ޓެބްލެޓް މާކެޓަށް ވަނުމަށް ގޫގުލުން ކުރިން ކުރި މަސައްކަތް ވަނީ ފޭލިވެފަ އެވެ. އާ ހިތްވަރަކާ އެކު 2023 ގައި ޓެބްލެޓް މާކެޓުން ތަންގަނޑެއް ކާލުމަށް ގޫގުލުން ވަނީ މަސައްކަތް ފަށާފަ އެވެ.
މޯބައިލް ޓެކްގެ ދުނިޔޭގައި ޓެބްލެޓްތަކަކީ މުހިންމު ދައުރެއް އަދާ ކުރާ އާލާތަކަށް އޮންނަނީ ވެފަ އެވެ. އެ ނޫން ގޮތެއްގައި ނަމަ އެޕަލް އާއި ސެމްސަންގް ފަދަ ސްމާޓް ފޯނުތަކަށް މަޝްހޫރު ގިނަ ކުންފުނިތަކުން ކަސްޓަމަރުންނަށް ޓެބްލެޓެއް ހުށަނޭޅީހެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޫގުލުން ވެސް މި ޗޭނުގެ ބޮޅުތަކުން ބޮޅެއްގައި ގެތެވި ޓެބްލެޓެއް އުފެއްދުމުގެ ވިސްނުން އެބަ ގެންގުޅެ އެވެ. އެއީ މައުލޫމާތު ލިބޭ ގޮތުން ގޫގުލް ޕިކްސެލް ޓެބްލެޓެވެ.
ގޫގުލުން ޕިކްސެލްގެ ނަމުގައި ސްމާޓްފޯނެއް ވަނީ އުފައްދާފަ އެވެ. ޕިކްސެލް ވޮޗްގެ ނަމުގައި ސްމާޓް ގަޑިއެއް ވެސް ވަނީ އުފައްދާފަ އެވެ.
ޕިކްސެލް ޓެބްލެޓްގެ ނަމުގައި މިއަހަރު ކަސްޓަމަރުންނަށް ޓެބްލެޓެއް ފޯރު ކޮށްދޭނެ ކަމަށް ސަޕޯޓަރުން ހީކޮށްގެން ތިބި ނަމަވެސް މި އަހަރު ވެސް މި ނިމެނީ އެވެ. ޓެބްލެޓަކާ ބެހޭ ރަސްމީ ވާހަކައެއް ގޫގުލްގައި ނެތެވެ.
އެހެން ނަމަވެސް ގޫގުލުން ބާއްވާ ބައެއް އިވެންޓްތަކުގައި ޕިކްސެލް ޓެބްލެޓަކަށް އަލިއަޅުވާލަ އެވެ. އޭގެ މޮޅު ވާހަކަ ނުދެއްކި ނަމަވެސް، ޕިކްސެލް ޓެބްލެޓަކީ ގޫގުލްގެ އުފެއްދުންތަކަށް ލޯބި ޖެހިފައި ތިބި މީހުންނަށް ފިސާރި އެއްޗަކަށް ވާނެ އެވެ.
ގޫގުލުން ޓެބްލެޓް މާކެޓަށް ވަނުމުގެ ބޭނުމަކީ ހާޑްވެއާ މާކެޓްގައި ސެމްސަންގާއި އެޕަލްއާ ވާދަ ކުރުމެވެ. އެ ނޫން ގޮތެއްގައި ކަސްޓަމަރުން ހޯދުމަކީ ވެސް ގޫގުލްއަށް ބޮޑު ފައިދާއަކަށް ވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލްގެ އައިޕެޑަށް ވުރެ ގޫގުލްގެ ޕިކްސެލް ޓެބްލެޓްތައް އަަގު ހެޔޮ ކުރާނެ އެވެ. ޓެބްލެޓް މާކެޓަށް ވަންނައިރު ބޭނުމަކަށް ވެފައި އޮންނާނީ ކަސްޓަމަރުންގެ ތާއީދު ހޯދުމެވެ.