މިއީ ތަފާތު: ނަޝީދަށް ހިނދުކޮޅެއް، ގޮޓާބަޔާއަށް 24 ގަޑިއިރު!

ގައުމި އޮބި އަޅައި ބާއްވައިގެން މަހިންދާ ޔާޕާ އަބޭވަރުދަނާ ކަންކަން ކުރެއްވޭނެ އެވެ. އެކަމަކު ވަރަށް ބޮޑަށް ވިސްނުންތެރިކަން ބޭނުން ކުރައްވައި ގާނޫނުގެ ތެރެއިން ފަހަރަކު ފިޔަވަޅެއް އަޅުއްވި އެވެ. މިރަށު މީހުން "ހަތެއް ފެބުރުއަރީ" ގައި އުޅެގަތް ގޮތަށް އަވަސް އަރުވައެއް ނުލައްވަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އިސްތިފާ ސިޓީ ހިފައިގެން އޭރު އާންމުންގެ ދެމީހަކު ސިފައިންގެ އޮފިސަރަކާއެކު މަޖިލީހުގެ އިދާރާއާ ދިމާއަށް ބަރަށް ހިނގަނީ

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާއަކީ "ބަލި" އެ ލަފުޒު ދެ ގޮތަށް ވެސް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫނެވެ. ލަންކާގެ އަހުލީ ހަނގުރާމަ ނިންމަން ހިފި އިރު. އޭނާ އިސްވެ ހިންގި ހަރަކާތްތަކުގައި އަމިއްލަ ނަފުސަށް ނިސްބަތްކޮށް ދެއްވީ "ޓާމިނޭޓާ" ގެ ނަމެވެ. އަދި ފަހުން ވަނީ އެ ނަން ބަދަލުކޮށް "ކުޑަ ސައިތާނު" ގެ ނަން ދެއްވި އެވެ. ލަންކާގެ ނަޒަރުން ގޮޓާބަޔާއަކީ ހަނގުރަމައިގެ ހީރޯއެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ގޮޓާބަޔާ ބަލިވެ ނިމިގެން އެ ދިޔައީ އެވެ. ތާރީހުތަކެއް ވެސް ޖަހައިދީފަ އެވެ.

އެއް ކަމަކަށް ރައީސް ގޮޓާބަޔާއަކީ، ލަންކާއަށް 1948 ގައި މިނިވަންކަން ލިބުނު ފަހުން ރައްޔިތުން އިންތިހާބު ކުރި، އަށް ވަނަ ރައީސެވެ. ގޮޓާބަޔާ ވެވަޑައިގަތީ ގައުމުގެ ތާރީހުގައި ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވުނު ހަމައެކަނި ރައީސަށެވެ. އަދި ވެރިކަމުގައި ހުންނަވައި ރައްޔިތުންނަށް ފިއްލަވައި ގައުމު ދޫކުރެއްވި ފުރަތަމަ ރައީސަކީ ވެސް އެއީ އެވެ. އީމެއިލް ސިޓީއަކުން އިސްތިއުފާ ދެއްވި އެ ގައުމުގެ ރައީސަކީ ވެސް ގޮޓާބަޔާ އެވެ.

ސްރީލަންގައި މަގުމަތިވެފައި ތިބި 21 މލިޔަން މީހުނަށް ފިއްލައިވެގެން ގޮޓާބަޔާ ސިންގަޕޫރަށް ވަޑައިގަތީ ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެހީތެރި ކަމާއެކު ރާއްޖެ ގެނެސް 33 ގަޑި އިރަށް ރާއްޖޭގެ ފަސް ތަރީގެ ބޮލިފުށީގައި ފޮރުވައި ދިނުމަށް ފަހު "މިލަޓަރީ އަތުލަފި ކުރުމަކުން ފިރުމައި ދީ"، ސައުދީއާގެ ބޯޓެއްގަ އެވެ. ދިވެހި ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުން މަޖިލީހަށް އެއީ ފަހުރެއް ކަމަށް ވެފައި އޮތަސް ލަންކާގެ 21 މިލިއަން މީހުންނަށް އެކަންވީ ރަހުމަތްތެރިޔަކު ކުރި ވަރަށް ނާތަހުޒީބު ކަމަކަށެވެ. އަދި އެމީހުން ހިތު ޖެހުނު އަމަލަކަށެވެ. ލަންކާ މީހުން ބުނާ ގޮތުން "ދިވެހި ސަރުކާރުގެ އެ އަމަކު ހަނދާނުން ކެހިގެން ނުދާނެ ގޮތަކަށް ހިތުގައި ބާއްވާނެ" އެވެ.

ގޮޓާބަޔާ ފިއްލެވީ އިސްތިއުފާގެ ސިޓީ މިދިއަ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވައި އިސްތިފާ ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދެއް އޮއްވަ އެވެ. ނަމަވެސް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ފަހު ދިވެހިންގެ އޯޒެން ރިޒާވް ބޮލިފުށީގެ ޕްރައިވެޓް ވިލާއަށް އަނބިކަނބަލުން، އިއޯމާ ރާޖަޕަކްސާ އާއި އަރިސް ދެ ބޮޑީގާޑުންނާއެކު ވަދެވަޑައިގަތުމަށް ފަހު ނިންމެވީ، ފަހު ނުވަތަ މެދުތެރެއިން ޔަގީންކަން ލިބި ވަޑައިގަންނަވާ މަންޒިލަށް ވަޑައިގަތުމަށް ފަހު ނޫނީ އިސްތިއުފާގެ ސިޓީއެއް ނުލިޔުއްވާށެ. އަދި ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވާން ކުރީން ސޮއި ކުރައްވާފައިވާ ލިޔުން ލޯޔަރުގެ އެހީގައި ހިފެހެއްޓެވި އެވެ.

މަހިންދާ ޔާޕާ އަބޭވަރުދަނާ

ދިވެހިން އަޅައި ނުގަތް ކުޑަކުޑަ ކަމެއް އެކަމަކު މުހިންމު ކަމެއް

ފަސްތަރީގެ ބޮލިފުށީގެ ޕްރައިވެޓް ވިލާއެއްގައި ގޮޓާބަޔާ ހޭދަ ކުރެއްވީ އަރާމު ވަގުތޮޅަކަށް ވުރެ ބޮޑަށް ހާސް ކަމުގައި ދެކޮޅަށް ހިންގެވި ގަޑިގަތަކެވެ. އިންޑިއާ އަޑީގައި އޮވެގެން ރާއްޖެ އާއި ސައުދީގެ އެހީތެރި ކަމާއެކު ސިންގަޕޫރުގެ ޗަންގީ އެއާ ޕޯޓުން ޔަގީންކަން އޮތް ޕްރޮޓޮކޯލްގެ ތެރެއަށް ވަދެ ވަޑައިގަތުމާއެކު ލަހެއް ނުކުރައްވާ ރައީސް ގޮޓާބަޔާ އިސްތިއުފާގެ ލިޔުން ހިމެނޭ ގޮތަށް އީމޭލެއް އެބަ ފޮނުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރުދަނާއަށް ފޯނު ކޯލަކުން ދެންނެވި އެވެ. މަހިންދާ ޔާޕާ އަބޭވަރުދަނާ އެކަން މަޖިލީހުގެ އިދާރާގެ ސެކްރެޓޭރިއެޓް މެދުވެރިކޮށާއި އަމިއްލަފުޅަށް އިއުލާން ކުރެއްވި އެވެ.

އެހިސާބުން ލަންކާގެ މަގުމަތީގައި އުތުރި އަރަމުން ދިޔަ މުޅި ރައްޔަތް އިންތިޒާރުކޮށް ވަގުތު ގުނާން ފެށީ ރައީސް ގޮޓާބަޔާގެ އިސްތިއުފާގެ ސިޓީ އަށެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔަ އެ ސިޓީ މިދިއަ ބުރާސްފަތި ދުވަހު އީމެއިލްގެ ޒަރީއާއިން ޑިސްޕެޗްވެ މަހިންދާ ޔާޕާ އަބޭވަރުދަނާގެ އަތްޕުޅަށް އެރި އެވެ. އެކަން ކަށަވަރުން ވުމުން ރައްޔިތުން ގޮވަމުން ގެންދިޔައީ "ލަސްކޮށް އިސްތިއުފާ އިއުލާން ކޮށްދޭށޭ" އެވެ. އެހެން ނަމަވެސް މަހިންދާ ޔާޕާ އަބޭވަރުދަ ވިސްނުން އިސް ކުރައްވައި ވިދާޅުވީ ކީކޭ ކަމަށްތޯ އެވެ؟

ލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ

އޭނާ ވިދާޅުވި އެވެ: "މިވަގުތު ސިންގަޕޫރުގައި ހުންނެވި ރައީސް ގޮތަބަޔާގެ އިސްތިއުފާ ހިމެނޭ އީމެއިލް ސިޓީ ގާނޫނު ހަދާ މަޖިލީހަށް ވަދެއްޖެ އެވެ! ދެން ރައީސް ގޮޓާ ބަޔާގެ އިސްތިއުފާ ވީހާވެސް އަވަހަށް ރަސްމީ ވެގެން ހިނގައި ދާނެ އެވެ. އެކަމަކު އޭގެ ކުރިން ގާނޫނުން އަޅުގަނޑު ކުރާން ލާޒިމް ކުރާ ރަސްމީ މަސައްކަތެއް އެބައޮތެވެ. އެއީ ރައީސް ގޮޓާބަޔާގެ ފަރާތްޕުޅުން މި ލިބުނު އީމެއިލް ސިޓީއަކީ ސައްހަ، ޔަގީން ސިޓީއެއްތޯ ޝަައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމުގެ މަސައްކަތެކެވެ. އެކަން އޮތީ އަޅުގަނޑުގެ ކޮނޑުގައި އެޅިފަ އެވެ. އެކަން ކުރާން އަޅުގަނޑަށް ވަގުތު ދޭށެވެ! އަދި މިކަމަށް ނަގާ ވަގުތު ދިގުލައިގެން ދިޔަ ނަމަވެސް ކެތްތެރިކަން އިސްކޮށް ދޭން ވާނެ އެވެ!"

އުމުރުފުޅުން 76 އަހަރުގެ މަހިންދާ ޔާޕާ އަބޭވަރުދަނާ ނިސްބަތްވެ ވަޑައިގަންވަނީ ސްރީލަންކާގެ ޕޮޑުޖަނަ ޕެރަމޫނާ ޕާޓީއަށެވެ. މަހިންދާ ޔާޕާ އަބޭވަރުދަނާގެ އެ ނިންމެވުމަކީ ހަމައެކަނި ސްރީލަންކާގެ 21 މިލިއަން މީހުނާ ހަމައަށް ދިޔަ މެސެއްޖެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. ހާއްސަކޮށް ގޮޓާބަޔާ ފޮރުވައިދިން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެކެވެ. އޭނާގެ ވާހަކަ ކުރުވިޔަސް ރާއްޖެއަށް އެޕްލައި ކުރުމުން ވަރަށް ދިގު ވާހަކައަކަށް ވެދާނެ ވެސް މެސެޖެކެވެ.

ގޮޓާބަޔާގެ އިސްތިއުގާ ސިޓީ ހިމެނޭ އީމެއިލްގެ ސައްހަކަށް ޝައްކެތް ނެތް މިންވަރަށް ކަށަވަރު ކުރަން މަހިންދާ ޔާޕާ އަބޭވަރުދަނާ ގާތްގަނޑަކަށް 24 ގަޑި އިރު ނެންގެވި އެވެ. އަދި "ހެޑް ޓް ހެޑް" ރައީސަށް އިތުރު ފޯންކޯލެއް ކުރައްވައި ހުރިހާ ޝައްކެއް ފިލުވައި ލީގަލް ޑޮކިއުމެންޓޭޝަން ފުރިހަމަ ކުރެއްވި އެވެ.

އެކަމަކު މީގެ 10 އަހަރާއި ފަސް މަހާއި 10 ދުވަސް ކުރީން ރާއްޖެއާ ލައްވާލީ "ފެބުރުއަރީ ހަތެއް" ގައި ދިވެހިރާއްޖޭގައި އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ސަރުކާރުގެ އާންމު ނިޒާމް މަގުމަތީން އެކޮޅު ކޮޅުން ޖަހައި ސަރުކާރު "ވައްޓާލި" އެވެ. ދެން އެ މަނިކުފާނަށް އިސްތިއުފާ ދެއްވާން މަޖުބޫރުވެ ވަޑައިގަތެވެ. ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ކަމަށް ބުނާ ސިޓީއެއް އާންމުންގެ ބަޔަކު ހިފައިގެން މަޖިލީހުގެ އިދާރާއަށް ދިއުމުން އޭގެ ސައްހަން ކަށަވަރު ކުރާން އޭރުގެ ރައްުޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަސް މިނެޓަށް ވެސް މަޑުކޮށެއް ނުލެއްވި އެވެ. ސައްހަތޯ ނޫންތޯ ވެސް ބައްލަވައި ނުލައްވާ އަމިއްލަފުޅަށް އިސްވެ ބެއްލެވީ އާ ރާއީސަކު ވެރިކަމަށް ގެނައުމަށެވެ. ގާނޫނު ބުުނާ ގޮތާ ހިލާފަށް އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިލާލީގޭގައި ފެންވަރުއްވާން ސައިބޯނި އުނގުޅުއްވައިގެން ހުންނަވަނިކޮށް ކޯޓް ލައްވައިގެން ގެންދަވާ ރައީސް ކަމުގެ ހުވައި ލައި ދެއްވީ އެވެ. އޭރު ވެސް މިހާރު ވެސް ދިވެހި ރައްޔިތުންގެ ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީގެ ކަންކަމުގެ ތެރެއަށް އާންމު ބަޔަކު ވަދެ ގެނެ އެކަން ކޮށްފައި ވަނީ ގާނޫނީ ނިޒާމުގެ ތެރެއަކުން ނޫނެވެ.

ގޮޓާބަޔާގެ އިސްތިއުފާ، ލަސް ނުކޮށް އިއުލާން ކުރުން މަހިންދާ ޔާޕާ އަބޭވަރުދަނާ އަށް މާ އައުލާންކަން ބޮޑެވެ. ސަބަބަކީ ގައުމެއް "އަޑިއަށް ދަނީ" އެވެ. އެކަމަކު އެހެނެއް ނުހެއްދެވި އެވެ. އެ މަރުހަލާ ގެންދެވީ ޑިއު ޕްރޮސެސްގަ އެވެ.

އޭނާ އަމަލު ކުރެއްވި ހަރުދަނާ ގޮތް ދުނިޔެއަށް / ހާއްސަކޮށް ރާއްޖެއަށް އަންގައި ދިނީ ގައުމުތައް ކޭއޯސް އަށް ގޮސް / ފާލުން ނެއްޓި ހަލަބޮލި ވިޔަސް އަދި ސަރުކާރުތަކުގެ ސާބިތުކަން ގެއްލި މަގުމަތީން ގުޑައިގެން ގޮސް ވެއްޓި އިނދަޖެހިގެން ދާއިރު ވެސް އިންސްޓިޓިއުޝަނަލް ލެވެލްގައި އެންމެން ގަބޫލުކޮށް ހިފަހައްޓަން ޖެހޭ މިންގަނޑުތަކާއި އުސޫލުްތައް މަހިންދާ ޔާޕާ އަބޭވަރުދަނާ ހިފެހެއްޓެވި ކަމެވެ. ރައްޔިތެއް ކެކި އޮތަސް އިންސްޓިޓިއުޝަން ޗާޓުން ބޭރުން ވާން ނުޖެހޭ ކަމެވެ.

ފެބުރުއަރީ 7 ގައި ރައީސް ވަހީދަށް ހުވައިލައި ދެއްވަނީ

މިރަށުގައި އެހެން ހެއްޔެވެ؟ ރަކަރަކަ ލާލައި އޮތް ރައްޔިތެއްގެ މެދު ތެރެއަށް ފުންމާލައި ތިން މީހަކު -- ނޫން -- އަބްދުﷲ ރިޔާޒާއި މުހައްމަދު ނާޒިމާއި މުހައްމަދު ފަޔާޒު ރައީސް އޮފީހުގެ ލީގަލް އެފެއާޒުގެ އޮފިޝަލުންގެ މައްޗަށް ގަދަވެގަނެ، ސިޓީއެއް "ޖަހައިގަތީ" އެވެ. ތެދެކެވެ؛ ރައީސް ނަޝީދު އިސްތިއުފާ ދެއްވި އެވެ. އެހައި ސާފު އިސްތިއުފާއެއް ދުނިޔޭތާކު ރައީސަކު ދެއްވި ހެނެއް ވެސް ހީއެއް ނު އެވެ. އެކަމަކު އެއްވެސް ހައިސިއްޔަތެއް ނެތް ދެ ތިން މީހުން އިސްތިއުފާގެ ސިޓީ "ޖައިގަނެގެން" މަޖިލިސް ރައީސާ ހަމައަށް ދިއުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އަދި އެ މީހުން ގެދިޔައަސް ހަމަ ބަލައިވެސް ނުލައްވާ އަވަސް އަރުވާލަވައިގެން ޝާހިދު، ނައިބު ރައީސާއި އުއްތަމަ ފަނޑިޔާރަށް ކޯލް ކުރައްވާ ގެންދަވައި މަގާމުގެ ހުވާލައި ދެއްވުން އެއީ ކޮން ކަހަލަ ކަމެއް ހެއްުޔެވެ؟ އެކަމަކު ކަމަކަށް ބޭންވެފައި ތިބުމުން ހެވެއް ނުބައެއް ބަލައި ނުލައްވާ އެ ގޮތަށް އެކަން ކަން ކުރެއްވި މީހާއަކީ މި ރަށުގައި ރުކުން ހަމަވާ މީހެކެވެ.

ލަންކާގެ ވެރިކަމުގެ ނިޒާމަކީ ވަރަށް ފާޑެއްގެ ހައިބްރިޑެކެވެ. ތަރުތީބު އޮންނަ ގޮތް ބަލާލާއިރު އީމޭލް ސިޓީގެ އިސްތިއުފާއެއް އައުމާއެކު ވެސް ގޯޓާބަޔާ ރާޖަޕަކްސާއަށް ދައުލަތުގެ ވެރިއެއްގެ ގޮތުގައި އޮނަން ގާނޫނީ އިމްތިޔާޒުތައް ޕޯސް ވެގެން ދެއެވެ، އެ ނޫނަސް އެތައް ކަމެއް އެ ހުރިތަނެއްގައި ހުއްޓެން ޖެހެ އެވެ. އިންޓެރިމް ރައީސްގެ މަގާމުގައި ބޮޑުވަޒީރު ލެވެ އެވެ. ލަންކާގެ ގާނޫނު އަސާސީގެ ދަށުން ބޮޑުވަޒީރު ވެގެން ދަނީ ރައީސް އިސްތިއުފާ ދެއްވައިފި ހާލަތެއްގައި ކެއާޓޭކާއަށެވެ. އޮބި އަޅައި ބާއްވާ އެކަންކަން މަހިންދާ ޔާޕާ އަބޭވަރުދަނާ ކުރެއްވޭނެ އެވެ. އެކަމަކު ވަރަށް ބޮޑަށް ވިސްނުންތެރިކަން ބޭނުން ކުރައްވައި ގާނޫނުގެ ތެރެއިން ފަހަރަކު ފިޔަވަޅެއް އަޅުއްވި އެވެ. މިރަށު މީހުން "ހަތެއް ފެބުރުއަރީ" ގައި އުޅެގަތް ގޮތަށް އަވަސް އަރުވައެއް ނުލެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.