މިއުވާން މިއަދު ވިދާޅުވެފައި ވަނީ މި ދަތުރުފުޅުގައި ރަސްމީ މަސައްކަތް ކުރެއްވި ނަމަވެސް ހަރަދު ކުރާނީ އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގަތް ނަމަވެސް، ބައެއް ރަސްމީ މަސައްކަތްތައް ކުރެއްވުމަށް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އައްޑޫ އަތޮޅު ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯހުގެ ޕާސަނަލް ޕެރޭޑްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއުވާން މިއަދު ވިދާޅުވެފައި ވަނީ މި ދަތުރުފުޅުގައި ރަސްމީ މަސައްކަތް ކުރެއްވި ނަމަވެސް ހަރަދު ކުރާނީ އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ކަމަށެވެ. ކެމްޕޭނަށް ކުރައްވާ އެއްވެސް ދަތުރުފުޅެއްގައި ސަރުކާރުން ހަރަދު ނުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިއުވާން އެހެން ވިދާޅުވެފައި ވަނީ ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން ރައީސް ކެމްޕޭނު ކުރައްވަމުން ގެންދަވާކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައި ވާތީ ނޫސްވެރިޔަކު ސުވާލުކުރުމުން އެކަމަށް ރައްދު ދެއްވަމުންނެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކޮންމެ ތަނެއްގައި ހުންނެވިޔަސް ސެކިއުރިޓީ ޓީމާއި ސަޕޯޓް ޓީމް އަބަދުވެސް ހަރަކާތްތެރިވާނެ ކަމަށް މިއުވާން ވިދާޅުވެފައިވެ އެވެ.
"ރައީސް ރަށްރަށް ވަޑައިގެން އެކި ބައްދަލުވުންތައް ބާއްވަވާނެ. އެކަމަކު ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރައްވާނެ،" މިއުވާން ވިދާޅުވި އެވެ.
ކެމްޕޭނު ދަކުރެއްވުމަށް ރައީސް އަދި ނަޝީދު ވެސް މިހާރު ވަނީ އަތޮޅުތެރެއަށް ދަތުރުކުރައްވަން ފައްޓަވައިފަ އެވެ.