ސުނާމީ ރާޅާއެކު ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. ގެއްލުނު އެއިން އެކަކު ވެސް ނުފެނެ އެވެ. އެމީހުންގެ ބޯވެސް ގުނަނީ މަރުވި މީހުންގެ ގޮތު އެވެ.
ދެހާސް ހަތަރެއްގެ، އޭޝިއާ ސުނާމީއަށް ފަހު ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ އެހީތެރި ކަމާއި އެއްބައިވަންތަ ކަމުގެ ރަމްޒު އަބަދަށް ބޭއްވުމަށް ބައެއް ކަންކަން ކުރި އެވެ. އޭގެ ފަހުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތު އެވެ. އަދި ސުނާމީ ބިނާއެއް ހެދި އެވެ. މި ސުނާމީއަކީ އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް ޑިސެމްބަރު 26، 2004 ގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީއެކެވެ. އުސް ރާޅުބައިގެ އެ ކާރިސާގައި ރާއްޖެ ދޮވެލި އެވެ. މީގެ 18 އަހަރު ކުރީން އެ ދުވަހުގެ ހެނދުނު 9:30 ސުނާމީ ރާޅު އަރައި ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށެއް ހަލާކު ކޮށްލި އެވެ. އަދި އެ ބިޔަ ބޮޑު ރާޅާއެކު ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. ގެއްލުނު އެއިން އެކަކު ވެސް ނުފެނެ އެވެ. އެމީހުންގެ ބޯވެސް ގުނަނީ މަރުވި މީހުންގެ ގޮތު އެވެ.
މި ލޯބި ކުޑަ ކުއްޖާ ސޯހާ ހަސަން، ރަށުގެ މަގުމަތީން ހިނގާލާފައި ދަނިކޮށް ފޮޓޯއެށް ނެގިއަސް ހެޔޮތޯ އަހާލުމުން ބުނީ އާނއެކޭ އެވެ. ފޮޓޯ ކިތަންމެ ބައިވަރެއް ނެގިޔަސް އެންމެ ރަނގަޅުތޯ އެހުމުން ވެސް ބުނީ އޯކޭ އެވެ. ސޯހާ ބުނި ގޮތުގައި އޭނާއަށް ސުނާމީ ވެސް އެނގެ އެވެ.
"އެކަމަކު ސޯހާއާ އެހާ ރައްޓެއްސެއް ނޫން! ނުއެއް ދެކެން، އަޑު އަހަން،" ސޯހާ ބުންޏެވެ.
ސުނާމީގެ ރާޅާއި ކާރިސާގެ ވާހަކައިން އާހައިލުމުން މާ ގިނަ ވާހަކައެއް ސޯހާގެ ނެތެވެ. ޝައުގުވެރިކަން ހުރީ ފޮޓޯއަށް ހުއްޓިލައި ހީނލާ ހަދާށެވެ. އަދި އަވަހާ ގެއަށް ދާން ހިނގައިގަންނާށެވެ. އެނާގެ މަންމަ ވަރަށް ގާތުގައި ބަލާން ހުއްޓެވެ.
އަހުމަދު އައުފްއާ ބައްދަލު ވަނީ އޭނާގެ ގެއާ ވަރަށް ކައިރިން ބައިސްކަލް ދުއްވާލަން ނުކުމެ އުޅެނިކޮށެވެ. އޭގެ ފަހުން ޖެހިގެން އައި ދުވަހު ވެސް މަގުމަތީން އައުފްއާ ބައްދަލުވި އެވެ. އުމުރުން އަދި ހަތަރު އަހަރުގެ އައުފަކީ އޭނާ ބުނި ގޮތުންނަމަ މިރަށުގެ ވައިޓްރޯސް ގޭ ކުއްޖެކެވެ. ކޮންމެ ދުވަހަކު ވެސް ބައިސްކަލް ދުއްވާލާން ނުކުމެ އުޅެވެ އެވެ. އަދި ރާޅު ބަލާލަން ވެސް ދެއެވެ.
ދެ ފަހަރު އައުފްއާ ބައްދަލުވުމުން ވެސް ރާޅުގެ ވާހަކަ ބުންޏެވެ. އެހެން ވެގެން ސުނާމީ ރާޅު އެނގޭ ހެއްޔޭ އަހައި ލެވުނެވެ. އައުފް ބުނި ގޮތުގައި އޭނާއަށް ސުނާމީގެ ވާހަކަ ކިޔައި ދިނީ އޭނާގެ ކުޑާ އެވެ. ކުޑާއަށް ރާޅުގެ ވާހަކަ ކިޔައި ދޭން އެނގޭނެ އެވެ.
"އާނ ސުނާމީ އެނގޭނެ އެއީ ކުޑާ އަބަދު ސުނާމީ ރާޅު ކިޔާނެ. ރާޅުގެ ވަރަށް ގިނަ ވާހަކަ ކުޑާއަށް އެނގޭނެ،" އޭނާ ބުންނެވެ.
މިއީ ޒަކާ އެވެ. ގޮވާލުމުން ވަރަށް ރީއްޗަށް އޯއިއެކޭ ބުނެލައިފި އެވެ. ހީނލާ ބަލާށޭ ބުނުމުން ރީއްޗަށް ހީނލައިފި އެވެ. ފޮޓޯއަކަށް ހުއްޓިލައި ބަލާށޭ ބުނުމުން ހުއްޓި ވެސް ލައިފި އެވެ. ވާހަކައެއއް އަހާލަންތޯ ބުނުމުން ބުނީ އާހަލިއަސް ރަނގަޅުވާނެ އޭ އެވެ. ލޯބި ކުއްޖެއް ދޯއެވެ.
ކުރި ހަމަ އެއް ސުވާލެކެވެ ސުނާމީ އެނގޭ ހެއްޔެވެ؟ ޖަވާބެއް ވެސް ދިނެވެ:
"ސުނާމީ ރަނގަޅަށް އެނގޭނީ ބައްޕައަށް!"
ހީނާލައި ހިނގައިގެންފި އެވެ. ދެން ދުއްވައިގެންފި އެވެ.
އުމުރުން 14 އަހަރުގެ ކުޑަކުޑަ ބިލާލް ތިރި ފާރުބުރިއެއްގެ މަތީގައި މަޑުކޮށްލައިގެން އިންނެވެ. ސަލާމް ގޮވާލުމުން ބަލައިފެންފައި އަތް ދިއްކޮށްލައިފި އެވެ. ދެކެފަރިތަ ދެ ރަހުމަތްތެރީންހާ ކައިރި ކޮށެވެ. ކުޑަކުޑަކޮށް އަރައިރުމެއް ވެސް ދިޔަ އެވެ. އެއީ ބިލާލަށް 14 އަހަރެއް އަދި ނުވާނެއޭ ބުނެވުމުންނެވެ. ކުޑަކުޑަ ބިލާލް ބުނި ގޮތުގައި އޭނާއަށް 14 އަހަރު ނޫން އަހަރެއް ކިޔާނީ އިތުރު އަހަރެއް ފުރި އާ އަހަރަކަށް އަޅައިގަތީމަ އެވެ. މި ލޯބި ލޯބި ކުޑަކުއްޖާ ގާތު ސުނާމީ ސުވާލު އެހެވުނެވެ.
ބިލާލް ބުނި ގޮތުގައި އެއީ ބޮޑު އުސް ރާޅެކެވެ. ފުރަތަމަ އެރީ އިންޑިއާ އަށެވެ، ދެން އެ އައި ގޮތަށް އައިސް މިރަށް، މަތިވެރިއަށް އެރީ އެވެ.