ބައިޑަން އުޅުއްވަނީ މެދުއިރުމައްޗަށް ކުރައްވާ ދަތުރެއްގައި އިޒްރޭލުގަ އެވެ. މި ދަތުރުގެ އެންމެ މުހިންމު އެއް ކަމަކީ ބައިޑަން ސައޫދީއަށް ވަޑައިގަންނަ ގޮތަށް އޮތް އޮތުމެވެ. ސައޫދީއަށް ވަޑައިގެން ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން ބައިޑަން މަޝްވަރާ ކުރައްވާނެ އެވެ.
ހަތިޔާރު ނަގައި އީރާނާ ދެކޮޅަށް އެފަދަ ބާރެއްގެ ބޭނުން ކުރުން ނޫން ހާލަކަށް ދާނަމަ ސުވާލަކާ ނުލައި އެކަން ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އެކަމަކު ބައިޑަން ވިދާޅުވާ ގޮތުގައި އެ ހާލަކީ އީރާނުން ނިއުކްލިއާ ބޮމެއް އުފައްދާ ފައްކާ ކުރުމެވެ. އެފަދަ ހާލަތަކަށް ކަންކަން އީރާނުން ގެންގޮސްފިނަމަ ބަލަހައްޓައިގެން އެމެރިކާއެއް ނޯންނާނެ އެވެ.
އެމެރިކާއިން އަރަބި އެހެން ގައުމުތަކަށް ވެސް އަދި ދުނިޔެއަށް ވެސް ދީފައި އޮންނަ ތަސައްވުރަކީ މެދުއިރުމަތި ކިލަނބުކޮށް ހަރާބު ކުރަނީ އީރާނެވެ. މެދު އިރުމަތީ އެގޮތަށް ހަރާބު ވުމަކީ ބޮޑު ހަލާކަކަށް ވެދާނެ ކަމެކެވެ. ގިނަ އަރަބި ގައުމުތަކަށް އެމެރިކާ އޮންނަނީ އެ ވިސްނުން ގަބޫލު ކުރުވައި ދީފަ އެވެ. އެ ވިސްނުން ފުޅާ ކުރައްވާ ބައިޑަން ވިދާޅުވަނީ އީރާން ކަހަލަ އެންމެ ގައުމެއްގެ މަސްލަހަތަށް ޓަކައި ދޫދިނުން ނޯންނާނެ ކަމަށެވެ.
އޒްރޭލުގެ "ޗެނަލް 12" އަށް ބައިޑަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަސްކަރީ ގޮތުން އީރާނަށް ބިރުދައްކައި ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ ރޭވުން އޮތް ގޮތާ ބެހޭ ގޮތުން ސަރަހައްދީ ގައުމުތަކާ މަޝްވަރާއެއް ނުކުރެ އެވެ. އެކަމަކު ވިދާޅުވީ އީރާންގެ ރިވޮލޫޝަނަރީ ގާޑް ކޯޕްސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އީރާނާއެކު އޮތް ނިއުކްލިއާ މަޝްވަރާތަކަށް ބުރޫއެރި ނަމަވެސް އެ ނަން އޮންނާނީ ޔޫއެސް ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަން ލިސްޓްގައި ކަމަށެވެ.
ބައިޑަން މިހާރު އުޅުއްވަނީ މެދުއިރުމައްޗަށް ކުރައްވާ ދަތުރެއްގައި އިޒްރޭލުގަ އެވެ. މި ދަތުރުގެ އެންމެ މުހިންމު އެއް ކަމަކީ ބައިޑަން ސައޫދީއަށް ވަޑައިގަންނަ ގޮތަށް އޮތް އޮތުމެވެ. ސައޫދީއަށް ވަޑައިގެން ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން ބައިޑަން މަޝްވަރާ ކުރައްވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.