"އެންމެ ފްލެޓެއްވެސް ނޭޅޭ، ދޭން ބުނި ގޯތިތައް ހުރީ ކަނޑުއަޑީގައި"

މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މި ސަރުކާރުން ވީ މުހިންމު ވައުދެކެވެ. އެކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބެއް ބޯމަތިވީއިރު މާލެ މީހުންނަށް ދޭން ވައުދުވި ގޯތިތައް ހުރީ ކަނޑުއަޑީގަ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، މި ސަރުކާރުގެ "ބިންވެރިޔާ - ގެދޮރުވެރިޔާ" ޕްރޮގްރާމް އިފްތިތާހު ކުރުމުގައި ވާހަކަފުޅު ދައްކަވަނީ

ބޯހިޔާވަހިކަން ހައްލު ކޮށްދޭން ވައުދުވެ ވެރިކަމަށް އައި މި ސަރުކާރުން މިހާތަނަށް އެންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ފޯރު ކޮށްދީފައި ނުވާ ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅުވާ ނަޝީދުގެ ފާޑުވިދާޅުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް އަމާޒު ކުރެއްވީ ރޭ އޮތް "އަންނި 2023 - ފިކުރެއްގެ ދިރުން" އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދިނުމުގެ ވައުދެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރަށް ހަތަރު އަހަރުވީއިރު އެ ސަރުކާރުން އެކުލަވާލި ކޮންޓްރެކްޓަކުން ބޯހިޔާވަހިކަމެއް ފޯރުކޮށްދިން އެންމެ ރައްޔިތަކު ވެސް ނެތް ކަމަށެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ ވެސް މި ސަރުކާރުން ވީ ބޮޑު މުހިންމު ވައުދެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވީއިރު މާލެ މީހުންނަށް ދޭން ވައުދުވި ގޯތިތައް ހުރީ ކަނޑުއަޑީގައި ކަމަށެވެ.

"މިހާރު ފްލެޓް ދޮންބެ މި ވާހަކަ ދައްކަނީ... ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މި ސަރުކާރުން އެކުލަވައިލި ކޮންޓްރެކްޓަކުން ބޯހިޔާވަހިކަމެއް ފޯރުކޮށް ނުދެވުނު. މާލެ ސަރަހައްދުން ދޭން ވިދާޅުވި ގޯތި އަދި ހުރީ ކަނޑު އަޑީގައި. މާދަމާ އޮތީ އިންތިހާބު. ރާއްޖޭގެ އެތައް ރައްޔިތުންނެއް، އެމްޑީޕީގެ އެތައް މެންބަރުންނެއް ރައީސް ސޯލިހާ ދުރުވާން ޖެހުނު ވަރަށް ބޮޑު ސަބަބަކީ ބޯހިޔާވަހިކަން... ރަށްރަށުން ވެސް ނުދެވުނު. އޭގެ ސަބަބެއް އަދި އަމުދުން ނޭނގުނު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރު ފެއިލްވީ މާލެ ރައްޔިތުންނާއި މާލެ ސަރަހައްދުގައި ދިިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެތައް ރަށެއްގައި އެމަނިކުފާނުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކި ބޮޑެތި ބިންތައް ހުރިއިރު އެއިން އެއްވެސް ތަނަކުން ބޯހިޔާވަހި ކަމަށް ގޯތި ދުލެއް ނުކުރެވުނެވެ.

އަދި ރައީސް ސޯލިހަށް ޖޯކު ޖައްސަވާ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވައުދުވީ މިފަދަ އެއްވެސް ކަމަކަށް ވެރިކަމަށް ވަޑައިގެން ރިއެކްޓް ނުކުރައްވި ކަމަށެވެ.

"އިންތިހާއަށް ބިން އެބައޮތް. އަޅުގަނޑުމެންގެ ސަރުކާރުގައި ކުޅުދުއްފުށީގައި، ހިންނަވަރުގައި، ތުޅާދޫގައި ދިއްދޫގައި އަދި އެތައް ރަށެއްގައި ހިއްކާފައިވާ ބިން އަދި ރަައީސް ޔާމީންގެ ސަރުކާރުގައި ވެސް ހިިއްކާފައިވާހާ ބިން ފެނިގެން އަޅުގަނޑުމެން ބުނީމޭ މެނިފެސްޓޯގައި އަޅުގަނޑުމެން ލިޔުނީމޭ، ވައުދުވީމޭ ހަމަ މަސް ދުވަހުގެ ތެރޭގައި ގޯތި ކަނޑާފައި ދޭނަމޭ. ނުވި، ނުވި. ރިއެކްޓެއް ނުކުރެއްވި. ވެށިފަހި މާލެ ޕްރޮގްރާމަކަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވާހަކަތައް ތަފާތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެެރީންނާއި ބައްދަލު ކުރައްވަނީ

ނަޝީދު މިހެން ވިދާޅުވިއިރު ހަ މަސް ފަހުން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި ރައީސް ސޯލިހް ވަނީ ބޯހިޔާވަހިކަން ކަށަވަރު ކޮށް ދިނުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މާ ލެއާއި އަތޮޅުތަކުގެ ތެރޭގައި 16،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫއުތައް ހިނގަމުން އެބަ ދެއެވެ.

މާލޭގައި 8،700 ފްލެޓްގެ މަސައްކަތް ކުރިއަށްދާއިރު މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ފުލެޓް ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ. ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯއްޗަށް އެދި 15،164 މީހުން ފޯމު ހުށަހަޅާފައިވާއިރު ފުލެޓަށް 20،697 މީހަކު އެދި ފޯމްލާފައިވާ ކަމަށް ވިދާޅުވިއެވެ.

މާލޭ މީހުނަށް ހާއްސަ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގައި މިފަހަރު ދޫކުރަނީ 3000 ގޯއްޗާއި 4000 ފުލެޓާއެކު 7000 ބޯހިޔާވައްސެވެ. ގޯއްޗާއި ފުލެޓް ދެނީ ހުޅުމާލެ އާއި ގުޅިފަޅުންވެ. ދެން ގިރާވަރު ފަރު ހިއްކައިގެންނެވެ.

މި މަޝްރޫއުގައި ގޯތި ދޭން މާލެ މީހުންތޯ ބެލުމަށް ފުރަތަމަ ބެލުނު މިންގަނޑު ފަހުން ބަދަލު ކުރި އެވެ. މިހާރު މާލޭ ރައްޔިތެއް ކަމުގައި ބަލާނީ މީގެ ކުރިން އެހެން ތަނެއްގައި ރެޖިސްޓްރީ ވެފައި ނުވާ މީހުނެވެ. ގޯތި ދޭއިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރާނެ އެވެ. އެގޮތުން ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، 4000 އަކަފޫޓުގެ ބިމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.