ސުނާމީގެ ފަހުން ރިނބުދޫގެ މީހުންނަށް ކ. ތުލުސްދޫއަށް ދިރިއުޅުން ބަދަލުކުރަން ލިބުނު ފުރުސަތުގައި 2005ވަނަ އަހަރު ޒިޔާދު ވެސް ދިރިއުޅުން ބަދަލުކުރީ އެވެ.
ސުނާމީގެ ބިރުވެރި ހަނދާންތަކަށް 18 އަހަރު ފުރުނު ނަމަވެސް، އެ ހާދިސާގެ ހިތިކަން ތަޖުރިބާކުރި މީހުންގެ އަރުތެރޭގައި އަދިވެސް ހުރީ އެ ހިތިކަމުގެ ރަހަ އެވެ. އެ މީހުންގެ ހިތާމަތައް އަދިވެސް އިންތިހާ އެވެ. އެ ހަނދާންތަކާ ދުރުވުމެއް ނެތެވެ. ވަށައިގެން އެ ހިޔާލުތައް އަދިވެސް ސަމާސާ ކުރަނީ އެވެ.
ދ. ރިނބުދޫ އިސްމާއިލް ޒިޔާދު، 45އަށް ވެސް އެއީ ދުވަހަކު ފޮހެނުލެވޭނޭ ހަނދާންތަކެކެވެ. އަބަދާއި އަބަދުމެ އާވެ އާވެ ހުންނާނެ ހަނދާންތަކެކެވެ. ސުނާމީގެ އެ ބިރުވެރި ވަގުތުގައި އޭނާ ހުރީ ރިސޯޓެއްގަ އެވެ. އަނބިދަރީންނާ މާ ދުރުގަ އެވެ. އެކަމަކު އުފަން ރަށް، ދ. ރިނބުދޫއަށް ރާޅު އަރައި އެ ރަށް ސުންނާފަތި ކޮށްލިކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ.
"ހެނދުނު 9:24 އެހާކަށްހާއިރު މަންމައަށް އަޑު އިވެނީ ފާޑެއްގެ އަޑުފައްގަނޑެއް. މަންމަ ސިފަކޮށްދިން ގޮތުގައި އެއީ ކަށިކެޔޮވަލެއްގައި ރޯކޮށްލީމަ އަޑެއް ކިޔައެއްނު، އެ ގަޑީގައި މަންމަ ހުރީ ގޭގެ ބަދިގެ ފަރާތުގައި. އެއި ރަށުގެ މެދެއްހާ ހިސާބުގައި. ވަށާފާރު ވެސް ވަރަށް އުސްކޮށް ހުންނާނީ ރާނާފަ،" އެ ދުވަހުގެ ވާހަކަތައް ޒިޔާދު ކިޔައިދޭން ފެށި އެވެ.
އޭރު އެ ގޭގައި އުޅެނީ ޒިޔާދުގެ މަންމަ އާއި އަންހެނުންނާއި އޭނާގެ ދެ ދަރީންނާއި އޭނާގެ އާއިލާގެ ޔަތީމްވެފައިވާ ކުއްޖަކާއި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އެކެވެ. އޭނަގެ ދޮށީ ދަރިއަށް އެއް އަހަރާއި އަށް މަހެވެ. ކުޑަ ދަރިފުޅަށް ތިންމަހެވެ. އަދި ގެންގުޅޭ ޔަތީމް ކުއްޖާއަށް ފަސް އަހަރެވެ. ޒިޔާދުގެ ބޭބެއަކީ ރާއްޖެ ބަލި ހުންނަ ބޭބެއަކަށް ވާތީ އުމުރުން 35 އަހަރުވީ ނަމަވެސް އޭނާގެ އިސްކޮޅުގައި ހުންނާނީ ގާތްގަނޑަކަށް ތިން ފޫޓެވެ. އަމިއްލައަށް ފާހާނާއަށް ގޮސް ހެދުމަކީ ބޭބެއަށް ކުރެވޭ ކަމެއް ނޫނެވެ.
އެ ދުވަސް ފަށައިގެން އައި އިރު ވަކި ހާއްސައެއް ވެސް ނޫނެވެ. ހަމަ އާދައިގެ ދިރިއުޅުމެވެ. ޒިޔާދުގެ އަންހެނުން ވެސް އެ މީހުންގެ ދޮށީ ދަރިފުޅަށާއި އެ ގޭގައި އުޅޭ އޭނާގެ އާއިލާ ކުއްޖާއަށް ސައި ހަދައިދިނުމަށްފަހު ޖެހިގެން ހުރި ގެއަށް ދިޔައީ ތުއްތު ދަރިފުޅަށް ގާތުން ދިނުމަށެވެ. އެ ގޭގައި ހުރި އުނދޯއްޔެއްގައި އޭނާ ގޮސް އިނީ މަންމަ ވެސް ގޭގައި އުޅޭތީ އެވެ.
ކުއްލިއަކަށް އިވެން ފެށީ ބާރު އަޑުފައްގަނޑެކެވެ. އެ އަޑުފަށްގަނޑު އިވެން ފެށުމާއެކު ޒިޔާދުގެ މަންމަ ފާހާނާއާ ދިމާއަށް ދިޔަ އެވެ. ސައިބޯން ތިބި ދެބެއިން ނުކުތީ މަގުމައްޗަށެވެ. ޒިޔާދުގެ އެއް އަހަރާއި އަށްމަހުގެ ދަރިފުޅު އިނީ ފަސް އަހަރުގެ ކުއްޖާގެ އުރުގަ އެވެ. އެ ދެ ކުދިންނަށް ނުކުމެވުނު ވަގުތަކީ ރާޅު އެރި ވަގުތެވެ.
"މަންމައަށް ބޭބެ ގޮވާލި އިރު، ފާހާނާއިން އައިސް މަންމައަށް ނުކުމެވުނީ ރާޅު އައިސް ޖެހުނީ. ރާޅުގަނޑު ތެރެއިިން އޭނާގެ އަތުގައި މަންމައަށް ހިފާލެވުނު،" ޒިޔާދު ކިޔައިދިނެވެ.
"ރާޅުގެ ބާރުގައި މި ނުކުމެވުނީ ބޮޑު މަގަށް. ބޭބެގެ އަތުގެ ހިފައިގެން ރާޅުތަކުގެ ތެރޭގައި އޮޔާ ދަމަމުން ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައީ. ގެންގޮސް މަގުގެ އަނެއް ފަރާތުގައި އަޅުގަނޑުމެން ގެ އިންނަ ކަންމަތި ނޫން އަނެއް ކަންމަތީގައި ހުންނާނެ ފިނިއަށްޓެއް. ރާޅުގެ ތެރެއިން މަންމަގެ ބޯ އެކަނި އެތާ ތިބި މީހުންނަށް ފެންނަނީ އެ ވަގުތުގައި،"
އެ ވަގުތު ޒިޔާދުގެ މަންމަގެ އަތުގައި ހިފާ އެހެން މީހަކު ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކުރި އެވެ. އަދި މަންމަގެ އަތުގައި އޮތް ބޭބެ ވެސް ނަގައި އެތާ ހުރި އަށި މައްޗަށް ލި އެވެ. އަށި މައްޗަށް ލީ އިރުގައި ބޭބެގެ ފުރާނަ ހުއްޓެވެ. އޭރުގައި ވެސް ލޮނުބޮވިފައިވާތީ ބޭބެގެ ބަނޑު އޮތީ ވަރަށް ބޮޑަށް ފުއްޕާފަ އެވެ. މާ ގިނައިރުތަކެއް ނުވެ ބޭބެ މަރުވީ އެވެ.
"އޭރުގައި އަންހެނުން ވެސް ކުޑަ ދަރިފުޅަށް ގާތުން ދޭން އިނުމަށްފަހު ދަރިފުޅު ސަލާމަތްކުރަން ދާން އުޅުމުން އޭނާގެ ރަށްޓެހި އަންހެން ކުއްޖަކު އޭނާ ދިޔައަކަ ނުދިން. އެއީ އެ ރާޅުގެ ތެރެއަށް ކުޑަ ދަރިފުޅު ގޮވައިގެން ނުކުމެއްޖިއްޔާ އަނެއްކާ އެ މީހުންނަށް ވެސް އުންމީދެއް ނެތް އަންހެނުންނާ އެ ތުއްތު ދަރިފުޅާ ސަލާމަތް ކުރެވޭނެކަމުގެ،" ޒިޔާދު ކިޔައިދިނެވެ.
އަނެއް ދެކުދީންގެ ހާލު އަހާށެވެ. މަގުން ވަކި ހިސާބަކަށް ދެވުނު އިރުގައި ފަސް އަހަރުގެ އަންހެން ކުއްޖާ އަތުން، ޒިޔާދުގެ ދަރިފުޅު ދޫވީ އެވެ. އެ ފަސް އަހަރުގެ ކުއްޖާގެ އަތުގައި ހިފެހެއްޓީ އެހެން ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިން ފެނިގެން އެ ކުދިން ސަލާމަތް ކުރީ އެހެން އަންހެނެކެވެ. އެކަމަކު، އަތުން ދޫވެ ޒިޔާދުގެ ދަރިފުޅު ދިޔަތަނެއް ނޭނގެ އެވެ.
އެ ހިސާބުން ޒިޔާދުގެ ދޮށީ ދަރިފުޅު ގެއްލިގެން ހޯދަން ފެށި އެވެ. ރަށުގެ އެންމެން ވެސް އުޅުނީ ޒިޔާދުގެ ދަރިފުޅު ފޭނޭތޯ އެވެ. އެތައް މަސައްކަތަކަށްފަހު އަސުރުން ތިރިވާން އުޅެނިކޮށް ޒިޔާދުގެ ދަރިފުޅު ފެނުނީ އޭނާގެ އަންހެނުންގެ ތިމާގެ މީހަކު އުޅޭ ގެއެއްގެ ޓިނުތަކެއްގެ ތެރެއިންނެވެ. ފެނުނުއިރުގައި އޮތީ މަރުވެފަ އެވެ.
ރިސޯޓުގައި ހުރި ޒިޔާދުއަށް މެންދުރު ނަމާދުކޮށްލަން ދިޔަ ވަގުތު އައީ ފޯނު ކޯލެކެވެ. ގުޅަނީ ރަށުގެ އަބްދުއްރަހީމް ކިޔާ މީހެކެވެ. އާންމު ނަމުން ނަމަ ދޮންބެ އެވެ. ދޮންބެ ގުޅާފައި ބުނީ ކަންތައްތައް ވަރަށް ގޯސް ކަމަށާއި އަވަހަށް ރަށަށް އައުމަށެވެ. އެކަމަކު، އެ ހިސާބުން ޒިޔާދުގެ ހާސްކަން ވީ އިތުރެވެ.
"އަޅުގަނޑު ބުނިން ތިހެން ބުނީމަ އަޅުގަނޑުގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނޭ. ކަންވީ ގޮތް ރީއްޗަށް ބުނީމަ މާ ރަނގަޅޭ. އަޅުގަނޑު ކެތްތެރިވާނަމޭ. ބުނީމަ ބުނީ ވަރަށް ހިތްދަތި ގޮތެއް ވެގެންނޭ މިއުޅެނީ. ދަރިފުޅު ގެއްލިގެންނޭ، ބޭބެ ނިޔާވެގެންނޭ،" ޒިޔާދު ކިޔައިދިނެވެ.
އެ ވަގުތު އޭނާގެ ބަސް ހުއްޓުނެވެ. މީހާ ވެސް ހުއްޓުން އެރި އެވެ. އެކަމަކު، އާއިލާއަށް ޓަކައި ކެތްކުރުން މަޖުބޫރެވެ. އަމިއްލަ ވަޒަނަށް އެބަ ދާން ޖެހެ އެވެ. ވަދާއުގެ ސަލާން ލޯބިވާ ދަރިފުޅާއި ބޭބެއަށް ކުރަން ދާން ޖެހެ އެވެ. އެހެންވެ، ކިތަންމެ ވޭނެއް އެޅިކަމުގައި ވިޔަސް އޭނާ ކެތްކުރި އެވެ.
ރިސޯޓުގައި އޮންނަ ސަޕްލައި ދޯންޏެއްގައި ރަށަށް ދެވުނުއިރު އެ ރޭ 9:30 ވަނީ އެވެ. ރަށަށް އެރުމާއެކު ކުރެވުނު އިހުސާސް ކިޔައިދިން އިރުގައި ޒިޔާދުގެ އަޑުގައި ވަނީ މަޑު ތުރުތުރެކެވެ. އެއީ އާ ކުރަން ފަސޭހަ ހަނދާންތަކެއް ނޫނެވެ. އެކަމަކު، ވަރަށް ހިތްވަރާއެކު ކިޔައިދިނެވެ.
"އަޅުގަނޑު ވެސް އެ ރޭ ރަށަށް އެރި އިރުގައި އަޅުގަނޑު އެންމެ ހިތްދަތިވީ، ރަށުގެ މަގުގައި އިންނާނެ ހަތަރު އަނގޮޅި ކަންމައްޗެއްގައި އިންނާނެ އިވްނިންގްލޯ ކިޔާ ގެއެއް. އަޅުގަނޑު އެތަނުން ލަނބާލައިގެން އައި އިރުގައި މި ފެންނަނީ ރީއްޗަށް ފެންވަރުވާލައިފައި އަޅުގަނޑުގެ 35 އަހަރުގެ ބޭބެ އާއި އެއް އަހަރާ އަށްމަހުގެ ތުއްތު ކުއްޖާ ބާއްވާލައިފައި އޮންނަ ތަން. އެ ދުވަހަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަދި ކިތަންމެ ޒަމާނެއް ވިޔަސް ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫން،" ޒިޔާދު އެ މަންޒަރު ސިފަކޮށްދިނެވެ.
"ޅަފަތުގައި ކުޑަކުޑަ ކުއްޖަކު ނިޔާވުމަކީ އާހިރަތަށް ވިސްނާއިރުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޖަވާހިރަކަށް ވޭ. އެއީ ޝަހީދު މަރެއްގައި ދަރިފުޅު ދުނިޔެއިން ވަކިވެގެން ދިޔައީމަ،"
ދަރިފުޅާއި ބޭބެ ޖަނާޒާގެ ކަންކަމުގައި ހިތްވަރުކޮށް ޒިޔާދު ބައިވެރިވި އެވެ. އެ ދުވަހު ޒިޔާދުއަށް ކުރެވުނީ ހިތްދަތި އިހުސާސެކެވެ. ރިސޯޓުގައި އަނބިދަރިންނާ ދުރުގައި ދިރިއުޅެވުމުން ހިތާމަކުރެވުނެވެ. ގާތުގައި ހުރެވުނު ނަމަ އެ މީހުން ސަލާމަތް ކުރަން މަސައްކަތް ކޮށްދެވުނީހޭ ހިތަށް އެރި އެވެ.
ސުނާމީގައި ތުއްތު ދަރިފުޅަކާއި ބޭބެ ގެއްލުނު މީހެއްގެ ހައިސިއްޔަތުން ޒިޔާދު ބޭނުންވާ ކަމެއް އެބައޮތެވެ. އެއީ ސުނާމީ ބިނާއެއް އެކަނި އެ މީހުންގެ ހަނދާނުގައި އެޅުމުގެ ބަދަލުގައި ދާއިމަށް ފައިދާ ލިބޭނޭ ފަދަ މިސްކިތެއް ބިނާކުރުމެވެ.
ސުނާމީގެ ފަހުން ރިނބުދޫގެ މީހުންނަށް ކ. ތުލުސްދޫއަށް ދިރިއުޅުން ބަދަލުކުރަން ލިބުނު ފުރުސަތުގައި 2005ވަނަ އަހަރު ޒިޔާދު ވެސް ދިރިއުޅުން ބަދަލުކުރީ އެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ ތުލުސްދޫގަ އެވެ. އޭނާގެ ތިން ދަރިން މިއަދު ދުނިޔޭގައި އެބަތިއްބެވެ. އެކަމަކު ދިރިއުޅުމުގެ ބޮޑުބައެއް ގުޅިފައިވަނީ ރިނބުދުއާ އެވެ.
ރިނބުދުއަށް ދާ ކޮންމެ ފަހަރަކު އެ ހަނދާންތައް އޭނާ ވަށާލަ އެވެ. އެއީ ނިމުމެއް ނެތް ހިތި ހަނދާންތަކެކެވެ.