މެޗު ހިނގި އިރު ވެސް އަދި މެޗަށް ފަހު ވެސް ރެފްރީގެ ނިންމުންތަކާ ހެދި ބާސާގެ ކޯޗު ޒަވީ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
ލަލީގާއި ރޭ އެސްޕަނިޔޯލް އާއި ބާސެލޯނާ ވާދަ ކުރި މެޗް 1-1 އިން ހަމަހަމަ ވެއްޖެ އެވެ. ޑާބީގެ މި ނަތީޖާ ނުކުތް ނަމަވެސް ބާސަލޯނާ އޮތީ އަދިވެސް ލީގް ލީޑަރެއްގެ ގޮތު އެއްވަނައިގަ އެވެ. އެއީ ކުޅުނު 15 މެޗުން އެ ޓީމަށް 38 ޕޮއިންޓް ލިބިގެނެވެ. އެ އަދަދަށް ޕޮއިންޓް ލިބިގެން ރެއާލް މެޑްރިޑް އޮތީ ދެވަނައިގަ އެވެ. ބާސާ ކުރި ހޯދަނީ ގޯލްގެ ތަފާތަކުންނެވެ.
ތިން ވަނައިގައި 29 ޕޮއިންޓާއެކުގައި އޮތީ ރެއާލް ސޮސެއިޑާޑެވެ. ރޭ ބާސާ އަތުން ޕޮއިންޓެއް އަތުލި އެސްޕަނިއޯލް އޮތީ 15 މެޗުން 16 ވަނައިގަ އެވެ. ރޭގެ މެޗުގައި ބާސާއަށް ގޯލެއް ޖަހައި ދިނީ މެޗް ފަށައިގެން ގިނަ އިރު ނުވަނީސް ހަތް ވަނަ މިނެޓުގައި މާކޮސް އަލޮންސޯ އެވެ. އެސްޕަނިއޯލް އިން ހަމަކުރީ މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލް ތެރެއަށް ޖަހައިގެނެވެ.
ރޭގެ މެޗުގައި ރެފްރީ އެންޓޯނިއޯ 17 ރީނދޫ ކާޑާއި ދެ ރަތް ކާޑު ދެއްކި އެވެ. ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާއަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ކުޅުމުން ބޭރު ކޮށްލާފަ އެވެ. އަދި އެސްޕަނިއޯލްގެ މިޑްފީލްޑަރު ވިނީޝިއަސް ސޫޒާއަށް ވެސް ދެ ރީނދުލާއެކު ރަތެއް ދައްކާ ދަނޑުން ބޭރުކޮށްލި އެވެ. މެޗު ހިނގި އިރު ވެސް އަދި މެޗަށް ފަހު ވެސް ރެފްރީގެ ނިންމުންތަކާ ހެދި ބާސާގެ ކޯޗު ޒަވީ ހުރީ ހިތްހަމަ ނުޖެހިފަ އެވެ. ރެފްރީ ވަނީ ޒަވީއަށް ވެސް ރީނދުލެއް ދައްކާފަ އެވެ.