފި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބަކީ ފަތުރުވެރިކަމާއި މަސްވެރިކަން. އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓި މި އޮންނަނީ މި ބޭންކުގެ ހަކަތައާއި ފަންވަރުގެ ސަބަބުން،"

ދާޅީސް އަހަރު ހިދުމަތް ކުރެއްވި ބީއެމްއެލްގެ އެސިސްޓެންޑް ޖީއެމް އާއިޝަތު ނޫރައްދީން -- ބީއެމްއެލް

ދިވެހިންގެ އަމިއްލަ ބޭންކެއް އުފެދި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް ބީއެމްއެލް އިން ފަހި ކޮށްދިނުމާ އެކު ދިވެހި މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށާ މަސްވެރި ކަމަށް ހާއްސަ ކޮށްގެން ދޫކުރި ލޯނުތަކުގެ ސަބަބުން މަސްއޮޑިފަހަރު ބޮޑުވެ ޒަމާނީވެގެން ދިޔަ ކަަމަށް ވިދާޅުވިއެވެ.

"ފަތުރުވެރި ކަމަށް ވެސް ހަމަ އެފަދަ އިންގީލާބީ ބަދަލުތަކެއް މި ބޭންކުން ގެނެސްދީފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް. މި ބޭންކު އުފެދުނު އިރު ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ވީ އެންމެ 10 އަހަރު. މާގިނަ އަތޮޅުތަކަކަށް އޭރު ޓޫރިޒަމް ތައާރަފެއް ނުވޭ. މިދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ރިޒޯޓްތައް ތަރައްގީކޮށް ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގައި މި ބޭންކުގެ މާލީ ދައުރުގެ ހިއްސާ ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.

އުމްރާނީ ތަރައްގީވެސް ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން ދިޔައީ ބީއެމްއެލްގެ ވަރަށް ބޮޑު ހިއްސާއަކާ އެކުކަން ފާހަގަކުރައްވާ މީގެ 40 އަހަރު ކުރިން ރާއްޖޭގައި ދިވެހި ބޭންކެއް ހުޅުވިއިރު މާލޭގައިވެސް ބުރިބުރިއަށް ނަގާފައި ހުރި ގެތައް ވަރަށް މަދު ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީވެސް ދެ ބުރި / އެންމެ އުސްވެގެންވެސް ތިނެއް ނޫނީ ހަތަރު ބުރިއަށް ރާނާފައި ހުރި އިމާރާތްތަކެއް ކަަމަށާ ބޭންކުގެ ހިދުމަތްތައް ފުޅާވެ އުމްރާނީ ތަރައްގީ ގައި ވިޔަފާރީގެ ލޯނުތައް ތައާރުފް ކުރުމާއެކު އުމްރާނީ ތަރައްގީގެ ރޮނގުން ކުއްލި ބަދަލުތަކެއް ރާއްޖެއަށް އަންނަން ފެށި ކަމަށެވެ.

"މާލޭގެ ވަރަށް ގިނަ ގޯތިތަކުގައި ޒަމާނީ ފަރުމާތަކަށް ދިހަ ބާރަ ބުރީގެ އިމާރާތްތައް މައްޗަށް އަރަން ފެށި. އެ އިމާރާތްތަކާ އެކު ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ ވިޔަފާރީގެ ފުރުސަތުތައް އެތައް ގުނައަކަށް ތަނަވަސްގެން ދިޔަ،"

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި މިރޭ ބޭއްވި ޖަލްސާގައި އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ

ބެންކު އޮފް މޯލްޑިވްސް ހުޅުވުމުގެ ކުރިންވެސް މާލޭގައި ބައިނަލްއަގްވާމީ ތިން ބޭންކެއް ހިނގަމުން އައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 1974 ވަނަ އަހަރު ހުޅުވި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި 1976 ވަނަ އަހަރު ހުޅުވި ހަބީބް ބޭންކާއި އަދި 1981 ވަނަ އަހަރު ހުޅުވި ބޭންކް އޮފް ސިލޯން ކަން ފާހަގަ ކުރައްވާ އެ ބެންކުތައް ހުރި ނަމަވެސް ރާއްޖޭގެ އާންމު ރައްޔިތުންނަށް ބޭންކެއްގެ ބޭނުންތެރިކަން ގަބޫލުކުރެވި ބޭންކަކުން މުޖުތަމައަށް ލިބެންޖެހޭ ހަގީގީ މަންފާ ފެންނަން ފެށީ ބީއެމްއެލް ހުޅުވުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގައި އެކަންޏެއް ނޫން، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުސަތުތަކުގައި ވެސް މި ބޭންކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރުން ހިންގާ ހިލޭ އެހީގެ ސްކީމްތަކާއި ލޯނު ސްކީމްތަކުގެ ހުރިހާ ކަންކަމެއް ބަލަހައްޓައިދީ ހިންގަނީ މި ބޭންކުން. ހާއްސަ ކޮށް އަޅުގަނޑުމެންނަށް ދާދިފަހުން ކުރިމަތިވި އާލަމީ ވަބާގެ ތެރޭގައި، މި ބޭންކް އަދާކުރަމުންދިޔަ ދައުރު އަޅުގަނޑު ފާހަގަކޮށް، ބޭންކުގެ ހިންގުންތެރިންނަށް ޝުކުރުވެސް އަދާކުރަން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.