ރޮހިންޔާ ދަރިކޮޅުގެ 112 މީހަކު ފުރަނިކޮށް ހުއްޓުވައި ޖަލަށް

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަމާޒުކޮށް މިއަންމާގެ އަސްކަރިއްޔާއިން އަނިޔާވެރިވުން ހައްދުފަހަނަޅައި ދާން ފެށުމުން ލައްކައެއްހާ މީހުން 2017 ވަނަ އަހަރު އަވަށްޓެރި ބަންގްލަދޭހަށް ހިޖުރަ ކޮށްފައި ވެއެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުން އާންމުކޮށް ހިޖުރައިގެ ދަތުރު ކުރާ އޮޑިއެއް

ބަރުމާ / މިޔަންމާގައި މައިނޯރިޓީއެއްގައި އޮންނަ ރޮހިންޔާ މުސްލިމުންގެ ޖަމާއަތެއް ކުޑަކުދީން ވެސް ހިމެނޭ ގޮތަށް، 112 މީހަކު ޖަލަށް ލައިފި އެވެ. އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނެ އެވެ. އެމީހުން ހުއްޓުވައި ހައްޔަރުކޮށް ޖަލަށްލާފައި ވަނީ އަނިޔާވެރި ކަމަށް ކެތް ނުވެގެން ފުރައިގެން ގައުމުން ބޭރުވާން އުޅެނިކޮށެވެ. ހައްޔަރަށް ނެގި 12 ކުދިންގެ ތެރެއިން ފަސް ކުދިންނަކީ 13 އަހަރުން ދަށުގެ ކުދިންނެވެ.

ހައްޔަރު ކުރި މީހުނަށް މިޔަންމާގެ ދެކުނު އަޔެޔާވާޑީ ސަރަހައްދުގެ ބޮގާލޭގެ ކޯޓަކުން އެ އެންމެން ޖަލަށްލާން ހުކުމެއް އިއްވީ ޖެނުއަރީ ހަ ވަނަ ދުވަހު އެވެ.

މިއަންމާ ސަރުކާރުގެ "ގްލޯބަލް ނިއު ލައިޓުން" އަންގާރަ ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ 112 މީހުން ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހު ކަނޑުމަތީގެ އިންޖީނު އުޅަނދެއްގައި ރަސްމީ އެއްވެސް ލިޔުމަކާ ނުލައި ފެނިގެނެވެ. މި އެންމެންގެ ތެރެއިން ކުދީން ޖަލަށްލާފައި ވަނީ ދެ އަހަރަށެވެ. ދޮށީ ކުދިންނަށް ތިން އަހަރަށެވެ. ހައްޔަރަށް ނެގި ކުދީން މިހާރު ވަނީ ޒުވާނުންގެ ތަމްރީނު ސްކޫލަކަށް ބަދަލުކޮށްފަ އެވެ. ޖަމާއަތުގައި ހިމެނޭ ބޮޑެތި މީހުން ތަންފީޒު ކުރާނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގައި މުސްލިމް ރޮހިންޔާ މީހުނަށް ރައްޔިތުކަމާއި އެހެނިހެން އަސާސީ ހައްގުތަކެއް ނުދެ އެވެ. އަދި އެމީހުންނަކީ ދެކުނު އޭޝިއާގެ "ގަވާއިދާ ހިލާފު ހިޖުރަވެރިން" ކަމަށް ބަލަ އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަމާޒުކޮށް މިއަންމާގެ އަސްކަރިއްޔާއިން އަނިޔާވެރިވުން ހައްދުފަހަނަޅައި ދާން ފެށުމުން ލައްކައެއްހާ މީހުން 2017 ވަނަ އަހަރު އަވަށްޓެރި ބަންގްލަދޭހަށް ހިޖުރަ ކޮށްފައި ވެއެވެ. އަދި މިޔަންމާގައި ދެމިތިބި ރޮހިންޔާގެ ގިނަ ކޭމްޕްތަކުގައި ހަރަކާތްތެރިވުމަށް ވަރަށް ބޮޑަށް ހުރަސްއަޅާފައި ވެއެވެ. މަސައްކަތްކުރުމާއި ކިޔެވުމާއި ބޭސް ފަރުވާގެ އެހީތެރިކަން ހޯދުމުގެ ގާބިލްކަމަށް ވެސް ވަނީ ހުރަސް އަޅާފަ އެވެ.

ދުނިޔޭގެ އެންމެ އަނިޔާ ލިބޭ މައިނޯރިޓީގެ ގޮތުގައި ސިފަ ކުރާ މިޔަންމާގެ ރެފިއުޖީ ކޭމްޕްތަކުން ނެއްޓި ނުރައްކާތެރި ކަނޑު ދަތުރުތައް ކުރިއަށް ގެންދަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާ އާއި އިންޑޮނޭޝިއާ އަށް ދަތުރު ކުރުމަށެވެ. އިންޑޮނޭޝިއާގެ އެންމެ އުތުރުގެ އަޗޭ ޕްރޮވިންސަށް މަދުވެގެން 185 ރޮހިންޖާ މީހުން މިދިޔަ މަހުގެ ފަހުކޮޅު ވެސް ކަނޑުމަގުން ދިޔައެވެ. އަދި 200 އަށް ވުރެ ގިނަ މީހުން އުފުލޭ ދެ ދޯންޏެއް މިދިޔަ މަހު އަޗޭ އަށް ދަތުރު ކުރަނިކޮށް ފަރަށް ވެސް އަރާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.