މިދިއަ ޑިސެމްބަރު މަހު ޓޫރިސްޓުންގެ ޖުމްލަ ނަމްބަރު މައްޗެވެ. އެކަމަކު ސާވިސް ޗާޖު ދިނީ މަދުންނެވެ. އޭގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މީގައި ފޮރުވިފައިވާ ކޮންމެވެސް ކަމެއް ވާނެ އެވެ. އެކަން ބަލަން ޖެހެ އެވެ.
މިދިޔަ އަހަރަކީ ވެސް ސަރުކާރުން ކަނޑައެޅި ޓޫރިޒަމްގެ ޓާގެޓަށް ދެވުނު އަހަރެކެވެ. މުޅި އަހަރު ޖުމްލަ 1.6 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ހާއްސަކޮށް މިދިޔަ މަހު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައި ވާހަކައިގެ ސުރުހީތައް މުޅި މަސް ފެށުނީއްސުރެން މީޑިއާގައި އޮތެވެ. އެ ސުރުހީތަކުގައި އަވާގައިޖެހި ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިން ތިބީ ވަރަށް ފޮނިވެސް ވެފަ އެވެ. އުންމީދު ކޮށްގެން ތިބީ މިދިޔަ މަހު ރަނގަޅު ސާވިސް ޗާޖެއް ޖީބަށް ލާށެވެ. އެކަމަކު ޑިސެމްބަރު މަހުގެ ސާވިސް ޗާޖު ލިސްޓު ނެރުނުއިރު، މުޅި ރާއްޖެއަށް ބަލާއިރު އެވުރެޖުކޮށް ސާވިސް ޗާޖު އޮތީ ނިސްބަތުން ދަށްކޮށެވެ.
ސާވިސް ޗާޖު ނަގަން ލާޒިމެވެ. އާ އަހަރަށް ދާން އޮންނަ ފޯރިގަދަ ޑިސެމްބަރު މަހު ސާވިސް ޗާޖު ސަބަބަކާ ހުރެ ދަަށެވެ. މި ސަބަބު ގުޅިފައިވާ ސިއްރު ތަކެއްވެސް ވާނެ އެވެ. އެ ސިއްރުތައް ސަރުކާރުން ކިޔައި ނުދޭން އުޅޭ ސަބަބެއް ވެސް އޮންނާނެ އެވެ.
"ސާވިސް ޗާޖު ޑިސެމްބަރުގައި ދަށްވުމުގައި ވަރަށް ގިނަ ފެކްޓާތަކެއް ހިމެނޭ. މި ވާހަކަތައް އެ ބަޖެހޭ ކިޔައިދޭން. ސަރުކާރުން ކިޔައެއް ނުދޭނެ. ސަރުކާރުން ގުނަނީ ޓޫރިސްޓުން އަންނަ އަދަދު... ހަގީގަތަކީ މި ޑިސެމްބަރު މަސް މިދިޔަ އަހަރުގެ ޑިސެމްބަރަށްވުރެ ދަށް ސާވިސް ޗާޖު،" ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވި އެވެ.
ރިސޯޓު މުވައްޒަފުން ނެރެފައިވާ ޑިސެމްބަރު މަހުގެ ސާވިސް ޗާޖު ލިސްޓުގައި ވާގޮތުންނަމަ ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. މަދު އެނދުތަކެއް ހުރެ މަދު މުވައްޒަފުންތަކާއެކު ހިދުމަތްދޭ އަގު ބޮޑު އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،645 ޑޮލަރު، ގާތްގަނޑަކަށް 25,415 ދިވެހި ރުފިޔާ ދިނެވެ. މި ލިސްޓުގައި ނެތް ނަމަވެސް ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވޮލްޑޯފް އެސްޓޯރިއާ އިންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ވެސް 1،500 ޑޮލަރު، ދިވެހި ރުފިޔާއިންނަމަ 23,130ރ. ދިނެވެ.
މި ލިސްޓުގައި ދެން އޮތީ ރިޒްކާލްޓަން ރިސޯޓެވެ. ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓު މުވައްޒަފުންނަށް 2021 ގައި 1،700 ޑޮލަރަށްވުރެ މަތިން ލިބުނެވެ. އެކަމަކު މި އަދަދު ތަކަކީ ނިސްބަތުން 2021 އާ އަހަރާ ކިޔާނަމަ ދަށްވުމެކެވެ.
މިދިޔަ އަަހަރާއި އޭގެ ކުރީ އަހަރު ސާވިސް ޗާޖު ދަށް ވާހަކަ ދައްކާއިރު، ޓޫރިސްޓުންގެ ނަމްބަރަށް އައިސްފައިވާ ބަދަލުތަކަށް ބަލާނަމަ މި ބަދަލު އައުމަށް ދިމާވި ސަބަބުތަކުގެ އަންދާޒާއެއް ހޯދެން އެބައޮތެވެ. ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި 2021 ގެ ޑިސެމްބަރުގައި އައިސްފައި ވަނީ ޖުމްލަ 164,284 ޓޫރިސްޓުންނެވެ. މި ނަމްބަރު ޑިސެމްބަރުގެ 27 ގެ ނިޔަލަށް 136,839 މީހުން އައިސްފައިވެ އެވެ. ބެލެވޭ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ވެސް ޖުމްލަ އަދަދު ހުންނާނީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. އެކަމަކު ހަގީގަތުގައި ކަންވެގެން އުޅޭ ގޮތް އެނގޭނީ ޓޫރިސްޓުން އަންނަ ނަމްބަރުގެ ތެރޭން ހާއްސަ ސެގްމަންޓެއްގެ ނަމްބަރު ރަނގަޅަށް އެނަލައިޒް ކޮށްލުމުންނެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭން އެންމެ "ހައި ޕޭ" ކުރާ "ލާރި އުކާ" ބަޔަކީ ރަޝިއާ މީހުނެވެ. ބިލިއަނަރުން ގިނަ މިލިއަނަރުން މަދަކު ބައިވަރެއް އުޅޭ ރަޝިއާއިން އަންނަ ކޮންމެ މީހަކު ވެސް 2019 އާހަމައަށް ދަތުރު ކުރީ ހިތު ހުރި ގޮތަކަށެވެ. އެ މީހުން އަރާނެ "ކަޅު ލިސްޓެއް" އޭރަކު ނެތެވެ. އަންހެންވެރިން ގޮވައިގެން އެމީހުން ކަމަކީ ދަތުރު ކުރުމެވެ. ނަތީޖާއަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޝިއާ ނިސްބަތްވާ މެދުތެރޭ / ސެންޓްރަލް ޔޫރަޕުން ރާއްޖެއަށް ޖުމްލަ 21,560 ޓޫރިސްޓުން އައިސްފައި ވުމެވެ.
ރަޝިއާ އިން އެ އަހަރުގެ ޑިސެމްބަރު މަހު އެކަނި 9,037 މީހުން އައިސްފައިވެ އެވެ. އަދި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި ސަރަހައްދުން 36,007 މީހުން އައިސް 17,609 މީހުންނަށް އިތުރުވި އެވެ. ހަގީގަތަކީ ލިބޭ ސާވިސް ޗާޖުގެ ބޮޑު އަދަދު ދޭ ބަޔަކީ މި ރަޝިއާ އާއި ޔޫރަޕުން އަންނަ މީހުނެނެވެ.
ރާއްޖޭގެ އެންމެ ފަންތީގެ ރިސޯޓަކަށް އަންނަ ޓޫރިސްޓުންނަށް ހިދުމަތްދޭ މުހިންމު މަގާމެއްގައި ހުންނެވި ޓޫރިޒަމްގެ ތަޖުރިބާކާރު މުވައްޒަފަކު ވިދާޅުވި ގޮތުގައި ސާވިސް ޗާޖު ދަށްވުމުގެ އެއް ސަބަބަކީ ޓޫރިޒަމަށް އަންނަ މަހުޖަނުން މަދުވުމެވެ. އޭނާ އެ މީހުން ސިފަކުރެއްވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭން "ކްރީމް އޮފް ދަ ކްރީމް" ގެ ގޮތުގަ އެވެ.
ގިނައިން ފައިސާ ދޭ މީހުންގެ އަދަދު ބޮޑުތަން މި ޑިސެމްބަރުގައި ދަށެވެ. މިހާރު ސާވިސް ޗާޖަށް ދަށްވުމެއް އައިސްގެން ވާހަކަ ދައްކާއިރު އެނގެނީ ޓޫރިޒަމް އާމްދަނީ އޮތީ މި ސެގްމަންޓް ހާއްސަކޮށް ޔޫރަޕު މާކެޓު ރަނގަޅު ކުރެވިގެން ކަމެވެ.
މި ހައި އެންޑް ސެގްމަންޓުގައި ގިނައިން ހިމެނެނީ ރަޝިއާ މީހުންނެވެ. ރަޝިއާގެ މަހުޖަނުންނެވެ. މީގެތެރޭން ގިނަ ބަޔަކީ ރާއްޖޭގައި އެ މީހުންގެ "ސެކަންޑް ހޯމް" ހަދައިގެން ސުޕަ ޔޮޓް ރާއްޖޭގައި ބާއްވައިގެން އުޅުނު މީހުނެވެ. ނަމަވެސް ރަޝިއާ އިން ޔޫކްރޭން "ހިފުމާ" އެކު މި މީހުންނަށް ދުނިޔެ ތާށިކޮށްލި އެވެ. އަދި އެމެރިކާ ފަދަ ގައުމުތަކުގެ "ވޮޗް ލިސްޓް" ށް އެމީހުން ލައިގެން ފަސްފަހަތުން ދާން ފެށުމުން އެމީހުން ހިތުގައި ބިރެއް އޮތެވެ.ހާއްސަކޮށް ރަޝިއާގެ ހެކަރެއް ރާއްޖޭގެ މައި އެއާޕޯޓުން އެމެރިކާގެ ސީއައިއޭއިން "އުފުލާލައިގެން ގެންދިޔަ" ހިސާބުން ރަޝިއާ މީހުން ތިބީ ހޭލަ އެވެ. އެހެންވެ ރާއްޖެ ފަދަ "އެޅިހާ ބަތަކަށް ރިހަ" ވެފައު ތިބޭ ބަޔަކު އުޅޭ ތަނަކަށް ދާން އެ މުއްސަނދި މީހުން ބޭނުމެއް ނުވެ އެވެ. އެ މީހުން ގޮސް ތިބީ ދުބާއީގައި އެވެ. އެ މީހުންގެ ޔޮޓު ފަހަރުގެ "ސޭފް ހެވަން" އަކީ ދުބާއީ ބަނދަރެވެ.
"އާއްމު ޓޫރިސްޓުން ދުވާލަކު 2،000 ޑޮލަރު ހޭދަ ކުރާނަމަ ރަޝިއާ މީހުން ކޭޝް ގުނާލާފައި އެބަދޭ ދޭ 20،000 ޑޮލަރު. މި މީހުން މިހާރު ރާއްޖެއަކަށް ނާދޭ، މިއީ ތަފާތަކީ! މި މީހުން މަދުވާނަމަ މުޅި ޓޫރިޒަމްގެ ޖުމްލަ އާމްދަނީއަށް ވެސް އަސަރު ކުރާނެ،" ރިސޯޓުވެރިޔަކު ވިދާޅުވި އެވެ. ސަރުކާރުން ރިސޯޓަށް ދަތިކޮށްފާނެތީ ނަން ޖަހާކަށް ނުކެރެ އެވެ.
އާއްމު ޓޫރިސްޓުން މީހާ 2،000 ޑޮލަރު ހޭދަ ކުރާއިރު، ރަޝިއާ މީހުންކޭޝް ގުނާލާފައި އެބަދޭ 20،000 ޑޮލަރު. މި މީހުން މިހާރަކު ރާއްޖެ އަކަށް ނާދޭ،
ރިސޯޓުވެރިއެއް
ސާވިސް ޗާޖު ދަށްވުމުގެ އަނެއް ސަބަބަކީ "ވޯލްޑް ކަޕް" ހުމެވެ. މިއީ ކުޅިވަރުގެ މަޖާގަނޑަކަށް ވިޔަސް ޓޫރިޒަމް ސިނާއަތު އޮތީ ބިރުންނެވެ. އެހެންވެ ގިނަ ރިސޯޓު ތަކުން އެނދުތައް ފުރަން "ހުސްކުރާ ސޭލް" އެޅުވި އެވެ. އަނެއްކޮޅުން ރަޝިއާ ހަނގުރާމައާކު ތެލުގެ އަގު މަތިވެ ދުނިޔެއަށް ފެތުރުނީ އިންފްލޭޝަންގެ ބޮޑު ރާޅެކެވެ.
ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ސާވިސް ޗާޖު ދަށްވީ ރިސޯޓުތަކުން އެޅުވި ބޮޑު ޑިސްކައުންޓުތަކުގެ ސަބަބުން އަގު ދަށްވެގެނެވެ. އަނެއް ސަބަބަކީ ޖުމްލަ ނަމްބަރު ވެސް މި އަހަރު ދަށްވެފައި ހުރުމެވެ.
"ބައެއް ރިސޯޓު ތަކުން 40 ޕަސެންޓަށް އަގު ވައްޓާލި. އެހެންވެ އަގު ދަށްވެގެން ދިޔައީ. އެހެންވީމަ ސާވިސް ޗާޖު ވެސް ދަށްވާނެ،"
ޑިސެމްބަރު މަހު ސާވިސް ޗާޖު ދަށް ނަމަވެސް މި މަހަށް ކުރެވޭ އުންމީދުތައް މައްޗެވެ. ސަބަބަކީ ޑިސެމްބަރު މަހަށްވުރެ ބުރަދަން ހުރި ގިނަ ބަޔަކު މިހާރު ރާއްޖެ އައިސް ތިބުމެވެ. އެއީ ރަޝިއާގެ މަހަޖުންނަށް ނުވި ނަމަވެސް އަދި މާނަން މަޝްހޫރު ބަޔަކަށް ނުވިއަސް ފައިސާވެރިންގެ ގިނަ ބަޔަކު ރާއްޖޭގައި މިހާރު ތިބުމަކީ ޓޫރިޒަމަށް އޮތް ހެވެކެވެ. ރިސޯޓުވެރިންނަށް އޮތް މޮޅެކެވެ. އެހެންވެ އުންމީދަކީ މިމަހަ ބައެއް ރިސޯޓުތަކަށް ލިބޭ ސާވިސް ޗާޖުގެ ނަމްބަރު 3،000 ޑޮލަރުން މައްޗަށް ޖެހިލުމެވެ. އެކަމަކު އާ އަހަރުގެ މަޖާގަނޑު ނިމުމުން ދެންވާނެ ގޮތަކާމެދު ސުވާލު އުފެދެ އެވެ. އެކަމަކު އާއަހަށްފަހު ވެސް ޖުމްލަ ނަމްބަރު ނުވެއްޓި ހިފެހެއްޓި ދާނެ އެވެ. ސަބަބަކީ ޗައިނާ މާކެޓު ރާއްޖޭގައި ދިރޭން ފެށުމެވެ.